ހއ ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމް.ޑަބްލިޔު.އެސް.ސީއިން ފަށައިފި އެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތްތަކެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ތަކަންދޫއަށް ގެންދެވިފަ އެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 37.8 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ
މައި ނެޓްވޯރކެއް ޤާއިމް ކުރުމާއި އާރއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރަށް ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރަށް ގޭގޭގައި ފެންމީޓަރު ބަހައްޓައި ދިނުމާއި ފެނުގެ ކަނެކްޝަން ގުޅައިދީ އެގެތަކަށް ރައްކާތެރި ބޯފެން ވެސް ފޯރުކޮށްދެވިގެންދާނެއެވެ.
މިމަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 33.6 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯރކެއް
ޤާއިމްކުރުމާއި، 04.1 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތުގެ އިތުރަށް 3 ޕަންޕިންގ ސްޓޭޝަން އަދި 1 ސީ އައުޓް ޕޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެންދާނެ އެވެ.
މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ތަކަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ
ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށާއި މިމަޝްރޫއުގެ އަގަކީ 76 މިލިއަނެއްހާ ދިވެހި ރުފިޔާ ކަމަށް އެކުންފުނީގެ ނޫސްބަޔާނުގައިވެ އެވެ. މި މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ.
މިމަޝްރޫއުގެ މަސައްކަތް ނިމުމުން ތަކަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެކަމުގެ ޔަގީންކަން އެމް.ޑަބްލިޔު.އެސް.ސީއިން ދެ އެވެ.