ދައުލަތުގެ މުވައްޒަފުންގެ މެދުގައި ގެންގުޅޭ އިންތިހާ ދަރަޖައިގެ މުސާރައިގައި ތަފާތުކުރުމުގެ މައްސަލާގައި ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން މިއަދު ކުރަމުންދާ އިހުތިޖާޖުގައި ބައިވެރިވުމުގެ ގޮތުން ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖުވެސް މިއަދު އޮފީހަށް ނުކުމެވަޑައިގެންނެވީ ކަޅު ހެދުމުގައި އެވެ.
ކުޅުދުއްފުށީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން މިއަދު ކަޅު ހެދުމުގައި އޮފީހަށް ނުކުމެފައިވާއިރު ހދ އަތޮޅު ކައުންސިލް އިދާރާގެ ގިނަ މުވައްޒަފުންތަކެއްވެސް އޮފީހަށް ނުކުމެފައިވަނީ ކަޅު ހެދުމުގައި އެވެ. ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު މިއަދު އޮފީހަށް ވަޑައިގެންނެވީ ކަޅު ފަޓުލޫނަކާއި ކަޅު ގަމީހެއް އަދި ކަޅު ޓައިއެއް އަޅުއްވައިގެންނެވެ.
ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން ބުނެފައިވަނީ އާދިއްތަ ދުވަހު މަސައްކަތަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށާއި ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ ޖެހިގެން އަންނަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާނެ ކަމަށެވެ.
ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ހަމަޖައްސައިދިނުމާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމުގެ އިތުރުން ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުންމެވެ.
އޮފިޝަލް ވިދާޅުވީ އަންހެނުން ކޮމިޓީގެ މުސާރަ ދެގުނައަށް ބޮޑުކުރެވޭ އިރު ސިވިލް ސާވެންޓުން ދުވާލު ހަތަރުދަމު މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ދެވެންވީ ސަބަބެއް ނެތް ކަމަށެވެ.