މުހައްމަދު އާދަމް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގައިވާގޮތަށް، ކުޅުދުއްފުށީގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް މިމަހުގެ ފަހުކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.
ލާމަރުކަޒީ ގާނޫނުގައިވާގޮތަށް ގިނަ ރަށްރަށުގައި މި ބައްދަލުވުން ބާއްވާފައިވާއިރު ކުޅުދުއްފުށީ ކައުންސިލުން އެބައްދަލުވުން ނުބާއްވާ ލަސްވަމުންދާތީ ބައެއް ރައްޔިތުންގެ ފާޑުކިޔުންތައް ކައުންސިލަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި، ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ، މިހާރުވެސް ގިނަ ކަންކަން ނިންމުމުގައި ރައްޔިތުންނާ މަޝްވަރާކުރަމުންދާ ކަމަށާއި އެގޮތުން މިހާތަނަށް އެންމެ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާނީ ކުޅުދުއްފުށީ ލޯކަލް ބަނދަރުގެ މަސައްކަތުގައި ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވީ ގާނޫނުގައި ބުނާގޮތަށް އެ ބައްދަލުވުން އަދި ނުބޭއްވުނު ނަމަވެސް މިހާރުވެސް ރައްޔިތުންނާ ބައްދަލުކޮށް ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯއްދަވަމުން ގެންދަވާކަމަށެވެ.
“ރަށްޔިތުންނާ ތިޔަ ވިދާޅުވާ އުޞޫލަކުން ބައްދަލެއް ނުކުރަން. އެކަމަކު ރައްޔިތުންނާ ބައްދަލުކުރަން، މަހަކު ދެފަހަރު ނުވަތަ ހަފްތާއަކު އެއްފަހަރު، ރައްޔިތުންގެ ތެރެއިން އަންނަ އެކިއެކި ޖަމިއްޔާ ޖަމާއަތް، ބެލެނިވެރިން ފަދަ ބޭބޭފުޅުންނާ ބައްދަލުކުރަން.” ކުޅުދުއްފުށީ ކައުންސިލަރ ޖަމްސީދު މުޙައްމަދު ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނެފައިވަނީ، ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ދެފަހަރު ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހޭނެކަމަށެވެ. އަދި މިގޮތުން ބާއްވާ ފުރަތަމަ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަންވާނެކަމުގައެވެ. ދެވަނަ ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަންވާނެކަމަށްވެސް އެމާއްދާގައި ބުނެފައިވެއެވެ. މިގޮތުން ބާއްވާ ބައްދަލުވުމުގެ 7 ދުވަސް ކުރިން އެރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެކަމަށާއި ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކޮށް ހާމަކުރަންވާނެކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވެއެވެ.