ކުޅުދުއްފުށީ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމާއި ބެހޭގޮތުންނާއި އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ރީޖަނަލް އެއާޕޯޓްސްއާއެކު މަޝްވަރާ ކުރައްވައިފި އެވެ.
ރީޖަނަލް އެއާޕޯޓްސް ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރާ އެ ކުންފުނީގެ ޓީމެއް އިއްޔެ ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށްފައެވެ. އެ ޓީމާއެކު ކުޅުދުއްފުށީ ކައުންސިލުން ބައްދަލުކޮށް އެއާޕޯޓަށް ދިމާވެފައިވާ ގިނަ މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ އެއާޕޯޓުގެ ހުޅަނގު ތޮށި ހަލާކުވާ މައްސަލައާއި އިރުމަތި ފަރާތް ގިރާ މައްސަލަވެސް ހުށައަޅާފައިވާނެ ކަމަށެވެ. މީގެ އިތުރުން އެއާޕޯޓްގެ އެކްޓެންޝަން މަސައްކަތާއި ރަންވޭގައި ލައިޓް ހަރުކުރުމާއި އެއާޕޯޓް ސަރަހައްދުގައި ރެސްޓޯރެންޓެއް އެޅުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ މޯލްޑިވިއަންއާއެކު މަޝްވަރާކޮށް ފްލައިޓް އިތުރުކުރުމާ ބެހޭގޮތުން ބައްދަލުވުމުގައި ވާހަކަ ދައްކާފައިވާނެ ކަމަށެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށި ދެ ދާއިރާ މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ކުޅުދުއްފުށީ އެއާޕޯޓް ހުޅުވިތާ ދެ އަހަރުވެފައިވާއިރު އެއާޕޯޓް ހުޅުވިފަހުން އެތަން ތަރައްގީކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތައް ކުރީގެ ކައުންސިލުންވެސް އެކި ފަހަރުމަތިން ލިޔުމުން ވަނީ ރީޖަނަލް އެއާޕޯޓްސްއަށް ހުށައަޅާފަ އެވެ.