twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ރައީސް އަނބިކަނބަލުން ފޯކައިދޫ ސްކޫލަށް ގަނާކުރުމާ، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވާހަކަފޮތް ހަދިޔާކުރައްވައިފި

ނަބީލާ އިސްމާޢީލް
Sep 8, 2021

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ށ. ފޯކައިދޫ ސްކޫލަށް ޒިޔާރަތް ކުރައްވައިފި އެވެ. އަދިގަނާކުރުމާ ބެހޭގޮތުންނާއި، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ފޯކައިދޫ ސްކޫލަށް އެކަމަނާ ހަދިޔާ ކުރެއްވިއެވެ.

މެޑަމް ފަޒްނާ ފޯކައިދޫ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލް ދެ ދަންފަޅީގެ ދަރިވަރުންނާ ޓީޗަރުންނާ ބައްދަލުކުރެއްވި އެވެ.

އަދި، އެކަމަނާ ވަނީ ގަނާ ކުރުމާގުޅޭގޮތުން ހަދިޔާ ކުރެއްވި ފޮތް ސްކޫލު ދަރިވަރުންނަށް ކިޔާދެއްވާފައެވެ. މީގެ އިތުރުންވެސް މިއަދަކީ ދުނިޔޭގެ ލިޔަންކިޔަން ދަންނަ ދުވަސްކަން ފާހަގަކުރައްވައި ލިޔަން ކިޔަން ދަސްކުރުމުގެ މުހިންމުކަން އެކަމަނާ ކުދިންނަށް ކިޔާދެއްވިއެވެ.

ސްކޫލްގެ ޓީޗަރުންނާއެކު ރައީސް އަނބިކަނބަލުން ބޭއްވި ބައްދަލުކުރެއްވުމުގައި މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތަކާއި ދޭތެރޭ ކުދިން ހޭލުންތެރިކުރުމާ، ކެރިއަރ ގައިޑަންސްއާ ކުދިންނަށް ކިޔާވާދިނުމާއި ގުޅޭގޮތުން އެކަމަނާ ވަނީ ޓީޗަރުންނާ މަޝްވަރާކުރައްވާފައެވެ.

ފޯކައިދޫ ސްކޫލްގެ ފަރާތުން ވަނީ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މިހާރު ދެ ދަންފަޅިއަށް ކިޔަވައިދިނުން ކުރިޔަށް ގެންދިޔަ ނަމަވެސް ސްކޫލްގައި އަލަށް އިމާރާތްކުރަމުންދާ 12 ކްލާސްރޫމް ނިމުމުން އެއް ދަންފަޅިއަށް ކިޔެވުން ކުރިޔަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެބޭފުޅުން ވަނީ ސްކޫލްގައި ސެން ކްލާސްތައް ހިންގުމުގައި ދިމާވާ ދަތިތައް ވެސް މިހާރު ކުރިޔަށްދާ އިމާރާތުގެ މަސައްކަތް ނިމުމުން ޙައްލުވެގެންދާނެކަން އުފަލާއެކު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މި ޒިޔާރަތުގެ ކުރިން ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ފޯކައިދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިހާރު އެ ސްކޫލްގައި އަލަށް އިމާރާތްކުރަމުންދާ 12 ކްލާސްރޫމާއި، މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބައްލަވާލައްވާފައެވެ.

ފޯކައިދޫ ސްކޫލަކީ 471 ދަރިވަރުން ނަށް. ނަރސަރީއިން ފެށިގެން ގްރޭޑް 12 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. ފޯކައިދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ށ. އަތޮޅު 4 ރަށަކަށާއި، ރ އަތޮޅުގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355