ށ. ފޯކައިދޫގައި އެ ރަށު ސްކޫލުން އިސްނަގައިގެން ޕިކްނިކް އޭރިއާއެއް ތަރައްގީކޮށްފި އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ސްކޫލްގެ ޕްރިންސިޕަލް މަތީނު ވިދާޅުވީ އާމަންހަޖުގެ ތެރެއިން ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުން "މައި ކޮމިއުނިޓީ" ތީމްގެ ދަށުން މުޖުތަމައުއަށް ފައިދާހުރި މަސައްކަތެއް ކޮށްދިނުމުގެ ގޮތުން ރަށުގައި ޕިކްނިކް އޭރިއާއެއް ނެތުމުން ދަރިވަރުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
މަތީން ވިދާޅުވީ މަސައްކަތަށް ރަށުގެ ކައުންސިލާއި، އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ހުރިހާ ބެލެނިވެރިންނާއި ދަރިވަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
ރަށުގެ ކޮއްލަވާނި ކަނޑޫފާ ސަރަހައްދުގައި ތަރައްގީކޮށްފައިވާ މި ބީޗަށް ދެވޭ ގޮތަށް ކަނޑޫފަލުން ވެލިއަޅާ ރީތިކޮށްފައިވާ މި ސަރަހައްދަކީ ރަށުގެ އެންމެ ރީތި ވެލިތުނޑި އޮންނަ ބީޗެވެ. ކަނޑޫފަލާ ގުޅޭގޮތަށް އެސަރަހައްދަށް ނަންދީފައިވަނީ " ކޮއްލަވާނި ބީޗް"ގެ ނަމުންނެވެ.
މި ސަރަހައްދު ސާފުކުރުމާއި ތަނުގައި ހަދާފައިވާ ކޮންމެ އެއްޗެށް ހެދުމުގައިވެސް ދަރިވަރުންގެ ބައިވެރިވުން ހިމެނޭނެ ކަމަށް މަތީނު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސްކޫލުގެ ރަސްމީގަޑީގެ އެއް ސެޝަން ސްކޫލުގައި ކިޔެވުމަށްފަހު އިންޓަވަލް ފަހުން ސްކޫލުގެ ޕްރެކްޓިކްލް މަސައްކަތެއްގެ ގޮތުގައި ދަރިވަރުންނާއި ބެލެނިވެރިން މަސައްކަތް ކުރިއަށްގެން ދިޔައީ ބީޗްގައި ކަމަށެވެ.
ތަނުގައި ހެދިފައިވާ ގިނަ ތަކެއްޗަކީ ބެލެނިވެރިންނާއި ރަށުގެ ރައްޔިތުން ހަދިޔާކޮށްފައިވާ ތަކެތިކަން ފާހަގަ ކުރައްވާ މަތީނު ވިދާޅުވީ ތަނަށް ކުރަން ޖެހުން ކުދިކުދި ހަރަދުތައް ކޮށްފައިވަނީ ސްކޫލާއި ބެލެނިވެރިންކަމަށެވެ.
"މިތަނުގައި ހަދާފައިވާ ގިނަ އެއްޗެއްސަކީ ގޭގައި ބޭނުން ނުކޮށް ހުންނަ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ އެއްޗެހި" މަތީނު ވިދާޅުވި އެވެ.
ދެ ހަފުތާގެ މަސައްކަތުން ތަރައްގީކޮށްފައިވާ މި ބީޗް ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޖޯލިފަތިތަކާއި އަށިތަކާއި އުނދޯލީގެ އިތުރުން ބާބަކިއު ގްރިލް އެއް ރާނައި ޕާކިންގ އޭރިއާއެއްވެސް ހެދިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީޗް ތަރައްގީކުރި ފަހުން ކޮންމެ ވަގުތެއްގައިވެސް އެ ސަރަހައްދުގެ ބޭނުން ހިފާމީހުން ގިނަކަން މަތީނު ވަނީ ފާހަގަ ކޮށްފަ އެވެ.