ވެރިކަން ކުރުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
ރައްޔިތުން މަޖިލީހުގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި އެޕާޓީގެ އިސް ބޭފުޅުންނާއެކު ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަަށް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ ދައުވަތަކަށް އިއްޔެ އެބޭފުޅުން އެމްޑީޕީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައިވާ ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން އިސްލާހު ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށްވެސް އެމްއެންޕީން ބުނެ އެވެ.
އެމްއެންޕީން ބުނީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކާއި ގުޅޭގޮތުންވެސް ވާހަކަ ދެކެވުނު ކަމަށާއި އެގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން އެކަމާއި ގުޅޭގޮތުންވެސް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
ގައުމުގެ މުސްތަގުބަލާއި ގުޅޭ އެފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން ރައްޔިތުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރަމުން އެމްއެންޕީން ބުނީ އިއްޔެ މިމަޝްވަރާ ކުރެވިގެންދިޔަ ކަންކަމާމެދު އެމްއެންޕީން ގޮތްތަކެއް ނިންމާނީ ރައްޔިތުން ދެކޭ ގޮތް ސާފު ކުރުމަށް ފަހުގައި ކަމަށެވެ.