twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮވިޑަށް ބެލުމެއް ނެތި އެއްވުންތަކާއި ޕާޓީތައް، މެކުހަށް ޖަހާފައި!

ޚަދީޖާ އާދަމް
Jul 31, 2021
4

ކޮވިޑް-19 ގެ ރާޅުތަކުގެ ތެރޭގައި ރާއްޖެ ފަތަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ބަލި ފެތުރި ކޮމިއުނިޓީ ސްޕެރަޑަކަށް ދިޔަ އެވެ. ކުދި އާބާދީތަކުންވެސް ޕޮޒިޓިވްވި އަދަދު 100 އިން މައްޗަށްގޮސް މަސް ދެމަސް ވަންދެން ރަށް މޮނީޓަރިންގެ ހާލަތުން ނުނެގި، ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

މި ހުރިހާ ކަމެއްވަމުން ދިޔައިރު އިއްޔެއާ ހަމައަށް ކޮވިޑްގެ ފެންބޮޑުނުވެ ހިކިފަސްތަނުގައި އޮތް އެއް ރަށަކަށް ކުޅުދުއްފުށި ވާނެއެވެ. ރާއްޖޭގެ އެހެން ބޮޑެތި އާބާދީތަކުގައި ކޮވިޑް ފެތުރެމުން ދިޔައިރުވެސް ކުޅުދުއްފުށި އޮތީ "ސޭފް ޒޯނުގައި" އެވެ. މާލެ ލޮކްޑައުންއަކަށް ގޮސް ކޮވިޑްގެ ޕީކުގައި އެންމެ ބާރުބޮޑު އެއްރަށަށް ކުޅުދުއްފުށި ވެގެންދިޔައިރުވެސް ރަށުގައި ކޮމިއުނިޓީ ސްޕްރެޑަކަށް މީގެ ކުރިން ގޮސްފައެއް ނުވެއެވެ. އެހެން މިވީ ބައެއްގެ ބުރަ މަސައްކަތުންކަން ޔަގީނެވެ.

މި ލިބުނު ބޮޑު އީދު ބަންދަށް މާލޭގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް ލައްކަ ގިނަ ލުއިތައް އެޗްޕީއޭއިން ދިނެވެ. ލުއިތަކާއެކު އީދު ފާހަގަކުރަން ފޮށިތަންމަތި ހަދައިގެން އެމީހަކަށް ދެވުނު ދިމާލަކަށް ދިޔައީ އެވެ. ބަންދަށް ކުޅުދުއްފުއްޓަށްވެސް ގިނަބަޔަކު އައެވެ. މާލޭގެ ކޭސްތައް މަދުވެފައިވާތީ ގިނަ ބަޔަކު ތިބީ ހިންދަމާލައިގެން ވަރަށް ހަމަޖެހިފައެވެ. އެކަން ދަތްދޮޅީގައި އަޅުވާލާފަ އިންނަ މާސްކުންވެސް ހެކިދެއެވެ.

މިދިޔަ ދުވަސްތަކުގައި ކޮވިޑުން ރަށް ސަލާމަތް ކުރެވިފައި އޮތީ ރައްޔިތުންގެ ބޮޑު އެއްބާރުލުމާއެކު އެވެ. ކަރަންޓީނުގެ ގަވައިދުތަކާ އެޗްޕީއޭގެ ގަވައިދުތަަކަށް ބޯލެބީމަ އެވެ. އެކަމަކު މިހާރު މަޝްރަހު ބަދަލުވެއްޖެ އެވެ. އީދު ދިން ލުއިތަކާއެކު ކޮވިޑުގެ ރާޅު ކުޅުދުއްފުއްޓަށް ބިންދާލާފައިވާއިރު ރަށުގައި ބަލިފެތުރިފައި އޮވެދާނެކަމުގެ ބިރު ހީވެފައިމިވާ ދަނޑިވަޅުގައި ގަވައިދުތަކަށް "ބޯލަބަން" ނުޖެހޭ ބަޔަކު އުޅޭކަމުގެ ވާހަކަ އެވެ. އެއީ އެގަވައިދާ ހިލާފުވިއަސް އަދަބުވެސް ނުލިބޭ ބައެކެވެ.

އަދިވެސް މާލޭގައާއި އަތޮޅުތެރޭގައި މާސްކު އެޅުން މަޖުބޫރެވެ. ހާއްސަކޮށް މޮނީޓަރިންގެ ހާލަތުގައި ރަށް އޮންނައިރު އެވެ. އެހެންނަމަވެސް މާސްކު އަނގައިން ނެއްޓި އޮަންނަނީ ދަތްދޮޅީގައި އެވެ. އެހެން ނޫނީނުވެސް އަޅަނީއެވެ. މޮނީޓަރިންނަށްލުމަށްފަހު ގިނަ މީހުން އެއްވެ އުޅުމާއި އާންމުތަންތަނަށް އެއްވުމާއި، ހަފުލާތަކާއި ޕާޓީތައް ބޭނުން އެއީ މަނާކަންކަމަށެވެ. ނަަމަވެސް މި ހާލަތުގައިވެސް އެކަންކަން ކުރަން "ހުއްދަ" ލިބޭ މީހުން އެބައުޅެ އެވެ. އެއީ ކުރިން ބުނި ގަވައިދަށް ބޯލަބަން ނުޖެހޭ މީހުންނެވެ. އަދަބު ނުލިބޭ މީހުންނެވެ.

ހިތާމަޔަކީ ރަށުގެ ކަމުވޮށިގެންވާ މީހުންނާއި ރަށުގެ މުވައްސަސާތަކުގެ އިސް ބޭފުޅުންވެސް މިފަދަ ކަންކަން ކުރާކަމެވެ. އެހެން ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބެންޖެހޭ ބަޔަކުގެ ފަރާތުން މިފަދަ އަމަލުތައް ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. މި މީހުންގެ ވާހަކަ މިއަދާ ހަމައަށް ނުދައްކަނީ ރަށުގެ ހާލަތު މިހާލަތަށް ކުރިން ވެއްޓިފައިނުވާތީ ކަންނޭނގެއެވެ. ނޫނީ އެވާހަކަ ދައްކައިފިނަމަ ދައްކާ މީހާ ގޯސްވާތީކަމަށްވެސް ވެދާނެ އެވެ.

ދެން އޮތް ކަންބޮޑުވުމަކީ އެފަދަ މީހުންނަށް ފިޔަވަޅު ނޭޅުމެވެ. މާސްކު ނާޅާކަމުގެ ލަބަގު ލިބިފައި ކިތަންމެ ބަޔަކު އެބަ ތިއްބެވެ. އެހެންނަމަވެސް ގަވައިދުތައް ތަންފީޒުކުރަން ތިބޭ އިދާރާތަކަށް އެމީހުން ނުފެނެއެވެ. ހުއްޓުވައި މާސްކު އަޅަން މި އަންގަނީ އާއިލާއެކު އަމިއްލަ ކާރުގައި ދުއްވާލަން ނުކުމެ އުޅޭ އާންމު ރައްޔިތު މީހާ ގާތުއެވެ. މިހާލަތުގައި ރަށް އޮއްވާ ޕާކުތަކުގައި އުފަންދުވަސް ފާހަގަކުރާ މުވައްސަސާތަކުގެ ވެރިން ނުފެނެ އެވެ. އެއްވެ އުޅުންމަނާކޮށްފައި އޮއްވާ މުވައްޒަފުން ނެރެ އޮފީހުން ބޭރުން ކަންކަންކުރުވާ މުވައްސަސާތަކާ މެދު ފިޔަވަޅެއް ނޭޅެއެވެ.

ހަވީރެއް މެންދުރެއް ހެނދުނެއް ނެތި އެއްވުންތަކާއި ތަފާތު ހަރަކާތްތައް ބޭއްވުމުގައި އަވަދިނެތި ގިނަ ބަޔަކު ރަށުތެރޭގައި ދުވެ ނަގަ އެވެ. މައިޒާންތަކާއި ޕާރކުތައް ފުރާ އެކި އުމުރުތަކުގެ މީހުން އުޅެނީ ތަފާތު ހަފުލާތަކާއި ކެއުންތައް ހިންގުމުގައި އެވެ. ހަވީރު މަގުތައް ފުރިފައި އޮންނަނީ ފިނި ބުރުޖަހާ މީހުންނެވެ. ބަލާނެ ބަޔަކު ނެތް ކަހަލަ އެވެ. ތަންފީޒީ އިދާރާތައް ކޮބާތޯ އެވެ.

މިއީ އެންމެ ކުރިންވެސް މިކަންކަން ހިނގަމުން އައި ގޮތެވެ. އެކަށީގެންވާ ގޮތުގައި ގަވައިދުތަކަށް ބޯލަބާތޯ ނުބެލޭއިރު ފިޔަވަޅު އަޅައި ޖޫރިމަނާކުރަނީ ވަކި ބައެކެވެ. ހިތާމައަކީ ހާލަތު ގޯސްނުވަނީސް މިފަދަ ކަންކަމާމެދު ފިޔަވަޅު އެޅުން ލަސްކުރުމެވެ. އަދި ހާލަތު ގޯސްވާހިނދު ތިމާގެ ޒިންމާ އަދާކުރުމުގެ ބަދަލުގައި އަނެއްކާއަށް އިނގިލި ދިއްކުރުމެވެ. ގޯސްވެގެންދާ ހާލަތުގައި ގޯސްވަނީ ނިކަމެތި ރައްޔިތު މީހާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355