twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހދ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ވަހީދަށް ފިޝަރީޒް އިން ދޫކޮށްފައިވާ ދޯންޏެއްގެ މައްސަލައިގައި އެދޯނި އޮތްތަނަކުން ހޯދައި ފ. ބިލެއްދޫ އަހްމަދު ނާޞިރަށް ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި

May 23, 2011

ހދ އަތޮޅު ކައުންސިލުގެ ރައީސް ހދ ކުޅުދުއްފުށީ ކޯދު އާދަމް ވަހީދަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ދޯންޏެއް، އާދަމް ވަހީދު އެހެން މީހަކަށް ދިނުމަށް އެއްބަސްވެ އެ އެއްބަސްވުމާ އެއްގޮތަށް އެދޯނި އެފަރާތާ ހަވާލުކޮށްފައިނުވާތީ، އެ ދޯނި އޮތްތަނަކުން ހޯދައި 10 ދުވަހުގެ ތެރޭގައި އެދޯނި މިހާރު ލިބެންޖެހޭ ފަރާތަށް ހަވާލުކުރަމަށް އަންގާ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ، އާދަމް ވަހީދު ޢަލީ އާއި ފިޝަރީޒް މިނިސްޓްރީ އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދިގުމުއްދަތެއްގައި ފައިސާ ދައްކާގޮތަށް އެމިނިސްޓްރީން އާދަމް ވަހީދަށް ދޫކޮށްފައިވާ “މޯފާ” ދޯންޏަށް ދައްކަންޖެހޭ ފައިސާ އާދަމް ވަހީދަށް ނުދެއްކިގެން އެދޯނި އާދަމް ވަހީދުގެ އެދުމުގެ މަތިން އެމިނިސްޓްރީން އަހްމަދު ނާޞިރު ކިޔާ މީހަކުގެ ނަމަށް އެދޯނީގެ އެގްރީމެންޓް ބަދަލުކޮށްފައިވާކަމަށެވެ. އަދި އެދޯނި އަހްމަދު ނާޞިރު އާ ހަވާލުކުރުމަށް ސިވިލްކޯޓުގެ އެހެން ޤަޟިއްޔާއަކުން އާދަމް ވަހީދަށް އަންގާފައިވީނަމަވެސް އަދި މިހާތަނަށްވެސް އެކަން އާދަމް ވަހީދު ކޮށްފައިނުވާކަމަށެވެ.

ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުގައި އިތުރަށް ބުނެފައިވަނީ، އަހްމަދު ނާޞިރަށް އެދޯނި ހަވާލު ނުކުރެވިގެން އުޅެނީ އާދަމް ވަހީދު އެދޯނި މީހަކާ ހަވާލުކޮށްފައިވަނިކޮށް އެމީހާ އެހެން މީހަކަށް އެދޯނި ވިއްކާލާފައިވާކަމަށް އާދަމް ވަހީދު ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.

ހދ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ވަހީދަށް ދޫކުރި އެދޯނީގެ އަގު މިހާތަނަށްވެސް ދައްކާފައިނުވުމުން އަދިވެސް އެދޯނީގެ މިލްކުވެރި ފަރާތަކީ ފިޝަރީޒް މިނިސްޓްރީ ކަމަށްވެފައި އެދޯނި އިތުރު މީހަކަށް ވިއްކާލާފައިވާކަމަށް ބުނުމަކީ، އާދަމް ވަހީދު އާއި އަހްމަދު ނާޞިރުއާ ދެމެދު ކޮށްފައިވާ މުއާމަލާތް ތަންފީޛު ކުރުމަށް އޮތް ހުރަހެއްކަމަށް ނުވާތީ، “22 މެއި 2011 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި އެދޯނި އޮތްތަނަކުން ހޯދައި ފ. ބިލެތްދޫ ހިތިގަސްދޮށުގެ އަހްމަދު ނާޞިރު އާއި ހަވާލުކޮށް ނިންމުމަށްފަހު މިކޯޓަށް އެންގުމަށް، މޯލްޑިވްސް ޕޮލިސް ސާރވިސް އަށް އަންގައި އަމުރުކޮށްފީމެވެ.” މިދިޔަ އާދިއްތަ ދުވަހު ސިވިލްކޯޓުން ކޮށްފައިވާ ވަގުތީ އަމުރުގައި ވެއެވެ.

މިކަމާބެހޭގޮތުން ހދ އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ހޮވިފައިވާ އެކައުންސިލުގެ ރައީސް އާދަމް ވަހީދަށް ގުޅާލުމުން ވިދާޅުވީ، މިއީ ޒާތީ ކަމެއްކަމަށާއި އިތުރު މައުލޫމާތު ހިއްސާކުރަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355