ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ޓޯކިއޯ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގައި ރަނގަޅު ވާދައެއްކޮށް ހީޓް އެކަކުން ސާއިދުއަށް ހަތަރުވަނަ ލިބިއްޖެ އެވެ. އެއާއެކު ފުރަތަމަ ބުރުގެ ފުރުސަތު ނުލިބި މި ފަހަރުގެ ގޭމްސް ސާއިދުއަށް މިވަނީ ނިންމާލަން ޖެހިފަ އެވެ.
ލޭނު އެކެއްގައި ދުވި ސާއިދު ރޭސް ނިންމީ 10.70 ސިކުންތުންނެވެ. މި ހީޓުގެ އެއް ވަނަ އަށް ދިޔައީ ޒިމްބާބްވޭގެ މަކޫސާ އެންގޯނީ ރޭސް ނިންމީ 10.32 ސިކުންތުންނެވެ. ޓޯގޯގެ ފަބްރީސް ޑަބްލާ ދެވަނައަށް ދިޔައިރު އޭނާ ރޭސް ނިންމީ 10.57 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔައީ ނިކަރާގުއާގެ އެލިއަތު ރޮމޭރޯ އެވެ. އޭނާ ރޭސް ނިންމީ 10.62 ސިކުންތުންނެވެ.
މިހާތަނަށް އޮލިމްޕިކްސްގެ ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ކުޅިވަރު ކުޅުންތެރިޔާ ހަސަން ސާއިދަކީ 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ފުރުސަތު ހޯދި އެތްލީޓެކެވެ. އެފަހަރު ޕްރިލިމިނަރީ ބުރުގައި އޭނާ ރޭސް ނިންމީ 10.43 ސިކުންތުންނެވެ.
ރާއްޖެ އަށް ބައިނަލްއަގްވާމީ މުބާރާތަކުން ފުރަތަމަ ރަން މެޑަލް ހޯދައިދީފައިވަނީ ސާއިދު އެވެ. އެއީ 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުންނެވެ. އެ މުބާރާތުގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް އޭނާ ހޯދި އެވެ.
ސާއިދުގެ އިތުރު ކާމިޔާބީތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރާއި 200 މީޓަރު ރިހި މެޑަލް އޭނާ ހޯދިއިރު 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ 200 މީޓަރުން ރިހި މެޑަލް ހޯދި އެވެ. އަދި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް އާއި 200 މީޓަރުން ލޯ މެޑަލް ވެސް ކާމިޔާބުކުރި އެވެ. އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިން ވެސް ރަން މެޑަލް ހޯދި އެވެ.