twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: ޓެރަރިޒަމްގެ ޢަމަލުތަކަކީ ކޮބާ؟

Sep 17, 2021

ޓެރަރިޒަމްގެ ޢަމަލުތަކާ، ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޢަމަލުތަކަކީ ޖިނާޢީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ޢަމަލުތަކެވެ. އަދި ޓެރަރިޒަމްގެ ކުށެއް ސާބިތުވެއްޖެނަމަ، އެމީހަކަށް ދިނުމަށް ޤާނޫނުގައި ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވެއެވެ. ހަމައެހެންމެ، ޤާނޫނުގައި ޓެރަރިޒަމްގެ ޢަމަލުތައް ކަމުގައި ކަނޑައެޅޭނެ ޢަމަލުތަކަކީ ކޮބައިކަން ވަރަށް ތަފްސީލީ ގޮތެއްގައި ބަޔާންވެފައިވެއެވެ.

ޤާނޫނުން ޓެރަރިޒަމްގެ ޢަމަލު މާނަކުރާ ގޮތް

ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، ދައުލަތުން ނުވަތަ ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް މަޖުބޫރުކުރުވުމަށް ނުވަތަ ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެއީ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ޤާނޫނު ޤަބޫލުކުރެއެވެ.

  • އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން ނުވަތަ ފުރާނައަށް ނުރައްކާވެދާނެފަދަ ކަމެއްކުރުން؛
  • މީހަކު ރަހީނުކުރުން ނުވަތަ ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛
  • މުދަލަށް ބޮޑެތި ގެއްލުންދިނުން؛
  • ޢާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކާވެދާނެފަދަ ޙާލަތެއް ކުރިމަތިކުރުވުން؛ އަދި
  • އަސާސީ ޚިދުމަތެއް މެދުކަނޑާލުން ނުވަތަ މުހިއްމު އުމްރާނީ ވަސީލަތަކަށް ގެއްލުންދިނުމެވެ.

އިސްވެދެންނެވުނުފަދަ ޢަމަލެއް ހިންގީ، ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، ދައުލަތުން ނުވަތަ ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް މަޖުބޫރުކުރުވުމަށް ނުވަތަ ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ނޫންކަމުގައިވިޔަސް، އެފަދަ ޢަމަލެއް ހިންގީ ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާ އެއްޗެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، އެއީވެސް ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ބެލެވެއެވެ.

ނަމަވެސް ޢާންމު ޚިދުމަތެއް މެދުކެނޑުނީ، ޤާނޫނު ހުއްދަކުރާ ހަޅުތާލެއް ނުވަތަ ޞުލްޙަވެރި އެއްވުމެއްގެ ސަބަބުން ނުވަތަ ޤާނޫނު ހުއްދަކުރާގޮތުގެ މަތިން މަސައްކަތް ހުއްޓާލުމުގެ ސަބަބުން ކަމުގައިވާނަމަ، އެއީ ޓެރަރިޒަމްގެ ޢަމަލެއް ކަމުގައި ނުބަލާނެއެވެ. އަސާސީ ޚިދުމަތް ކަމުގައި މިޤާނޫނުގެ ބޭނުމަށް ބަލާނީ، ކަރަންޓާއި ފެނާއި ނަރުދަމާ އަދި މުވާސަލާތީ ޚިދުމަތްތަކާއި ދަތުރުފަތުރުގެ ޚިދުމަތްތަކެވެ.

ޓެރަރިޒަމްގެ ކުށް

ޓެރަރިޒަމްގެ ޢަމަލެއް ކުރުމާއި، ކުރަން ރޭވުމާއި، ކުރަން އުޅުމާއި، އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވުމާ އަދި އެފަދަ ޢަމަލެއް ކުރުމުގައި އެހީތެރިވުމަކީވެސް ކުށެކެވެ. ހަމައެހެންމެ، އެފަދަ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ އެފަދަ ޢަމަލެއްކުރުމުގައި އެހީތެރިވުމަށް މީހަކު ނުވަތަ ބަޔަކު ތަމްރީނު ކުރުމާއި، ތަމްރީނު ލިބިގަތުމާއި، ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމާއި ޝާއިޢުކުރުމަކީވެސް ކުށެކެވެ. ހަމައެފަދައިން، ޓެރަރިޒަމްގެ ޢަމަލު ހިންގާނެކަމުގެ އިންޒާރުދިނުމާއި، ބިރުދެއްކުމާ އަދި ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމަކީވެސް އެކަންކަމަށް އަދަބު ކަނޑައެޅިފައިވާ ކުށްތަކެކެވެ.

ޓެރަރިޒަމްގެ ކުށުގެ އަދަބު

ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޓެރަރިޒަމްގެ ޢަމަލެއް ރޭވުމާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމުގައި އެހީތެރިވެދިނުމާއި، އެފަދަ ޢަމަލެއްކުރުމުގައި ބައިވެރިވުން ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި އެހީތެރިވެދިނުމުގެ އަދަބަކީ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމާއި ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށަށް ކަނޑައެޅިފައިވާ އަދަބަކީ 10 އަހަރާއި 15 އަހަރުގެ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމާއި ޝާއިޢުކުރުމުގެ އަދަބަކީ 7 އަހަރާއި 10 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ އެފަދަ ޢަމަލެއްކުރުމުގައި އެހީތެރިވުމަށް މީހަކު ނުވަތަ ބަޔަކު ތަމްރީނުކުރުމާއި ތަމްރީން ލިބިގަތުމުގެ އަދަބަކީ، 12 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޓެރަރިޒަމްގެ ޢަމަލު ހިންގާނެކަމުގެ އިންޒާރުދިނުމާއި ބިރުދެއްކުމުގެ އަދަބަކީ، 4 އަހަރާއި 6 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތައް

ދިވެހި ރައްޔިތަކު، ރާއްޖެއިން ބޭރުގައި ޓެރަރިޒަމްގެ ޢަމަލެއް ހިންގިކަމުގައިވިޔަސް، އެއީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުށަކަށް ވާނެ ޢަމަލެކެވެ. އަދި ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށްވެސް، ދަޢުވާ އުފުލުމުގެ ބާރު ދިވެހި ދައުލަތަށް ލިބިގެންވެއެވެ.

ޓެރަރިޒަމްގެ ޢަމަލުތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޢަމަލުތަކަކީ، ޖިނާޢީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ޢަމަލުތަކެއް ކަމުގައިވާތީ، ޓެރަރިޒަމްގެ ޢަމަލުތަކެއް ކަމުގައި ބެލެވޭނީ ކޮން ޢަމަލުތަކެއްކަން އެނގުމަކީ، މުހިއްމު ކަމެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355