ދުނިޔޭގެ ގައުމުތަކަށް ކުރިއަށް އޮތް މަސްތަކުގައި ކޮވިޑް- 19 ގެ ޑެލްޓާ ވޭރިއެންޓްގެ ބާރުގަދަ ރާޅުތަކެއް އަންނާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދީފިއެވެ.
އެޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ޑެލްޓާ ވޭރިއެންޓްގެ ބޮޑެތި ރާޅުތަކެއް ގިނަ ގައުމުތަކަކަށް އައުމަކީ ވަރަށް ގާތްކަމެއް ކަމުގައެވެ. މި ރިޕޯޓް ބުނާގޮތުން މިދިޔަ މާޗްމަހު އިންޑިއާއިން ފެނުނު ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓް ދުނިޔޭގެ 124 ގައުމަކަށް މިހާރު ވަނީ ފެތުރިފައެވެ.
ޔޫރަޕްގެ ގައުމުތަކުގައިވެސް ޑެލްޓާ ވޭރިއެންޓްދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކާ ޚިލާފަށް އިނގިރޭސިވިލާތުން މިހާރުވަނީ ކޮވިޑް އާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ދޫކޮށްލާފައެވެ. ނަމަވެސް އިނގިރޭސިވިލާތުން ނިންމި މި ނިންމުމުގެ ނަތީޖާ ފަހުން ގޯސްވެދާނެކަމުގެ އިންޒާރު އެގައުމުގެ ބައެއް ތަޖްރިބާކާރުންވަނީ ދެއްވާފައެވެ.
މި ވޭރިއެންޓްގެ އަސަރު ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށްވެސް ކުރެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އޭގެން ކުރާ އަސަރު ވެކްސިން ނުޖަހާ މީހުންނަށް ވުރެ ކުޑައެވެ.
އެގޮތުން އެމެރިކާއަކީ ކޮވިޑް ވެކްސިންގެ ކަވަރެޖް ވަރަށް ބޮޑު ގައުމެއްނަމަވެސް އެ ގައުމުގައި މި ވޭރިއެންޓް ދަނީ މިމަހުގެ ކުރީކޮޅުން ފެށިގެން ވަރަށް ބާރަށް ފެތުރެމުންނެވެ.
ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓް އަކީ އޭގެ އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ވޭރިއެންޓް ކަމަށްވާއިރު އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އަލްފާ ވޭރިއެންޓް ވަނީ 180 ގައުމެއްގައި ފެތުރިފައެވެ. އަލްފާ ވޭރިއެންޓް އަކީ ޑެލްޓާ ވޭރިއެންޓް އަށްވުރެ ބާރުކުޑަ ވައްތަރެއްކަމަށް ސިއްހަތާބެހޭ ތަޖްރިބާކާރުން ބުނެއެވެ.
ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރެވެންދެން ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަން އޮންނާނެކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެއެވެ.