twitterviber whatsapp telegramfacebookyoutube instagram
20th March 2026

ރައީސް ނަޝީދު މާލެ ވަޑައިގެންފި

ނަބީލާ އިސްމާޢީލް
Oct 11, 2021

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއިން ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މާލެ ވަޑައިގެންފިއެވެ.

ރާއްޖޭން ބޭރުގައި އުޅުއްވާތާ ހަތަރު މަސް ފަހުން މިއަދު ރާއްޖެ ވަޑައިގަތުމާއެކު އެމަނިކުފާނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޫނު މަރުހަބާއެއް ވިދާޅުވި އެވެ.

ފަރުވާއަށް ބޭރުގައި ހަތަރު މަސް ހޭދަކުރައްވައި ނަޝީދު މިއަދު މާލެ ވަޑައިގަތީ ދުބާއީގައި އޮތް އެކްސްޕޯ ނިންމާލެއްވުމަށް ފަހު އެވެ. ރައީސް ނަޝީދު މާލެ ވަޑައިގެންފައިވަނީ މިއަދު މެންދުރު 14:50ގައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ރިކޮމެންޑޭޝަންތަކެއް ވެސް ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް މިހާރު ވަނީ ޝަރީއަތް ފަށާފައެވެ. މިމައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާކޮށް ޝަރީޢަތް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355