ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ޒުވާނުން ބިނާކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ދިވެހިންގެ ހުނަރު އިތުރުކޮށް ދިވެހިންނަކީ ދިވެހިންގެ ކަންކަން ކުރެވޭނެ ބަޔަކަށް ހެދުމަށް ކުރައްވާ މަސައްކަތަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިންނަށްޓަކައި ގެންގުޅުއްވާ އެންމެ މުހިންމު އެއްކަންތައް ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ނައިބު ވަނީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރައްވާ ދާއިރާއަކީ އެކި ފަންނުތަކުން މީހުން ބިނާކުރުމުގެ ދާއިރާ ކަމަށާއި އެދާއިރާއަށް އެމްޕީއެލް އިންވެސް މަސައްކަތްތަކެއް ކޮށްދެއްވާތީ އެކަން ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ އެއްގޮތަށް ސަރުކާރުގެ ގިނަ ކުންފުނިތަކުން ވެސް ރާއްޖޭގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އަދި ކޮވިޑް-19 ގެ ދަތި ހާލަތުގައިވެސް ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުން އައި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ކޮވިޑް-19 ގެ ހާލަތުގައި އެމްޕީއެލްގެ ފަރާތުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާފަ އެވެ. ނައިބު ރައީސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ ތަކެއްޗެއް ފޯރުކޮށްދިނުމަށްޓަކައި އެމްޕީއެލްގެ މުވައްޒަފުން ކުރެއްވި މަސައްކަތަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.
ހިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް އެންމެން އެއްބައިވެގެން ޤައުމަށްޓަކައި މަސައްކަތްކުރުމަށް ނައިބު ރައީސް ވަނީ ބާރުއަޅާފަ އެވެ.