twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސިކުނޑީގެ 3 ވަނަ އޮޕަރޭޝަނަށް ތުއްތު އަޒުޔާން ބޭނުންވަނީ ދީލަތި އެހީއެއް

ނަބީލާ އިސްމާޢީލް
Oct 23, 2021

އުމުރުން އެންމެ 4 އަހަރުގެ ތުއްތު ހަސަން އަޒްޔަން އަބްދުލްހަމީދަކީ ހދ. ކުޅުދުއްފުށީ ސަބްނަމީގެ އަބްދުލް ހަމީދު އާއި ކުޅުދުއްފުށީ ތާޖް އާއިޝަތު ސުޒާނާގެ 3 ވަނަ ދަރިފުޅެވެ. އަޒްޔާންގެ ދޮއްޓަށް 2 ފިރިހެން ކުދިން ތިބެއެވެ.

މަންމަ ސުޒާނާ ކޭއޯއާއި ވާހަކަ ދައްކަމުން ބުނީ އަޒްޔާނުގެ ސިއްހީ މައްސަލަ އެއް ހުންނަކަން ކުރިންވެސް ފާހަގަވެގެން އެތައް ފަހަރެއްގެ މަތިން ޑޮކްޓަރުންނަށް ދެއްކިފަ ވާނެ ކަމަށެވެ. އޭނާގެ ލޮލުގެ މައްސަލައެއް ފާހަގަވާތީ މީގެ ކުރިންވެސް ރާއްޖޭން ބޭރުންވެސް ޑޮކްޓަރަށް ދެއްކި ނަމަވެސް ބަލި ފެނިފަނުވާ ކަމަށް އަޒްޔާންގެ މަންމަ ބުންޏެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަސްތެރޭ ދަރިފުޅު ހާލު ވަރަށް ދެރަވެ ނުހިނގި، ބިންމަތީ ފިރުކި، ކޮޅަށްވެސް ނުހުރެވެން ފެށި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން ބުނީ ދަރިފުޅަށް ޑެންގޫ ޖެހިފައިވާކަމަށާއި ނަމަވެސް އިތުރު މައްސަލައެއް ނޫޅޭކަމަށެވެ.

ނަމަވެސް ޑެންގޫ ރަނގަޅު ވުމުންވެސް އަޒްޔާންއަށް ކުރިއެރުމެއް ނުލިބުނެވެ. ނޮވެމްބަރު ނިމުމަކާ ކައިރިވެފައިވަނިކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހެދި ސީޓީ ސްކޭނާއި ޓެސްޓްތަކުން އެނގުނީ އަޒްޔާންގެ ބޮލުގައި ޓިއުމަރެއް އުފެދިފައި އިންކަމެވެ. މި ހަބަރު ވެގެންދިޔައީ އެކުޑަ އާއިލާއަށް ލިބުން ބޮޑު ޝޮކަކަށެވެ. އެ އުފާވެރި ދިރިއުޅުމަށް އެޅުނު ކަޅު ހިޔަންޏަކަށެވެ.

އައިޖީއެމްއެޗްއަށް ފޮނުވާލި ނަމަވެސް އެކޮޅުން ފަރުވާދެވެން ނެތިގެން އޭޑީކޭއަށް ފޮނުވި އެވެ.

އޭޑީކޭން ޑޮކްޓަރ ނިޔާފް ބެއްލެވުމަށްފަހު ވިދާޅުވީ އަޒްޔާންގެ ބޮލުގައި 12ސމ އަށް ވުރެން ބޮޑު ޓިއުމަރެއް އިންކަމަށާއި ސިކުނޑީގައި ފެންހެދި ފެން ބޭރު ނުވުމުގެ ސަބަބުން އަޒްޔާނަށް ބޯހިއްލާ ނުލެވެނީ ކަމަށެވެ. އޭޑީކޭން ސިކުނޑިން ފެން ބޭރުކުރުމަށް އޮޕްރޭޝަނެއް ކުރެވުނު ކަމަށް ސުޒާނާ ކިޔާދިނެވެ.

ނަމަވެސް ޓިއުމަރު ނަގަން ކުރަން ޖެހޭ ސާރޖަރީ އަކީ ރާއްޖޭގައި ކުރެވެންނެއް ސާރޖަރީ އެއްކަމުން ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރު ލަފާ ދިނެވެ. އަދި މި ޓިއުމަރ އަކީ އޮޕަރޭޝަންކޮށްގެންވެސް އެއްފަހަރުން ނުނެގޭނެ ޓިއުމަރެއް ކަމަށްވެސް ޑޮކްޓަރު ބުނިކަމަށް ސުޒާނާ ބުންޏެވެ. މި ސާރޖަރީ ކުރުމަށް ރާއްޖެ އިން ބޭރަށް ދިޔުމަށް އާސަންދަ ހަމަޖެހުން ނަމަވެސް އެ ފަހަރުވެސް ރާއްޖޭން ބޭރުގައި ތިބީ ރައްޔިތުންނާއި ގާތް މީހުންގެ އެހީތެރިކަމާއި އެކުގައިކަން ސުޒާނާ ފާހަގަ ކުރިއެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ޓިއުމަރު ނެގުމުމަށް ބޮލުގެ ބޮޑު ދެ އޮޕަރޭޝަން ކުރެވި ޓިއުމަރުގެ 60 އިންސައްތަ ވަނީ މިހާރު ނެގިފަ އެވެ. ޓިއުމަރު ހެދިފައި އިންނަނީ ލޮލުގެ އެތެރެއިން ކަމުން އަޒްޔާނުގެ ލޮލުގެ ހާލަތުވެސް އަންނަނީ ވަރަށް ދައްވަމުންނެވެ.

ކުޑަ ކުޑަ ދަރިފުޅަކު ބަލި ހާލުގައި އުޅޭތަން ދެކުމަކީ އެއްވެސް މަންމަ އަކާއި ބައްޕަ އަކަށް ކެތްވާނެ ކަމެއް ނޫނެވެ. އެ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އަޅާވޭން ދެކެން އެ މައިންބައިނަކަށްވެސް ކެތެއް ނުވެ އެވެ. އެ މަންމަ ނުހަނު އަސަރާއި އެކު ވާހަކަ ދައްކަމުން ކިޔާދިން ގޮތުގައި އެ ދަރިފުޅަށް އެއްވެސް އެއެއްޗެށް އަނގަކުން ނުކެވެއެވެ. އެހެން މީހުން ކާތަން ފެނުމުން އެ ދަރިފުޅުވެސް ކާން ބޭނުންވެ އެވެ. ނަމަވެސް އަޒްޔާންއަށް މިހާރު ކާންދޭން އިންނަނީ ނޭފަތުން ހޮޅިއެއް ލައްވާފަ އެވެ. ދެވެނީ ހަމައެކަނި ދިޔާ އެއްޗެސެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން ޑޮކްޓަރުންގެ ލަފާގެ މަތިން މިހާރު ރާއްޖެ އައިސް ހުޅުމާލޭ ހޮސްޕިޓަލުން އަންނަނީ ކީމޯނަގަމުންނެވެ. ކޮންމެ 21 ދުވަހަކުން ކީމޯ ނަގަން ޖެހެއެވެ.

ޓިއުމަރު ނެގުމަށް އަންނަ މަހު އަޒްޔާނުގެ 3 ވަނަ އޮޕަރޭޝަންނެއް ކުރުމަށް ވަނީ ޑޮކްޓަރުން ބުނެފަ އެވެ. އެހެންކަމުން އެ އޮޕަރޭޝަން ކުރުމަށް އިންޑިއާއަށް ދިއުމަށް އަޒްޔާން މައިންބަފައިން ވަނީ އެންމެހާ ލޮބުވެތި ރައްޔިތުންގެ ކިބައިން ނިހާޔަތަށް ބޭނުން ޖެހިފަ އެވެ.

އަޒްޔާން ގެ މައިންބަފައިންގެ ދެފަރާތުގެ އާއިލާގެ މާލީ ތަނަވަސްކަން ނެތުމުން މީގެ ކުރިންވެސް އިންޑިއާގައި ތިބީ ހެޔޮއެދޭ އަހުންގެ ދީލަތި އެހީގަ އެވެ.

"އާސަންދައިގެ ދަށުން ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަ ޖެހޭ" ސުޒާނާ ބުންޏެވެ. ނަމަވެސް ގިނަ ދުވަސްތަކެއްގައި ރާއްޖޭން ބޭރުގައި މަޑުކުރަން ޖެހޭތީ އިންޑިއާގައި ތިބުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަށް ކުރުމަށް ލޮބުވެތި އަހުންގެ ދީލަތި އެހީއަށް އެކުޑަކުޑަ އާއިލާއިން މިވަގުތުވަނީ ބޭނުން ޖެހިފަ އެވެ.

މިފަދަ ބޮޑު ސާރޖަރީ އެއް ކުރުމަށް ރާއްޖެއިން ބޭރުގައި ހޭދަކުރަންޖެހޭ ދުވަސްތަކުގައި ވަރަށް ބޮޑު ޚަރަދުތަކެއް ހިނގާނެތީއާއި، އާއިލާގައި އެފަދަ ތަނަވަސް ކަމެއް ނެތުމާއެކު ލޮބުވެތި އަޚުންނާއި، އުޚްތުންގެ ކިބައިން ދީލަތިއެހީ އަކަށް އެދޭކަމަށް އަޒްޔާންގެ މަންމަ ސުޒާނާ ބުންޏެވެ.

އަޒްޔާން މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވާން ސުޒާނާގެ ދެމަފިރިންނާއި، އެދެމަފިރިންގެ ކުޑަ އާއިލާ އެދެނީ ތިއަ އެންމެ ބޭފުޅުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާއެވެ.

އާއިޝަތު ސުޒާނާ 7706462415101 (ރުފިޔާ)

އާއިޝަތު ސުޒާނާ 7730000000463 (ޑޮލަރ)

އިތުރު މަޢުލޫމާތު 7853916، 9953666

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355