އުމުރުން 18 އަހަރުގައި ޔޫއެސް އޯޕަންސް ކާމިޔާބުކޮށް އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫ ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ. އިނގިރޭސި ރާނީ އެލިޒަބަތުވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.
އަންހެނުންގެ ގްރޭންޑް ސްލޭމް ސިންގަލްސް ޗެމްޕިއަންކަން އިނގިރޭސިވިލާތުން ހޯދާފައި މިވަނީ 44 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގަ އެވެ. ރަޑުކާނުގެ މިހައިރާންކުރުވަނިވި ދަތުރުގެ ނިމުން 6 - 4 އަދި 6 - 3 ން ފައިނަލުގައި ކެނެޑާގެ ލޭލާ ފަނާންޑޭޒް (19އ) ބަލިކުރުމުންނެވެ.
5 - 3 ގައި ރަޑުކާނޫގެ ފައި ކެނޑުމުން އޭނާ ވަނީ މެޑިކަލް ބްރޭކެއް ނަގާފަ އެވެ. އެނބުރި އައިސް އޭނާ ވަނީ ފަނާންޑޭޒް ބަލިކޮށް ތަށި ހިއްލާލާފަ އެވެ. މެޗަށް ފަހު ދެކުޅުންތެރިންވެސް ވަނީ ބައްދާލާފަ އެވެ.
ރަޑުކާނޫއަށް ސަޕޯޓުކުރަން ވާޖީނިއާ ވޭޑް ވެސް ވަނީ މެޗަށް ހާޒިރުވެފަ އެވެ. އޭނާ އަކީ މޭޖާރ ޓްރޮފީއެއް އެންމެ ފަހުން ހިއްލާލީ ހަމައެކަނި އަންހެން ކުޅުންތެރިޔާ އެވެ. އެއީ 1977 ވަނަ އަހަރު ވިމްބެލްޑަންގަ އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރަޑުކާނޫ ބުނީ ވާޖީނިއާ ވޭޑް އާއި ޓިމް ހެންމަން މިތަނަށް އައިސް ހުރުމުން ވެސް ވަރަށް އުފާކުރާ ކަމަށެވެ. އަދި އޭނާއަށް އެއީ އައިކޮންސް ކަމަށާއި އެމީހުންގެ ފައިތިލަ ދަށުން ހިނގައިގެން ކަމަށް މިހާ ހިސާބަށް އާދެވުނީ ކަމަށް ވެސް އޭނާ ބުންޏެވެ.
އެމާ ރަޑުކާނޫ ހާސިލުކުރި މިމޮޅަށް ތައުރީފުކޮށް އިނގިރޭސި ރާނީ އެލިޒަބަތުވެސް ވަނީ ރަޑުކާނޫއަށް މަރުހަބާ ދަންނަވާފަ އެވެ.
""ތިހޯދި ކާމިޔާބީއަށް އަހަރެންގެ މުބާރިކް ފޮނުވަން. އެހާ ޒުވާން އުމުރެއްގައި ތިހޯދީ ވަރަށް ބޮޑު ކާމިޔާބީއެއް. އަދި ތިއީ ތިކުރެއްވި ބުރަ މަސައްކަތް ސާބިތުކޮށްދޭ ކަމެއް."އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ އެމާ ރަޑުކާނޫގެ މިކާމިޔާބީ ފާހަގަކޮށް އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ.
މިމޮޅާއެކު ރަޑުކާނޫ ވެގެންދާނީ ފްލަޝިންގ މެޑޯސްގައި ވާޖީނިއާ ވޭޑަށް ފަހު މޮޅެއް ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާ އަށެވެ. އަދި އޯޕަން އެރާއެއްގައި ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރި ފުރަތަމަ ކޮލިފަޔަރ އަށެވެ. މީގެ އިތުރުން އޭނާ އަކީ މާރިއާ ޝަރަޕޯވާއަށްފަހު ސްލޭމް އެއް ކާމިޔާބުކުރި އެންމެ ހަގު އަންހެން ކުޅުންތެރިޔާ އެވެ.
ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރި އިނގިރޭސި އެންމެ ހަގު ކުޅުންތެރިޔާގެ އިތުރުން އޭނާ އަކީ އެންމެ ސެޓެއްވެސް ވައްޓާ ނުލާ ޔޫއެސް އޯޕަންސް ކާމިޔާބުކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ. މީގެކުރިން މިރެކޯޑް އޮތީ ސެރީނާ ވިލިއަމްސް އަތުގަ އެވެ.