ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކުރައްވައި އެތަނުގައި ހިދުމަތްދޭ އެކި މުވައްސަސާތަކުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
އިއްޔެ ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގައި ހިދުމަތްދޭ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އެބޭފުޅުންގެ މަސައްކަތްތަކާ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ.
މި ޒިޔާރަތްކުރެއްވުމުގައި ނާއިބު ވަނީ މޯލްޑިވްސް އިމިގްރޭޝަންއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި އެމް.އޭ.ސީ.އެލްގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ އެ މުވައްސަސާތައް ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އަދި މިހާރު ފަތުރުވެރިން އަންނަ މިންވަރު އިތުރުވާކަން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އެމުވައްސަސާތަކުގެ އިސް ބޭފުޅުން ވަނީ އެބޭފުޅުން ދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދެއްވައި އެކަންކަން އެޗް.ޕީ.އޭގެ ގަވާއިދާ އެއްގޮތަށް ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެމެޖެންސީ ހާލަތްތަކުގައި އެހާލަތަށް އިސްކަންދެއްވައިގެން ކުރަން ހުންނަ ކަންކަން އެންމެ ފުރިހަމައަށް ކުރެއްވުމަށް އެދިވަޑައިގަތެވެ. މީގެ އިތުރުން ހުރިހާ މުވައްސަސާތަކުން ވެސް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި އެދިވަޑައިގެންފައެވެ.
ނާއިބުގެ މި ޒިޔާރަތްކުރެއްވުމުގައި އެމަނިކުފާނު ވަނީ ޑޮމެސްޓިކް ޓަރމިނަލްއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެއާޕޯޓުގައި އަލަށް ތަރައްޤީ ކުރަމުންދާ ވީ.އައި.ޕީ އަދި ސީ.އައި.ޕީ ޓާމިނަލް ވެސް އެމަނިކުފާނުވަނީ ބައްލަވާލައްވާފައެވެ.