ހުރިހާ އެންމެންނަށް ހުޅުވާލައިގެން އުރީދޫ މޯލްޑިވްސްއިން "އަތޮޅު ރަން" ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ އިވެންޓްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 27 ވަނަ ދުވަހު އެވެ. މިދުވުމަކީ އާއިލާ މެމްބަރުންނާއި ރަހުމަތްތެރިންއެކުގައި ނުވަތަ އެކަނިވެސް ބައިވެރިވެވިދާނެ ދުވުމެކެވެ.
މި ދުވުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ. މިއީ ރާއްޖޭގައި އުރީދޫއިން މިގޮތަށް ބޭއްވޭ ދެވަނަ ވާޗުއަލް ދުވުމެވެ. މިދިޔަ އަހަރު އުރީދޫއިން ބޭއްވި ވަރޗުއަލް ރަންގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން 5،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި އެވެ. މިފަހަރުވެސް މި ދުވުން ވަނީ ހުރިހާ ސަރަހައްދަކަށް ހުޅުވާލައިފަ އެވެ.
ހުރިހާ އަތޮޅެއްގައި މި ދުވުން އޮންނައިރު 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
މިއަހަރުގެ ދުވުމުގައި 5 ކިލޯމީޓަރުގެ އިތުރުން 10 ކިލޯމީޓަރު ވެސް ވަނީ އަލަށް ތައާރަފް ކޮށްފަ އެވެ. އުރީދޫން މި ދުވުމަށް ކަނޑައަޅާފައިވާ ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށް ފަސް ކިލޯމީޓަރު ދުވުމުގެ ސްކްރީންޝޮޓެއް ޕޯޓަލްއަށް ފޮނުވާލުމުން ދުވުން ފުރިހަމަ ކުރާ ހުރިހާ ދުވުންތެރިންނަށް ހަނދާނީ ލިއުމާއި މެޑަލް ދޭނެ އެވެ.
މި ދުވުމުގައި ރަޖިސްޓްރީވުމަށް އެ ކުންފުނީގެ ވެބްސައިޓުގައިވާ ޕޯޓަލް ore.do/regstr ބޭނުން ކުރެވޭނެ އެވެ. މި ޕޯޓަލް އިން ރަޖިސްޓްރީ ވުމުން ބިބް އަދި ކޮންފަމޭޝަން ކޯޑެއް ލިބޭނެ އެވެ.
މި ވާޗުއަލް ދުވުމާ ބެހޭ އެންމެހާ މައުލޫމާތެއް އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެ އެވެ. މި ދުވުން ބާއްވާނީ އަންނަ އޯގަސްޓް 1 ކުން 7 ގެ ނިޔަލަށެވެ. އުރީދޫގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި މީހަކަށްވެސް ބައިވެރިވެވޭނެ އިވެންޓެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ.