twitterviber whatsapp telegramfacebookyoutube instagram
2nd May 2024

18 އަހަރު ނުވާކުދިން ދަތުރުފަތުރުގެ ގާނޫނާ ހިލާފުވެގެން ކުރި ޖޫރިމަނާތަކަށް ލުއިދޭން ހުށައަޅަނީ

ޚަދީޖާ އާދަމް
Aug 31, 2021

18 އަހަރު ނުވަނީސް އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވެގެންނާއި ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވައިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް ނިންމައިފި އެވެ.

އެގޮތުން އެ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް ގަވައިދު އިސްލާހުކުރަން ކަމާ ބެހޭ ފަރާތްތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެފަދަ ފަރާތްތަކަށް ލުއި ހޯދައިދެއްވުމަށް ހުށައެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ.

އެ މައްސަލަ އިތުރަށް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަޖިލީހުގެ ގަވައިދު ކޮމިޓީ އިން އެވެ. އެ ކޮމިޓީގެ މެމްބަރުން ވަނީ މައްސަލައިގެ ހައްލެއް ހޯދުމަށް ސަރުކާރުގެ އިދާރާތަކާ މަޝްވަރާކޮށް އެޅިދާނެ ފިޔަވަޅުތައް ހިމަނައި ރިޕޯޓެއް އެކުލަވާލައިފަ އެވެ. އެ ރިޕޯޓް ފާސްވީ 49 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ލައިސަންސްއާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުނިތައް ހިމެނޭ ގޮތަށް އެކި އިދާރާތަކާއެކު ކުރި މަޝްވަރާތަކުގައި ވަނީ އެތަންތަނުގައި ކޮމިއުނިޓީ ސާވިސް ފުރިހަމަ ކުރުމުގެ ފުރުސަތު އޮތްތޯ ބަލައި އެކަން ފުރިހަމަ ކޮށްގެން ޖުރިމަނާ އުނިކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެގޮތުން ކޮމިއުނިޓީ ސާވިސްގައި ބައިވެރިވެވޭނެ ހާލަތްތައް ބަލައި އެކަމުގައި އަމަލުކުރާނެ އުސޫލުތަށްވެސް ވަނީ ފާސްކޮށްފައެވެ.

ހަމަ އެހެންމެ ޖޫރިމަނާ އުނިކުރެވޭނެ އުސޫލުތަކާއި ކޮމިޔުނިޓީ ސާވިސް އަށް ނުކުންނަން ޝައުގުވެރިވާ ފަރާތްތަކަށް ލައިސަންސް ނެގުމަށް އޮތް ހުރަސް ނައްތާލައި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކޭނެ އުސޫލު ގަވައިދުގައި ގަވައިދުގައި ހިމަނަން އެދުނެވެ.

އަށާރަ އަހަރު ނުވަނީސް އުޅަނދުތައް ދުއްވައިގެން ކުރި ޖޫރިމަނާތަކުގެ އަދަދު 116 މިލިއަނަށް ވަނީ އަރައިފަ އެވެ. އަދި އެ މައްސަލަ ހައްލުކުރަން ބެލެނިވެރިޔާގެ ހުއްދައާއެކު އުމުރުން 16 އަހަރު ފުރިފައިވާ ކުދިންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ލައިސަންސްއެއް ދިނުމާ ގުޅޭ ގޮތުން ވެސް މަޖިލީހުން މިހާރު ދަނީ މަޝްވަރާކުރަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355