އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ލީގު ބުރުގެ އެންމެފަހުގެ މެޗުގައި މުބާރާތް ބާއްވާ ގައުމު ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިމެޗު އިންޑިއާ ކާމިޔާބުކުރީ 3 - 1 ގެ ނަތީޖާއަކުންނެވެ. އިންޑިއާގެ ލެޖެންޑް އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާ ސުނިލް ޗެތްރީ މިމެޗުގައި ދެލަނޑު ޖެހިއިރު އިންޑިއާގެ އަނެއް ލަނޑު ޖަހައިދިނީ މަންވީރް ސިންގެވެ. މިމެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގު (ދަަގަނޑޭ) އެވެ.
މިމެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި މަންވީރު ސިންގް އިންޑިއާއަށް ލީޑު ނަގައިދިން ނަމަވެސް 45 މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ދަގަނޑޭ ރާއްޖެއަށް މެޗު އެއްވަރުކޮށްދިނެވެ. ފުރަތަމަ ހާފު 1 - 1 އެއްވަރުވެ އޮވެ ނިމުނު ނަމަވެސް އިންޑިއާއިން ވަނީ ދެވަނަ ހާފުގައި ދެލަނޑު ޖަހާ މެޗުގެ ނަތީޖާ އިންޑިއާ ކޮޅަށް އަނބުރާލާފަ އެވެ.
އިންޑިއާގެ ދެވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނެޓު ސުނިލް ޗެތްރީ ރާއްޖޭގެ އޭރިއާ ތެރޭގައި ހުރެފައި ގޯލާ ދިމާލަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ޗެތްރީ ވަނީ އިންޑިއާއަށް ލަނޑެއް ޖަހައިދީ މެޗުގެ ކޮންޓްރޯލް ހޯދާފަަ އެވެ. އެލަނޑު އޭނާ ކާމިޔާބުކުރީ އިންޑިއާއަށް ލިބުނު ހިލޭ ޖެހުމަކުން އޭރިއާތެރެއަށް އައި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މިމެޗުގައި ރާއްޖެއިން ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް ރާއްޖެއަށް ވަނީ މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތް ނުވެފަ އެވެ.
މިމެޗުގައި އިންޑިއާއިން ވަނީ ޖުމްލަ 17 ހަމަލާއެއް ރާއްޖޭގެ ގޯލާ އަމާޒުކޮށް ފޮނުވާލާފަ އެވެ. އޭގެ ތެރެއިން އޮންޓާގެޓްގައި ފޮނުވާލެވިފައިވަނީ 4 ހަމަލާ އެވެ. ރާއްޖެއަށް އިންޑިއާ ކޮޅަށް ޖުމްލަ 11 ހަމަލާ ފޮނުވާލެވުނުއިރު 3 ހަމަލާ ވަނީ ގޯލާ އަމާޒުވެފަ އެވެ. ނަމަވެސް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފަ އެވެ.
މިމެޗުންވީ ބައްޔާއެކު ރާއްޖެ މިވަނީ މުބާރާތާ އަލްވަދާއު ކިޔާފަ އެވެ. މިމެޗުން އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. މިމެޗުން ލިބުނު މޮޅާއެކު އިންޑިއާ މިވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. މުބާރާތުގެ ފައިނަލުގައި އިންޑިއާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ނޭޕާލް މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝްއާ އެއްވަރުކޮށްގެންނެވެ.