ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަންނަ ކޮންމެ ފަހަރަކު ދިވެހި އަގުހުރި ދަރިންތަކެއް ނިކުމެ ނުހަނު ވަރުގަދަ ޖިހާދެއްކޮށް މިނިވަންކަން ހޯދައިދީފައިވާ މިގައުމުގައި ދިރިއުޅޭ ރައްޔިތުން ދެކެމުން މިދާ އުފާވެރި މިނިވަންކަން ފިރުކައިގަންނަން މަސައްކަތްކުރާނެ ބަޔަކު އުޅެފާނެ ކަމަށް އަބަދުވެސް އަޅުގަނޑުމެން ވިސްނުން ބަހައްޓަން ޖެހޭނެ ކަމަށާއި އެހެންކަމުން މާޒީން އިބުރަތް ލިބި ދިވެހިންގެ މި ލޮބުވެތި ފަސްގަނޑު ދިވެހީންގެ އަތްމަތީގައި ތާ އަބަދަށް ބޭއްވުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބަކަށް ހަދަން އެބަޖެހޭ ކަަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މޭޔަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖެގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާއްމު ކުރި ވީޑިއޯ މެސެޖެއްގަ އެވެ. މި ވީޑިއޯގައި މޭޔަރު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ކުޅުދުއްފުށީ ހުރިހާ ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވާފަ އެވެ.
ރާއްޖެ މިނިވަންވިތާ 56 އަހަރުވުމުގެ އުފަލުގައި ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ އިނގިރޭސިންގެ އަޅުވެތިކަމުގައި 80 އަށްވުރެ ގިނަ އަހަރު އޮތުމަށް ފަހު ރާއްޖެ މިނިވަންވީ މީގެ 56 އަހަރު ކުރިން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ހިކުމަތްތެރިކަމާއެކު ކުރެއްވި ވަރުގަދަ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
""އެ ޖިހާދުގެ ޒިކުރާ އާކޮށް އެކަމުން އަޅުގަނޑުމެން އިބުރަތް ހާސިލްކުރަން އެބަ ޖެހޭ. އަދި އެމަނިކުފާނު އެކުރެއްވި މަސައްކަތަކީ މިއަދު ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިވުން ހައްގު މަސައްކަތެއް."ކުޅުދުއްފުށި ސިޓީގެ މޭޔަރު، މުހައްމަދު އާތިފް
ރާއްޖޭގެ މިނިވަންކަމަށް ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށް މޭޔަރު ވިދާޅުވީ އަޅުގަނޑުމެން މިއަދު ކުރަން ޖެހިފައި މިއޮތް މަސައްކަތަކީ ރައްޔިތު މީހާގެ ފަރުދީ މިނިވަންކަން ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ. ފަރުދެއްގެ މިނިވަންކަން ބަރޯސާވާ އެންމެ ބޮޑު އެއްކަމަކީ މީހާގެ ފުދުންތެރިކަން ކަމަށް މޭޔަރު އާތިފް ފާހަގަކުރި އެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ބާރުވެރި އިގްތިސާދެއް ބިނާކޮށް ރައްޔިތުންގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަކީ މުހިންމުކަމެއް ކަމަށާއި ހަގީގީ މިނިވަންކަން ފަރުދުންނަށް ލިބޭނީ އާއިލާ ތަކަށް ތާހިރު ދިރިއުޅުމެއް އުޅެވޭނެ ބޯހިޔާވަހިކަމަކާއެކު ވަޒީފާގެ ފުރުސަތުތައް އިތުރުވެ އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވެ، އިޖްތިމާއީ ރައްކާތެރިކަންވެސް ކަށަވަރުވެގެން ކަން ފާހަގަކުރައްވާ މި ވީޑީއޯ މެސެޖުގައި މޭޔަރު ވަނީ ގިނަ ކަންތައްތަކަކަށް އަލި އަޅުވާލައިފަ އެވެ.
މޭޔަރު އާތިފް ވިދާޅުވި ގޮތުގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮންމެ ރައްޔިތަކީވެސް ތިމަންނާގެ އަމިއްލަ ހަލާލު މަސައްކަތުން ދިރިއުޅޭ ފަހުރުވެރި މިނިވަނެ ދިވެއްސެކޭ ބުނާ ދުވަސް ކަމަށެވެ. އަދި އޭނާގެ ދުއާއަކީ މި ލޮބުވެތި ވަތަން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ތާ އަބަދަށް މިނިވަންކަން މަތީ ލެހެއްޓެވުން ކަމަށްވެސް ވިދާޅުވި އެވެ.