ކުރީގެ އިނގިރޭސި ސްޓަރައިކަރު އަދި ޓޮޓެންހަމްގެ ރެކޯޑް ގޯލް ސްކޯރާ ޖިމީ ގްރީވްސް މަރުވެއްޖެ އެވެ. އޭނާ މަރުވިއިރު އުމުރަކީ 81 އަހަރެވެ.
އޭނާ ކެރިއަރު ފެށީ ޗެލްސީންނެވެ. އަދި އޭސީ މިލާނާއި ޓޮޓެންހަމް ހޮޓްސްފާއާއި ވެސްޓްހަމް ޔުނައިޓެޑަށް ވެސް ކުޅުނެވެ.
އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމަށް ކުޅެދިން 57 މެޗުގައި 44 ގޯލު ޖަހާފަ އެވެ. އަދި 1966 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި އިނގިރޭސި ޓީމުގައިވެސް އޭނާ ހިމެނެ އެވެ.
އޭނާގެ އަތުގައި އިމގިރޭސި ޓޮޕް ފްލައިޓްގަި 357 ލަނޑާއެކު އެންމެ ގިނަ ލަނޑުގެ ރެކޯޑް އޮންނައިރު ޓޮޓެންހަމަށް އޭނާ ވަނީ 379 މެޗުން 266 ގޯލު ޖަހައިދީފަ އެވެ.
1960 - 1961 ގެ ސީޒަނުގައި ޗެލްސީއަށް 41 ގޯލު ޖަހައިދީ އެޓީމަށް އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހި ރެކޯޑް އޭނާގެ އަތުގައި އޮންނައިރު 1962 - 1963 ގައި އޭނާ ވަނީ 37 ލަނޑާއެކު ޓޮޓެންހަމާއެކު ވެސް އެރެކޯޑް ހަދާފަ އެވެ.
ޓޮޓެންހަމުން ވަނީ ޖިމީ ގްރީވްސް މަރުވުމުން ބަޔާނެއް ނެރެ ހިތާމަ ފާޅުކޮށްފަ އެވެ. އޭނާ މަރުވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެވެ.
މިކަމާ ގުޅިގެން އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ހިތާމަ ފާޅުކޮށްފަ އެވެ.