twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ގައުމީ އެއްބައިވަންތަކަން އާލާކުރުމަށް: ރައީސް

ނަބީލާ އިސްމާޢީލް
Jul 19, 2021

ޢީދުގެ އުފާ ފާޅުކުރުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ގައުމީ އެއްބައިވަންތަކަން އާލާކޮށް، މުޖުތަމަޢުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަހަރުގެ އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

މާދަމާ ފާހަގަކުރާ މި އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ހިތާބުގައި ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން އީދުގެ އުފާ ފުރިހަމަ ގޮތުގައި ފާޅުކުރަން ހުރަސް އެޅިފައި ވިޔަސް، ދޭދޭ ގުޅުންތައް ބަދަހިކޮށް، އުފާ ފާޅުކުރުމުގައި ދެމި ތިބުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ އެތައް ކަންތައްތަކެއް ބަދަލުވެފައިވާއިރު، އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހި ކުރަން އިސްކަން ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އިސްލާމްދީނުގައި ކަނޑައަޅާފައިވާ ދެ އީދަކީ ވެސް އެކުވެރިކަމާއި ގުޅުން ބަދަހި ކުރުމުގެ ދެ މުނާސަބަތު ކަން ފާހަގަ ކުރައްވައި، އެ މަނިކުފާނު ވިދާޅުވިގޮތުގައި، މި އީދުގައި އެންމެން ވެސް އިސްކަން ދޭންވީ އީދުގެ ހެޔޮ އެދުންތައް ފޮނުވުމާ އެކު އާއިލީ ގުޅުންތައް ބަދަހި ކުރުމާއި މައިންބަފައިންނާއި އުމުރުން ދުވަސްވީ މީހުންނާ އެކު ވަގުތު ހޭދަ ކުރުމުގަ އެވެ. އެފަދަ ކޮންމެ ކަމަކުން ވެެސް ރަމްޒު ކޮށްދޭނީ މީހުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަން ކަމަށް ވެސް ރައީސްގެ ހިތާބުގައިވެ އެވެ.

ރައީސްގެ ހިތާބުގައިވަނީ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމުގައި ވެސް އެންމެ ބޮޑު ބާރެއް ލިބިގެންދަނީ މީހުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމުން ކަމަށެވެ. އަދި ބައިބައިވުމާއި ދެކޮޅުވެެރި ވިސްނުންތައް އެއްފަރާތް ކުރުމަށް ފަހު އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރައީސް ގޮވައިލެއްވި އެވެ.

ހަމައެއާއެކު ހައްޖުގެ މަތިވެރި އަޅުކަމާއި އަޟްހާ އީދުގެ އުފާވެރިކަމާ ދެމެދުގައިވާ ވަރުގަދަ ގުޅުމުން ޢިބްރަތް ހާސިލްކުރުމަށްވެސް ރައީސްގެ ހިތޯބުގައިވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ގައުމައިގެން ކުރިއަށް ދިޔުމަށްޓަކައި،ހުރިހާ ރައްޔިތުން އެއް އަޒުމެއްގައި މަސައްކަތް ފެށުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355