twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފަހުވަގުތު ޖެހި ލަނޑާއެކު ފުރަތަމަ ފަހަރަށް ނޭޕާލް ސާފްގެ ފައިނަލަށް

މުޙައްމަދު އަހުމަދު
Oct 13, 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ނޭޕާލާއި ބަންގްލަދޭޝް ބައްދަލުކޮށް ފަހު ވަގުތު 1 - 1 ން އެއްވަރުކޮށްގެން ނޭޕާލް މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ. އަދި ބަންގްލަދޭޝް މިވަނީ މުބާރާތާ އަލްވަދާއު ކިޔާފަ އެވެ.

މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބަންގްލަދޭޝްއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 9 ވަނަ މިނެޓުގައި އެމް.ޑީ ސުމަން ރެޒާ އެވެ. އޭނާ މިގޯލު ކާމިޔާބުކުރީ ބޮލުންނެވެ. ފުރަތަމަ ތިންމެޗުގައި މޮޅު ކުޅުމެއް ދެއްކި ބަންލަދޭޝްގެ ޔާސިން އަރަފާތު ހުރީ ދެ ރީނދޫ ކާޑު ހަމަަވެގެން ސަސްޕެންޝަނުގައި އެވެ.

ނޭޕާލުން މެޗުގެ މިސްރާބު އެއްކޮށް ބަދަލުކޮށްލީ 87 ވަނަ މިނިޓުގައި ނޭޕާލަށް ލިބުނު ޕެނަލްޓީއަކުންނެވެ.ބަންގްލަދޭޝްގެ އޭރިޔާ ތެރެއިން އެޓީމުގެ ބިޝްވަނާންތު ގޯޝް ނޭޕާލްގެ ބިސްޓާ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެޓީމުން ވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މީގެކުރިން ނޭޕާލް ވަނީ 1993 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. ނަމަވެސް އޭގެ ފަހުން އެ ޓީމު ވަނީ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅުން ފަސް ފަހަރުވެސް ބަލިވެފަ އެވެ.

މިމުބާރާތުގެ ވަރަށް ފޯރިގަދަ މެޗެއް މިރޭ ވެސް ކުޅެވޭނެ އެވެ. މިމެޗުގައި ބައްދަލުކުރާނީ މިމުބާރާތުގެ އެންމެ ކާމިޔާބު ދެޓީމު ކަމަށްވާ އިންޑިއާ އާއި މުބާރާތް ބާއްވާ ގައުމު ދިވެހިރާއްޖެ އެވެ. މިމެޗު ފަށާނީ މިރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355