twitterviber whatsapp telegramfacebookyoutube instagram
13th August 2026

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރި ފަސް ފަނޑިޔާރަކު ހުވާކުރައްވައިފި

ނަބީލާ އިސްމާޢީލް
Aug 13, 2026

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ބޭފުޅުންތަކެއް އައްޔަނުކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކްރިމިނަލް ކޯޓަށް ތިން ގާޒީން ހޯދުމަށް އިއުލާނުކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ.

އެ މުއްދަތުގެ ތެރޭގައި ކުރިމަތިލެއްވި ބޭފުޅުން އިންޓަވިއު ކުރުމަށް ފަހު، ތިން ބޭފުޅަކު އެ މަގާމަށް އައްޔަނުކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެއީ، ޅ.ކުރެންދޫ ނޫރާނީމާގެ ސުލައިމާން މުޙައްމަދާއި ހއ.ދިއްދޫ ޑޭޒީމާގެ، އަޙްމަދު ތައުފީގާއި ތ.ވޭމަންޑޫ ޑްރީމް، މުޙައްމަދު ޢަބްދުﷲއެވެ.

އޭގެތެރެއިން، ސުލައިމާން ވަނީ، ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސްއިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާސް ހާސިލް ކުރައްވާފައެވެ. ސެޕްޓެމްބަރު ހަތަރެއް، 2022 އިން ފެށިގެން ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާކުރައްވާ ސުލައިމާން ވަނީ ޝަރުއީ ދާއިރާގައި 12 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓަށް އައްޔަނުކުރެއްވި، ތައުފީގު ވަނީ، ޝަރުއީ ދާއިރާގައި 18 އަހަރު ހޭދަކުރައްވަފާއެވެ. އޭނާ ވަނީ، އެޓާނީ ޖެނެރަލް އޮފީހާއި ޕީޖީ އޮފީހުގެ އެކި މަގާމުތައް ފުރުއްވާފައެވެ. އަދި، މުޙައްމަދު އަބްދުﷲ އަކީ، ސެޕްޓެމްބަރު، 2017 އިން ފެށިގެން ޕީޖީ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމު ފުރުއްވަމުން އަންނަ ބޭފުޅެކެވެ.

އެއާއެކު، ޖޭއެސްސީން ވަނީ، ސިވިލް ކޯޓުގެ ގާޒީ ކަމަށް ދެ ބޭފުޅަކު އައްޔަނުކުރުމަށް ނިންމަވާފައެވެ. އެއީ، ގއ.ކަނޑުހުޅުދޫ ރީލްމަންޒިލް، އަލްއުސްތާޛު މުޙައްމަދު ނިޝާޠާއި ރ.ހުޅުދުއްފާރު ރޯޒްވިލާ، އަލްއުސްތާޛާ އާސިޔާ އަޒީމާއެވެ.

އޭގެތެރެއިން، ނިޝާތަކީ ޝަރުއީ ދާއިރާއާ ގުޅުން ހުރި މަގާމުތަކުގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އާސިޔާއަކީ، ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަގާމާއި ލީގަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އަލަށް މަގާމުތަކަށް އައްޔަނުކުރެއްވި ބޭފުޅުން މިއަދު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355