twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އެޗްއާރުސީއެމްގެ ޕޯސްޓަރު ކުރެހުމުގެ މުބާރާތް: ކުޅުދުއްފުއްޓާއި ނޮޅިވަރަމުގެ ސްކޫލުތަކަށް

މުޙައްމަދު އަހުމަދު
Aug 30, 2021

ކުޅުދުއްފުށި ސިޓީ އަދި ހދ ނޮޅިވަރަމް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓެގްރޭޓެޑް ހިއުމަން ރައިޓްސް އެވެއަރނެސް ޕްރޮގުރާމް 2021 ގެ ދަށުން ނޮޅިވަރަމާއި ކުޅުދުއްފުށީގެ ސްކޫލުތަކަށް ހުޅުވާލެވިގެން ބާއްވާ ޕޯސްޓަރު ކުރެހުމުގެ މުބާރާތަށް ހުޅުވާލައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ނެރެފައިވާ އިއުލާނުގައިވާ ގޮތުން މިމުބާރާތް ބޭއްވުމުގެ މަގުސަދަކީ ހަރަކާތް ބާއްވާ ސްކޫލުތަކުގެ ދަރިވަރުން އިތުރު ހަރަކާތްތައް މެދުވެރިކޮށް އިންސާނީ ހައްގުތަކާއި ތިމާވެށީގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރު ކުރުމެވެ.

މިމުބާރާތް އެކޮމިޝަނުން އަމާޒުކޮށްފައިވަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަމްގެ ސްކޫލުތަކުގެ ދަރިވަރުންގެ ތެރެއިން 9 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށެވެ.

ޕޯސްޓަރުގައި ހުންނަންޖެހޭ އާންމު މިންގަނޑުތަކަށް ބަލާއިރު އެކޮމިޝަނުން ބުނެފައިވަނީ މުބާރާތަށް ހުށައެޅޭ ޕޯސްޓަރުގައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި، މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑުތަކާ ހިލާފުވާ މަންޒަަރެއް ނުވަތަ މެސެޖެއް ހިމަނައިގެން ނުވާނެ ކަމަށެވެ.

ޕޯސްޓަރުގައި ހުންނަންޖެހޭ ހާއްސަ ޝަރުތުތައް:

1. ކުރެހުންތައް ހުންނަންޖެހޭނީ އަތުން ކުރަހާފަ އެވެ. ކޮމްޕިޔުޓަރ ގްރެފިކްސް ގަބޫލެއް ނުކުރެވޭނެ އެވެ.

2. ކުރެހުންތައް ކުރެހުމުގައި ބޭނުން ބާވަތެއްގެ ޑްރޯވިންގ މީޑިއާއެއް ބޭނުން ކުރެވިދާނެ އެވެ.

3. ކުރެހުމުގައި ހުންނަންޖެހޭނީ 270mm x 370mm (ޑްރޯވިންގ ބްލޮކް) ސައިޒްގަ އެވެ. ގަނޑުގެ ހަތަރު ފަރާތުން ވެސް 1 ސެންޓިމީޓަރ ހަވާސާގެ ގޮތުގައި ބާއްވަން ޖެހޭނެ އެވެ. ނަމަވެސް ހަވާސާ ދަމައިގެން ނުވާނެ އެވެ.

4. ކުރެހުމުގައި އެއްވެސް މެސެޖެއް ލިޔުއްވާނަމަ، އެލިޔުންކޮޅު ހުންނަންވާނީ ދިވެހި ނުވަތަ އިނގިރޭސި ބަހުން އަތުލިޔުމުންނެވެ.

5. މިމުބާރާތަށް ހުށައަޅާ ޕޯސްޓަރަކީ އެހެން މުބާރާތަކަށް ހުށައަޅާފައިވާ ޕޯސްޓަރަކަށް ވެގެންނުވާނެ އެވެ.

6. މިމުބާރާތަށް ހުށައަޅާ ޕޯސްޓަރަކީ މުބާރާތުގައި ބައިވެރިވާ ފަރާތުގެ އަމިއްލަ އުފެއްދުމެއްކަމުގައި ވާންޖެހޭނެ އެވެ.

7. މިމުބާރާތަށް ހުށައަޅާ ކުރެހުމާއެކީ ބައިވެރިވާ ދަރިވަރުގެ ފުރިހަމަނަން، އައިޑީ ކާޑު ނަމްބަރު، ދާއިމީ އެޑްރެސް، ސްކޫލުގެ ނަން، ކުލާސް އަދި ކުރެހުމުން ރަމްޒުކޮށްދޭ މެސެޖާއެކު ކުރެހުން ހުށައަޅާ ތީމް/މައުޟޫއު ހުށައަޅަންވާނެ އެވެ.

8. ޕޯސްޓަރުގައި ހުންނަންޖެހޭ އާންމު މިންގަނޑުތަކާއި ހާއްސަ ޝަރުތުތައް ފުރިހަމަނުވާ ޕޯސްޓަރުތައް ބާތިލުކުރެވޭނެ އެވެ.

މުބާރާތުގެ މައުޟޫއުތައް:

1. އިންސާނީ ހައްގުތަކާ މޫސުމީ ބަދަލު

2. ސާފު ވެއްޓެއް ލިބުމުގެ ހައްގު

3. ސާފު ވައި ލިބުމުގެ ހައްގު

4. ސާފު ބޯފެން ލިބުމުގެ ހައްގު

5. ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ތިމާވެއްޓަށް ރައްކާތެރިވުން

6. ކަނޑުއަޑީގެ ދިރުން ރައްކާތެރިކުރުން

މިމުބާރާތް ކުރިއަށްދާނީ 26 އޮގަސްޓުން ފެށިގެން 1 ސެޕްޓެމްބަރާ ހަމައަށް 7 ދުވަހުގެ މުއްދަތަކަށެވެ.

މިމުބާރާތަށް އިންސާފުކުރާނީ ހިއުމަން ރައިޓްސް ކޮމިޝަނުން ކަނޑައަޅާ ފަނޑިޔާރުންގެ ޓީމަކުންނެވެ. އަދި މާކްސް ދެވޭނީ ތިރީގައިވާ ކަންތައްތަކަށެވެ.

1. މައުޟޫއާ ގުޅުންހުރި މިންވަރަށް 30 މާކްސް

2. ކްރިއޭޓިވިޓީ އަދި ޕްރެޒެންޓޭޝަނަށް 50 މާކްސް

3. ކޮންސެޕްޓަށް 20 މާކްސް

މިމުބާރާތުގައި 1، 2 އަދި 3 ވަނަ ހޮވާއިރު 1 ވަނައަށްދާ ދަރިވަރަކަށް 2000 ރުފިޔާގެ އަގުހުރި އިނާމެއް ދެވޭނެ އެވެ. އަދި ދެވަނައަށް 1000 ރުފިޔާގެ އިނާމެއް ދެވޭނެ އެވެ. ތިންވަނައަށް ހޮވޭ ދަރިވަރަކަށް 600 ރުފިޔާގެ އިނާމެއް ދެވޭނެ އެވެ.

މިމުބާރާތުގައި ބައިވެރިކުރާ ޕޯސްޓަރުތަކުގެ ތެރެއިން ހިއުމަން ރައިޓްސް ކޮމިޝަނުން ބޭނުން ކޮންމެ ޕޯސްޓަރެއް ވެސް ކޮމިޝަނަށް ކޮޕީ ރައިޓް ލިބޭގޮތަށް ކޮމިޝަނުގެ ބޭނުނތަކުގައި ބޭނުންކުރެވޭނެ ކަމަށާއި މިގޮތަށް ބޭނުންކުރެވޭ ޕޯސްޓަރެއްގައި އެކުރެހި ފަރާތެއްގެ މައުލޫމާތުވެސް ހިމެނޭނެކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ.

މިމުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އެޑިއުކޭޝަން އޮފިސަރ، އަހްމަދު މުހައްމަދު 7797601 އަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355