ލަލީގާގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ބެންޒެމާގެ ދެލަނޑާއެކު ރެއާލުން އަލަވޭސް ބަލިކޮށްފި އެވެ.
މިމެޗު 4 - 1 ން ރެއާލުން ކާމިޔާބުކުރިއިރު މެޗުގައި ބެންޒެމާ ވަނީ ދެލަނޑު ޖަހާދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 48 ވަނަ މިނެޓުގަ އެވެ. މިލަނޑު ޖެހީ ހަޒާޑް ދިން ބޯޅައަކުން ކަރިމް ބެންޒެމާ އެވެ.
ރެއާލްގެ ދެވަނަ ލަނޑު އޭގެ އިރުކޮޅެއްފަހުން 56 ވަނަ މިނެޓުގައި މޮޑްރިޗް ނަގައިދިން ހުރަހަކުން ޖަހައިދިނީ ނަޗޯ އެވެ. އަދި ރެއާލްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 62 ވަނަ މިނެޓުގައި އަނެއްކާވެސް ބެންޒެމާގެ ފަރާތުންނެވެ. މިއީ ފުރަތަމަ ޝޮޓް ނާކާމިޔާބުވުމުން ލިބުނު ރީބައުންސަކުން ބެންޒެމާ ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ 3 ވަރަކަށް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން އަލަވޭސް ސްޓްރައިކަރު ހޮސޭލޫ ވަނީ އަލަވޭސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްފަ އެވެ. ރެއާލްގެ 4 ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 92 ވަނަ މިނެޓުގަ އެވެ. މިއީ އަލަބާ ނަގައިދިން ހުރަހަކުން ވިނިޝަސް ޖޫނިއާ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ.
މިސީޒަނަށް ކާލޯ އެންސެލޯޓީ އާއި ބޭލް ވެސް ވަނީ އެނބުރި އައިސްފަ އެވެ. އެވަޓަން އަށް ކޯޗުކޮށްދިނުމަށް ފަހު އެންސެލޯޓީ އެނބުރި އައިއިރު ބޭލް އައީ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމްގައި ދުވަސްތަކެއް ހޭދަކޮށްފަ އެވެ.
އެންސެލޯޓީ އޭނާގެ ފުރަތަމަ އެގާރައިގައި ބޭލް ހިމެނިއިރު ޒިނެދިން ޒިދާނުގެ ޓީމަށް ކުޅެން ބޭލްއަށް އެހާ ވަރަށް ފުރުސަތު ނުލިބި އިންނަން ޖެހުނީ ބެންޗުގަ އެވެ. މީގެކުރިން އޭނަ ރެއާލަށް ކުޅެދިން މެޗަކީ 2020 ވަނަ އަހަރުގެ ޖޫން މަހު މަލޯކާއާ ދެކޮޅަށް ކުޅުނު މެޗެވެ.
ބަޔާނުން އައުމަށްފަހު މިމެޗަކީ އުއްމީދީ ޑިފެންޑަރު އަދި އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާގެ ޑެބިއުޓް މެޗެވެ. އަދި ރެއާލްގައި އިންޖަރީގެ ސަބަބުން ވަރަށް ދަށް ސީޒަނަކަށްފަހު މިސީޒަނުގައި ހަޒާޑްވެސް ހުރީ ރަނގަޅު ފޯމެއްގަ އެވެ.