twitterviber whatsapp telegramfacebookyoutube instagram
8th September 2024

މޫސުމީ ބަދަލުތައް: ވިހަ ގޭސްތައް މަދުކުރަން އަހަރެމެންނަށް ކުރެވޭނީ ކޮންކަމެއް؟

މުޙައްމަދު އަހުމަދު
Nov 2, 2021

ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދުނިޔެ މިވެއްޓެމުން ދަނީ ނުރައްކާތެރި ފައްތަރަކަށެވެ. މޫސުމަށް މިއަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތައް ވުޖޫދުން ނެތިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ.

އެހެންކަމަށްވުމާއެކު މިކަން ހުއްޓުވަން އެބަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އަދި ކޮންމެ ގައުމެއް ވެސް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. ނެޓް ޒީރޯ ގައުމަކަށް ވުމަކީ ގައުމުތަކުން އުފައްދާ ވިހަ ގޭސްތައް ޖައްވުން ބޭރުވާ ނުވަތަ އުނިވާ ބަޔަށްވުރެ ގިނަ ނުވުމެވެ. މިދެކަންތައް ބެލެންސް ކުރުން ވަރަށް މުހިންމެވެ.

އެގޮތުން މިފަހަރު ބަލާލަން މިއުޅެނީ ކޮންމެ ފަރުދަކަށް ވެސް އެމީހެއްގެ ކާބަން ފުޓް ޕްރިންޓް ނުވަތަ ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރާނެ ބައެއް ގޮތްތަކަށެވެ.

1. ގޭބިސީތައް އިންސުލޭޓްކުރުން:

ހީޓް ދައްކުރަން ހީޓް ޕަމްޕެއް ހަރުކުރުމުން ފެށިގެން ގޮސް ދުނިޔެ ސަލާމަތްކުރުމަށް ތިމާގެ ގޭގެ ތެރެއިން ކުރެވިދާނެ ބައެއް ކަންކަން ނުވަތަ ގެނެވިދާނެ އެތައް ބަދަލުތަކެއް ހުރެ އެވެ.

އިމްޕީރިއަލް ކޮލެޖް އޮފް ލަންޑަންގެ ޑރ. ނީލް ޖެނިންގްސް ބުނާ ގޮތުން ގޭސް ނުވަތަ ތެލުން އޮޕަރޭޓްކުރާ ހީޓީންގ ސިސްޓަމެއްގެ ބަދަލުގައި އިލްކްޓްރިކް ހީޓް ޕަމްޕެއް ގޭތެރޭގައި ބޭނުންކުރުމަކީ ފުދޭވަރެއްގެ ބޮޑު ތަފާތެއް ފެންނާނެ ކަމެކެވެ.

ކޮންމެ ދުވަހަކުވެސް ބޭނުންނުކުރާ ވަގުތުތަކުގައި ބޮކިތަކާއި އެހެން އިލެކްޓްރިކް ސާމާނުތައް ނިއްވާފައި ބެހެއްޓުމުން ހަރަދު ކުޑަވުމުގެ އިތުރުން އަހަރެމެންގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކުން ދުނިޔެ ސަލާމަތްކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ކޮންމެ ގޭބިސީއަކަށް އިލެކްޓްރިކް ހީޓް ޕަމްޕު ހަރުކުރަން 5000 ޕައުންޑްގެ އެހީއެއް ދޭން ވަނީ ނިންމާފަ އެވެ.

ފާރުތަކާއި ސީލިންގުތައް އަދި ކުޑަދޮރުތަކުގެ އިންސުލޭޝަން އިތުރަށް ރަނގަޅުކޮށްގެން އަހަރެމެންނަށް ބޮޑު ތަފާތެއް ދެއްކޭނެ އެވެ.

އެނާޖީ ސޭވިންގ ޓްރަސްޓުން ބުނާގޮތުގައި ޑްރޯފްޓް-ޕްރޫފިން އަކީ ހަކަތަ ރައްކާކުރުމަށް އެންމެ އަގުހެޔޮ އަދި އެންމެ ރަނގަޅު އެއް މަގެވެ. މީގެތެރޭގައި ފިނިވައި ވައްދާ އަދި ހޫނު ވައި ބޭރުކުރާ ބޭކާރު ގޮޅިތައް ބަންދުކުރުން ހިމެނެ އެވެ. އެގޮތުން އޭގެތެރޭގައި ކުޑަދޮރުތަކުން އަދި ދޮރު ދަށުން ވައިބޭރުވާ ގޮތަށް ހުންނަ މަގުތައް ބަންދުކުރުން ހިމެނެ އެވެ.

2. ކާނާ އިސްރާފުކުރުން ހުއްޓާލާ މަސްކެއުން މަދުކުރުން:

އަހަރެމެންގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ އެންމެ އާދައިގެ އަދި އެންމެ ރަނގަޅު އެއްގޮތަކީ މަސް އަދި ޑެއިރީ ޕްރޮޑަކްޓްތައް ބޭނުންކުރާވަރު މަދުކުރުމެވެ. އޭގެތެރެއިންވެސް ހާއްސަކޮށް ބީފް އާއި ލޭމްބެވެ.

މިއީ ވީގަންސްއަށް އުފާވެރި ހަބަރެކެވެ. ނަމަވެސް ވިސްނާލަންޖެހޭ އެތައް ކަމެއް އަދިވެސް އެބަހުއްޓެވެ.

ބަޔޮލޮޖީ ޕްރޮފެސަރެއްކަމަށްވާ މަގަރެޓް ގިލް ބުނަނީ މިއީ ހަމައެކަނި ވަކި ކާނާތަކަކަށް ގޯސް ނުވަތަ ރަނގަޅު ލޭބަލް ދިނުމެއް ނޫންކަމަށެވެ. މަގަރެޓް ބުނާގޮތުގައި ކޮން ކާނާއެއްގެ ވެސް ކާބަން ފުޓް ޕްރިންޓް ބަރޯސާ ވަނީ އެކާނާއެއް އުފައްދާ ގޮތާއި އަންނަ ތަނަކާއި ސީޒަނަކަށް ކަމަށެވެ.

ކުދި ޕޯޝަންތައް ހަދައިގެން އަދި ބާކީވާ ބައި ފަހަށް ގޭގައި ރައްކާކޮށްގެން ހަރަދުވެސް ސަލާމަތްވެ އިސްރާފުވާ މިންވަރުވެސް ކުޑަވާނެކަމަށް މޫސުމީ ބަދަލުތައް ދިރާސާކުރާ ބައެއް ފަރާތްތަކުން ހާމަކުރެ އެވެ.

3. އުދުހުމާއި ދުއްވުން މަދުކުރުން:

ދަތުރުފަތުރުކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އެއް ސަބަބެވެ.

އިމްޕީރިއަލް ކޮލެޖް އޮފް ލަންޑަންގެ ޑރ. ނީލް ޖެނިންގްސް ބުނާ ގޮތުގައި ކާރު ނެތް އެންވާރަމެންޓަކީ ޓްރާންސްޕް އެމިޝަންސް މަދުކުރުމަށް ކުރެވެން އޮތް އެންމެ ބޮޑު މަސައްކަތެވެ.

އެހެންނަމަވެސް މިގޮތަށް ކަންތައްކުރުމަކީ އެންމެންނަށް ވާނެކަމެއް ނޫނެވެ. ހާއްސަކޮށް ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓެއް ނެތް ސަރަހައްދުތަކުގަ އެވެ.

ކުދި ކުދި ކަންތައްތަކުން ވެސް އެތައް ރަނގަޅު ބަދަލުތަކެއް ފެނެ އެވެ. އެގޮތުން ފިހާރަތަކަށް ދާއިރު ހިނގާފައި ދިއުމާއި ކާރު ދުއްވާއިރު ރައްޓެހިންނާއި އަވައްޓެރިންނާއި ޝެއާރ ކުރުން ފާހަގަކޮށްލެވެ އެވެ.

އެމީހެއްގެ އަމިއްލަ ފުޓް ޕްރިންޓް ކުޑަކުރަން ކުރެވޭނެ އަނެއް ކަމަކީ ފްލައިޓްތައް މަދުކުރުމެވެ. އުދުހޭ ވަރު ގިނަވި ވަރަކަށް ކޮންމެ މީހަކަށް ކޮންމެ ކިލޯމީޓަރަކަށް ޖެހޭވަރު ބޮޑުތަނުން ބޮޑުވެ އެވެ.

4. އެއްޗެހި ގަތުމުގެ ކުރިން ވިސްނާލުން:

ޔޫއެންގެ އެންވާރަމެންޓް ޕްރޮގްރާމުގެ ދިރާސާތަކުން ދައްކާގޮތުގައި އަހަރެމެން މިލާ ޖިންސެއްގެ އެންމެ ޕެއާއެއް އުފެއްދުމަށް 3781 ލީޓަރުގެ ފެން ބޭނުންވެ އެވެ. އެއީ ކޮޓޮން ޕްރޮޑަކްޝަންއާއި މެނުފެކްޗަރިންއަށާއި ޓްރާންސްޕޯޓް އަދި ދޮވުމަށް ބޭނުންވާ ބައި ހިމަނައިގެންނެވެ.

މިކަމުން ފުޓްޕްރިންޓް ދަށްކުރެވޭނީ އާއެއްޗެއް ގަތުމުގެ ބަދަލުގައި ކުޑަކޮށް ހަލާކުވުމުން އެތަންކޮޅު ހަދާލައިގެންނާއި އެއްލާލުމުގެ ބަދަލުގައި އެހެން މީހަކަށް ދީގެންނާއި ގިނަ ދުވަހު ހަލާކުނުވެ ހުންނަ ކޮލެޓީ ރަނގަޅު އެއްޗެހި ހޯދައިގެންނެވެ.

ސެކަންޑް ހޭންޑްކޮށް ގަތުމަކީ ވެސް އެއް ގޮތެވެ. މިހާރު ވަރަށް ގިނަ ކުންފުނި ތަކުން ރެންޓަށް އަންނައުނު ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355