twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ރަސްމީ ލިޔުމެއްގައި އޮތީ ތިމާގެ އަސްލު ޢުމުރެއްނޫން!؟

Sep 2, 2021

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި އޮންނަ އުފަންދުވަހުގެ ތާރީޚަކީ، އެމީހެއްގެ އަސްލު އުފަންދުވަހުގެ ތާރީޚް ނޫންކަމުގައިވުމަކީ އެކަށީގެންވާ ކަމެކެވެ. ރަސްމީ އެކި ލިޔެކިޔުންތަކުގައި، އުފަންދުވަހުގެ ތާރީޚުގެ ގޮތުގައި އެކި ތާރީޚް ބަޔާންވެފައިވެސް ހުރެއެވެ. ހަމައެހެންމެ، ތިމާގެ ކޮއްކޮއަށްވުރެ ދޮށީ ޢުމުރެއް ނުވަތަ ތިމާގެ ބޭބެ ނުވަތަ ދައްތައަށްވުރެ ހަގު ޢުމުރެއް، ތިމާގެ އުފަންދުވަހުގެ ގޮތުގައި ރަސްމީ ލިޔެކިޔުންތަކުގައި އޮވެދާނެއެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް، ޢުމުރު ސާބިތުކުރުމަށް ޖެހޭނީ ކޯޓަށް މައްސަލައެއް ހުށަހަޅާށެވެ.

އުފަން ތާރީޚް އަންގައިދޭ ރަސްމީ ލިޔުމެއް އޮތުން

ދިވެހިރާއްޖޭގެ ހެއްކާބެހޭ ޤާނޫނުގެ ދަށުން، ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެލިޔުމެކެވެ. ވީމާ، އުފަން ތާރީޚް އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަ، އުފަންދުވަސް ކަނޑައެޅުމުގައި ޝަރީޢަތުން ބަލާނީ، އެރަސްމީ ލިޔުމެއްގައިވާ އުފަންތާރީޚަކަށެވެ. ނަމަވެސް ޢުމުރަކީ ސަލާމަތް ބުއްދީގެ ހަމަތަކުން ބަލާނަމަ، ޤަބޫލުނުކުރެވޭފަދަ ޢުމުރެއް ރަސްމީ ލިޔެކިޔުމެއްގައި އޮންނަ ޙާލަތުގައި މިއުޞޫލު އިސްތިސްނާވެއެވެ.

ރަސްމީ ލިޔެކިޔުމުގައި އެއްތާރީޚަށްވުރެ ގިނަ ތާރީޚް އޮތުން

އެމީހެއްގެ އުފަންދުވަހުގެ ތާރީޚް ބަޔާންވެފައިވާ ރަސްމީ އެއްލިޔުމަށްވުރެ ގިނަ ލިޔެކިޔުން ހުރެފައި، އަދި އެލިޔެކިޔުންތަކުގައި އުފަންދުވަހުގެ ތާރީޚުގެ ގޮތުގައި ތަފާތު ތާރީޚުތަކެއް އޮތްނަމަ، ރަސްމީ އުފަންދުވަހުގެ ތާރީޚް ކަނޑައެޅުމުގައި ޝަރީޢަތުން ބަލާނީ އެތަނުން އެންމެ ޞައްޙަކަން ބޮޑު ލިޔުމަކަށެވެ. މިސާލަކަށް، މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި އުފަންދުވަހުގެ ތާރީޚުގެ ގޮތުގައި ވަކި ތާރީޚެއް އޮވެދާނެއެވެ. އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ ކުރިން ކޮށްފައިވާ ކައިވެންޏެއްގެ ކައިވެނީގެ ސެޓްފިކެޓެއްގައި އުފަންތާރީޚުގެ ގޮތުގައި އެހެންތާރީޚެއް އޮވެދާނެއެވެ. މިޙާލަތުގައި އުފަންތާރީޚް ކަމުގައި ކަނޑައަޅާނީ މިތަނުން އެންމެ ޞައްޙަކަން ބޮޑު ލިޔުމުގައިވާ ތާރީޚެވެ.

މީގެތެރެއިން އެއްލިޔުމުގައިވާ އުފަންދުވަހުގެ ތާރީޚަކީ، އެމީހެއްގެ އަސްލު އުފަންދުވަހުގެ ތާރީޚްކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވާނަމަ، އެމީހެއްގެ އުފަންދުވަހުގެ ތާރީޚް ކަމުގައި އެޝަރީޢަތުން ބަލާނީ އެލިޔުމެއްގައިވާ ތާރީޚެވެ.

މިސާލަކަށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދިއިރު، ޢުމުރާ ގުޅޭގޮތުން ވަކިގޮތަކުން ޝަރީޢަތުން ގޮތެއް ނިންމާފައިވާނަމަ، އޭގެ ކުރީގެ ނުވަތަ ފަހުގެ ލިޔުމެއްގައި އުފަންދުވަހުގެ ތާރީޚްގެ ގޮތުގައި އެހެން ތާރީޚެއްއޮތަސް، އުފަންދުވަހުގެ ތާރީޚް އޮތް އެންމެ ޞައްޙަކަން ބޮޑު ލިޔުމަކީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކަމުގައި ކޯޓުން ބަލާނެއެވެ.

އުފަން ތާރީޚް އަންގައިދޭ ރަސްމީ ލިޔުމެއް ނެތުން

އުފަން ދުވަހުގެ ތާރީޚް އަންގައިދޭ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތުމުން، އެމީހެއްގެ ޢުމުރު ސާބިތުކުރުމަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، ޝަރީޢަތުން ފުރަތަމަވެސް ޔަޤީންކުރާނީ އުފަންދުވަހުގެ ތާރީޚް އަންގައިދޭ ރަސްމީ އެއްވެސް ލިޔެކިޔުމެއް އެބައޮތްތޯއެވެ. އެފަދަ ލިޔެކިޔުމެއްވާނަމަ، ދެން އުފަންދުވަހުގެ ތާރީޚް ސާބިތުކުރާނީ ހެކިވެރިންގެ ހެކިބަހުންނެވެ.

ސަލާމަތް ބުއްދިއަށް ޤަބޫލުނުކުރެވޭފަދަ ތާރީޚެއް އޮތުން

ސަލާމަތް ބުއްދީގެ ހަމަތަކުން ބަލާއިރު ޤަބޫލުނުކުރެވޭފަދަ ޢުމުރެއް ރަސްމީ ލިޔެކިޔުމެއްގައި އޮވެދާނެއެވެ. މިސާލަކަށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ކޮއްކޮގެ ޢުމުރާއި ދައްތަގެ ޢުމުރަށް ބަލާއިރު، ކޮއްކޮގެ ޢުމުރަށްވުރެ ދައްތަގެ ޢުމުރު ހަގުވެފައި އޮވެދާނެއެވެ. ނުވަތަ ރަސްމީ ލިޔުމެއްގައިވާ މަންމަ ނުވަތަ ބައްޕަގެ ޢުމުރާއި ދަރިފުޅުގެ ޢުމުރަށް ބަލާއިރު، ޢުމުރުގެ ތަފާތުގައި 6 އަހަރުގެ ފަރަގެއްފަދަ ސަލާމަތް ބުއްދިއަށް ޤަބޫލުނުކުރެވޭފަދަ ޢުމުރުގެ ފަރަގެއް އޮވެދާނެއެވެ. މިފަދަ ޙާލަތެއް ދިމާވެގެން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، ޢުމުރު ބަދަލުކުރުމާމެދު ކޯޓުން ގޮތެއް ނިންމާނީ، ޢުމުރު ބަދަލުކުރަން ހުށަހަޅާ ސަބަބަށާއި ޞައްޙަ ޢުމުރު ސާބިތުކުރުމަށް ހުށަހަޅާ އެންމެހާ ހެކިތަކަށެވެ. އަދި ޞައްޙަ ޢުމުރަކީ ވަކި ޢުމުރެއްކަން ސާބިތުކޮށްދިނުމަކީ، ޢުމުރު ބަދަލުކުރުމަށް ކޯޓަށް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޢުމުރު ބަދަލުކުރަން ހުށަހަޅާ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުން

ޢުމުރު ބަދަލުކުރުމަށްއެދި ޝަރީޢަތަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެމައްސަލައެއްގައި ޟަރީޢަތުން ގޮތެއް ނިންމުމުގައި، އެމައްސަލައެއްގެ ބާވަތަށާއި އެމައްސަލައެއް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެތްކާއި ޤަރީނާއަށް ކޯޓުން ރިޢާޔަތްކުރާނެއެވެ. އަދި ޢުމުރު ސާބިތުކުރުމާ ބެހޭގޮތުން އެކަށައަޅާފައިވާ، އިސްވެބަޔާންވެދިޔަ އުޞޫލުތަކަށް ކޯޓުން ޢަމަލުކުރާނެއެވެ. ހަމައެހެންމެ، ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ ފަރާތް ރަށްވެހިވެފައިވާ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލާއި، ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އަދި މިނޫންވެސް މިފަދަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ޚާއްސަކުރެވިފައިވާ އިދާރާތަކުގައިވާ ލިޔެކިޔުންތަކުގައި، އެމީހެއްގެ ޢުމުރާ ބެހޭގޮތުންވަނީ ކޮން މަޢުލޫމާތުތަކެއްތޯ ބަލާ، އެމަޢުލޫމާތުތަކަށް ރިޢާޔަތްކުރާނެއެވެ.

ރަސްމީ ލިޔުމެއްގައިވަނީ، އެމީހެއްގެ އަސްލު ޢުމުރު ނޫންކަމުގައި އެމީހަކަށް ޤަބޫލުކުރެވޭނަމަ، އެންމެ ބުއްދިވެރިގޮތަކީ އެކަމެއް ފާހަގަވާ ހިސާބުން އަވަހަށް ކޯޓަށް މައްސަލަ ހުށަހަޅާ، ތިމާގެ ޢުމުރާމެދު ޝަރީޢަތުން ގޮތެއް ނިންމުމެވެ. އޭރުން ފަހުން ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވެވޭނެއެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355