twitterviber whatsapp telegramfacebookyoutube instagram
28th March 2024

ގާނޫނީ ކޮލަމް: ޝަކުވާ ހުށަހެޅުމުން، އަނިޔާގެ ޝިކާރައަކަށްވީތޯއެވެ؟

Sep 23, 2021

"ޖެންޑަރ އިކުއަލިޓީ" ނުވަތަ "ޖިންސުގެ ހަމަހަމަކަން" އެއީ އަންހެނުންނަށާއި ފިރިހެނުންނަށް، ފުރުސަތުތައް ލިބުމުގެ ހަމަހަމަކަމާއި، ފުރުސަތުތަކަށް ވާސިލުވުމުގައި ހަމަހަމަކަމާއި، ފުރުސަތުތަކުން ނަތީޖާ ހާސިލުކުރުމުގެ ހަމަހަމަކަމާއި، ޙައްޤުތަކާއި މިނިވަންކަމުގެ ފުރިހަމަ މަންފާ ހޯދޭފަދަ މަޢުނަވީ ހަމަހަމަކަމެކެވެ. މިގޮތުން، ސީދާގޮތުންވިޔަސް އަދި ނުސީދާގޮތުންވިޔަސް، އަންހެނުންނާއި ފިރިހެނުންނާ ދެމެދު އޮންނަ ހަމަހަމަކަން ނެތިގެންދާފަދަ ގޮތަކަށް ވަޒީފާގެ މާޙައުލުގައި ޢަމަލުކުރާނަމަ، އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ޙައްޤު އެ ތަފާތުކުރުން ނިސްބަތްވި ފަރާތަށް ލިބިގެންވެއެވެ. ހަމައެހެންމެ، ވަޒީފާ ދޭ ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރުމާއި ބަދަލުހޯދުމަށް ހުށަހެޅުމުގެ ޙައްޤުވެސް އެފަރާތަށް ލިބިގެންވެއެވެ.

ޝަކުވާ ހުށަހެޅުން

ވަޒީފާގެ މާޙައުލުގައި ސީދާގޮތުންވިޔަސް ނުސީދާގޮތުންވިޔަސް، މީހެއްގެ ޖިންސަށް، ކައިވެނީގެ ޙާލަތަށް، ޢާއިލީ ޒިންމާއަށް، ޢާންމު ގޮތެއްގައި ވަކި ޖިންސަކަށް ނިސްބަތްކުރާ ސިފަތައް ނުވަތަ ޢާންމު ގޮތެއްގައި އެ ޖިންސަކަށް ނިސްބަތްނުކުރާ ސިފަތަކަށް ބަލައި ތަފާތުކުރާކަމުގައިވާނަމަ، އެކަމުގެ ޝަކުވާ ނުވަތަ މައްސަލަ އެމީހަކަށް ޝަކުވާ ހުށަހަޅާ ކޮމިޓީ އަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވެއެވެ. އަދި އެފަދަ ޝަކުވާއެއް ވަޒީފާ ދޭ ފަރާތަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ޝަކުވާ ހުށަހަޅާފައިވާ ކަމަކާ ގުޅިގެން މައްސަލަ ބަލައި، އެ މައްސަލައާ ގުޅޭގޮތުން ނިންމި ގޮތް ޝަކުވާއެއް ހުށަހެޅި ފަރާތަށް ވަޒީފާ ދޭ ފަރާތުން ލިޔުމުން އަންގަންވާނެއެވެ. ހަމައެހެންމެ، ހުށަހެޅުނު ޝަކުވާއެއްގެ މައްސަލައެއް ބަލައި ނިންމިއިރު، އެއްވެސް ފަރާތަކުން އިޙުމާލުވިކަން ނުވަތަ ޢަމަލެއް ހިންގިކަން ކޮމިޓީން ކުރި ތަޙުޤީޤަށް ސާބިތުވެއްޖެނަމަ، އިޙުމާލުވި ފަރާތަކާމެދު ނުވަތަ ޢަމަލެއް ހިންގި ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ވަޒީފާދޭ ފަރާތަށް އަންގަންވާނެއެވެ.

އެހެންނަމަވެސް، ޝަކުވާ ހުށަހެޅުމާ ގުޅިގެން ޝަކުވާކުރާ ފަރާތް އަނިޔާގެ ޝިކާރައަކަށް ހެދުމަކީ ޤާނޫނީ ގޮތުން މަނާކަމަކެވެ. އެގޮތުން، ޝަކުވާއެއް ހުށަހެޅުމުގެ ސަބަބުން އެމީހަކު އަނިޔާގެ ޝިކާރައަކަށް ހަދައިފިނަމަ، އެފަދަ އަނިޔާގެ ޢަމަލެއް ހިންގި ފަރާތެއްގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

މައްސަލަ ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުން

ވަޒީފާ ދިން ފަރާތުން އެފަރާތުގެ ޒިންމާ އަދާނުކުރާނަމަ ނުވަތަ ސީދާގޮތުންވިޔަސް ނުސީދާގޮތުންވިޔަސް ތަފާތުކުރުން ގެންގުޅޭނަމަ، ވަޒީފާ ދިން ފަރާތުގެ މައްޗަށް ދަޢުވާ ކުރުމުގެ ޙައްޤު ތަފާތުކުރުން ރައްދުވި ފަރާތަށް ލިބިގެންވެއެވެ. އަދި ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުން މައްސަލަ ބަލާފައިވާގޮތާމެދު ހިތްހަމަނުޖެހޭނަމަ ނުވަތަ ވަޒީފާ ދޭ ފަރާތުން ނިންމާފައިވާ ނިންމުމެއް ޝަކުވާ ހުށަހެޅި ފަރާތަށް ޤަބޫލުނުކުރެވޭނަމަ، ނިންމުން ނިންމި ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤުވެސް ޝަކުވާ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ. މީގެ އިތުރުން، ވަޒީފާ ދޭ ފަރާތަށް ޝަކުވާ ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމާފައި ނުވާނަމަ، އެ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިޚްތިޔާރުވެސް ޝަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

އެގޮތުން، ދަޢުވާކުރާ ކުރުމުގައި ބަދަލު ހޯދުމަށް ނުވަތަ ތަފާތުކުރުން ގެންގުޅުނު ފަރާތުގެ ޢަމަލު މުރާޖަޢާކޮށްދިނުމަށް، ޓްރައިބިއުނަލްގައި ނުވަތަ ކޯޓުގައި ދަޢުވާކުރާ ފަރާތަށް އެދެވިދާނެއެވެ.

ބަދަލު ނަގައިދިނުން

ދަޢުވާއެއްގައި ބަދަލު ނަގައިދިނުމުގައި، އެ މައްސަލައެއްގައި ހިމެނިގެންވާ ކަންކަމުގެ މައްޗަށް ބިނާކޮށް، މި ޤާނޫނާ ޚިލާފުވި ޚިލާފުވުމެއްގެ ސަބަބުން ނުވަތަ ތަފާތުކުރުމެއް ގެންގުޅުމުގެ ސަބަބުން ލިބޭ ގެއްލުމަކާ ގުޅިގެން، އެފަދަ ގެއްލުމެއް ލިބޭ މީހާއަށް ނަގައިދޭނީ ކޮން ބާވަތެއްގެ ބަދަލެއް ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، އެކަމާގުޅޭގޮތުން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، ޓްރައިބިއުނަލުން ނުވަތަ ކޯޓުންނެވެ.

އެގޮތުން، މައްސަލާގައި ޢަދުލު އިންސާފު ދެމެހެއްޓުމަށްޓަކައި، ބަދަލު ނަގައިދިނުމުގައި ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ ހުރިހާ ކަންކަމަށް ބަދަލު ނަގައިދިނުމަށް ނުވަތަ ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން، ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ބައެއް ކަންކަމަށް ބަދަލު ނަގައިދިނުމަށް ނުވަތަ ކުރިން ބަދަލު ނަގައިދީފައިވާ ޙާލަތާ އެއްގޮތް ޙާލަތެއް ހިމެނޭ މައްސަލައެއްނަމަ، ކުރިން ދިމާވި ޙާލަތުގައި ނަގައިދިން ބަދަލާ އެއްގޮތް ބަދަލެއް ނަގައިދިނުމަށް ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ކަނޑައެޅިދާނެއެވެ.

ޢަމަލު މުރާޖަޢާކުރުން

މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއެއްގައި، ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންވާނީ ވަކި ކަންކަމެއްގެ މައްޗަށް ބެލުމަށް ފަހުގައެވެ. އެގޮތުން، ތަފާތުކުރުމެއް ގެންގުޅެފައިވޭތޯ ނުވަތަ ނޫންތޯއާއި، ތަފާތުކުރުމެއް ގެންގުޅެފައިވާނަމަ އެކަން ބިނާވެފައިވާ ސަބަބުތަކާއި، އެކަން އިސްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ އަދި ތަފާތުކުރުމެއް ގެންގުޅެފައިނުވާނަމަ އެކަން ބިނާވެފައިވާގޮތަށް ރިޢާޔަތްކުރުމަށް ފަހުގައެވެ. އެގޮތުން، ތަފާތުކުރުމެއް ގެންގުޅެފައިވާކަމަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ މައްސަލަތަކުގައި، އެފަދަ ތަފާތުކުރުމެއް ގެންގުޅެފައިވާ ފަރާތް 12,000 (ބާރަ ހާސް) ރުފިޔާއާއި 50,000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ލިބިގެންވެއެވެ.
ވަޒީފާގެ މާޙައުލުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެމީހެއްގެ ޖިންސަށް ނުވަތަ އެނޫންވެސް ކަމަކަށް ބަލައި ތަފާތުކުރާކަމުގައިވާނަމަ، އެފަރާތެއްގެ ޙައްޤުތައް ހޯދުމަށްޓަކައި އެފަރާތަކުން މަސައްކަތްކުރަންވާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިނަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355