twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ވިޔަފާރީގެ ރައުސްމާލު އެއީ ތިމާ އެކަނި އުފައްދާ އެއްޗަކަށް ހަދަން ބޭނުންވީތޯ؟

Aug 26, 2021

ވިޔަފާރީގެ ފައިދާއަކީ ހަމައެކަނި ތިމާއަށް ލިބިދޭ އެއްޗަކަށް ހަދަން ބޭނުންވަނީތޯއެވެ؟ އަދި އަމިއްލަ ނަމުގައި ވިޔަފާރިއެއް ހިންގަން ބޭނުންވަނީތޯއެވެ؟ މިގޮތުން ވިޔަފާރީގައި އިތުރު ބައިވެރިއަކު ނެތި، އަމިއްލަ ގޮތުން ވިޔަފާރިއެއް ހިންގުމަކީ ގިނަބަޔަކު ޝައުޤުވެރިވާނެ ކަމެކެވެ. އަމިއްލަ ގޮތުން ވިޔަފާރިއެއް ރަޖިސްޓަރީކޮށްގެން ވިޔަފާރިއެއް ހިންގުމަށާއި، މިފަދަ ވިޔަފާރިއެއްގެ ރަޖިސްޓަރީ އާކުރުމަށް ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާލަމާތޯއެވެ.

އަމިއްލަ ވިޔަފާރި

އަމިއްލަ ވިޔަފާރި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކީ، އެންމެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްގެން ހިންގޭ ވިޔަފާރިއެކެވެ. އަދި މިފަދަ ވިޔަފާރިއެއްގެ މަސްޢޫލުވެރިޔަކަށް ވާނީ، އެމީހެއްގެ ނަންމަތީގައި އެ ވިޔަފާރިއެއް ރަޖިސްޓަރީ ކުރެވޭ މީހާއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފިކަމުގައިވާނަމަ، އެ ވިޔަފާރިއާއި ވިޔަފާރީގެ މަސްޢޫލުވެރިޔާ ވަކިނުކުރެވޭނެއެވެ. އެހެންގޮތަކަށް ބުނާނަމަ، އެ ވިޔަފާރީގެ އެންމެހައި މިލްކިއްޔާތެއްގެ މިލްކުވެރިފަރާތަކީ އަދި އުފައްދާ ފައިދާ ރައުސްމާލަކީ، މަސްޢޫލުވެރިޔާގެ އެއްޗެއްކަމުގައިވެގެންދެއެވެ. އަދި މިފަދަ ވިޔަފާރިއަކުން ލިބޭ ގެއްލުމާ، ދަރަންޏާ އަދި ވިޔަފާރީގެ އެންމެހައި މުޢާމަލާތްތަކުގެ ޒިންމާވެސް، މަސްޢޫލުވެރިޔާ ނަގަންޖެހިދެއެވެ.

ރަޖިސްޓްރީ ކުރުން

ވިޔަފާރިއެއް ކުރަން ބޭނުންކަމުގައިވާނަމަ ވިޔަފާރި ފެށުމުގެ ކުރިން، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަށް ހުށަހަޅަންވާނެއެވެ. އެގޮތުން، ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަމާ، ހިންގަން ގަސްދުކުރާ ވިޔަފާރީގެ ބާވަތާ، ދާއިރާ އަދި ވިޔަފާރި ހިންގުމަށް ކަނޑައަޅާފައިވާ ތަނުގެ މަޢުލޫމާތު ފަދަ މަޢުލޫމާތުތައް ހުށަހަޅަންވާނެއެވެ.

އެގޮތުން، އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރުމަށް ހުށަހެޅުމުން، ރަޖިސްޓްރާރ އޮފް ކޮމްޕެނީސް އިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޝަރުޠު ހަމަވާނަމަ، 5 އަހަރުދުވަހުގެ މުއްދަތައް ވިޔަފާރި ރަޖިސްޓަރީ ކޮށް، ވިޔަފާރީގެ ދަފްތަރުގައި ހިމެނުމަށްފަހުގައި ވިޔަފާރި ރަޖިސްޓަރީ ކުރިކަމުގެ ސެޓްފިކެޓެއް ވިޔަފާރީގެ މަސްޢޫލުވެރިޔާ އަށް ލިބިގެންދާނެއެވެ.

ރަޖިސްޓަރީ ނުކޮށްދިނުން

އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅިކަމުގައިވީނަމަވެސް، އެ ވިޔަފާރި އަކީ ޤާނޫނާ ޚިލާފު ޢަމަލެއް ނުވަތަ ޢަމަލުތަކެއް ހިންގުމަށް ބޭނުންކޮށްފާނެ ވިޔަފާރިއެއްކަމުގައި ނުވަތަ އެ ވިޔަފާރީގެ ސަބަބުން ޢާންމު މަޞްލަޙަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭ ޙާލަތެއް މެދުވެރިވެދާނެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރ އަށް ޤަބޫލުކުރެވޭނަމަ، އަމިއްލަ ވިޔަފާރި ރަޖިސްޓަރީކޮށްނުދިނުމުގެ އިޚްތިޔާރު ރަޖިސްޓްރާރ އަށް ލިބިގެންވެއެވެ. އަދި މިފަދައިން ރަޖިސްޓްރާރ ނިންމައިފިނަމަ، އެ ނިންމުން ނިންމި ސަބަބު ރަޖިސްޓަރީ ކުރުމަށް ހުށަހެޅި މީހާއަށް އަންގަންވާނެއެވެ.

ރަޖިސްޓަރީ އާކުރުން

ހިންގަމުންދާ ވިޔަފާރިއަކީ ޤާނޫނާ ޚިލާފު ޢަމަލެއް ނުވަތަ ޢަމަލުތަކެއް ހިންގުމަށް ބޭނުންކުރަމުންދާ ވިޔަފާރިއެއްކަން ނުވަތަ ވިޔަފާރީގެ ސަބަބުން ޢާންމު މަޞްލަޙަތަށް ނުރައްކަލެއް ކުރިމަތިވަމުންދާކަން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރ އަށް ޤަބޫލުކުރެވޭ ކަމުގައިވާނަމަ، އެ ހިންގަމުންދާ ވިޔަފާރީގެ ރަޖިސްޓަރީ ބާޠިލްކުރުމުގެ ބާރު، ރަޖިސްޓްރާރ އަށް ލިބިގެންވެއެވެ. މިގޮތުގެ މަތިން ބާޠިލްކޮށްފިނަމަ، އެކަން ވިޔަފާރީގެ މަސްޢޫލުވެރިޔާއަށް އެންގުމަށްފަހު އެވިޔަފާރިއެއް ދަފްތަރުން އުނިކުރެވޭނެއެވެ.

އަމިއްލަ ވިޔަފާރި އެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި އެއް ހިންގާ ކަމުގައިވާނަމަ، އެކަންކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ ވިޔަފާރި އެއް ކުރުމަކީ، އެންމެ ބުއްދިވެރި އަދި އެވިޔަފާރީގެ މަސްޢޫލުވެރިޔާއަށްވެސް އެންމެ ރައްކާތެރި ގޮތެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355