ޒަމާނުއްސުރެ ކުޅުދުއްފުށީ ރައްޔިތުން ދަތުރު ދާން ވަކި ހާއްސަ ރަށްތަކެއް އޮވެއެވެ. ފަހަކާ ޖެހެންދެން އާންމު ދަތުރު ގޮސް ހަދަނީ ހދ އަތޮޅުގެ ރަށްތަކަށެވެ. ދެހާހުގެ ކުރީކޮޅަށް ބަލާއިރު ރީތި މޫދެއް އޮންނަ ނާގޮށި، ނޮޅިވަރަމްފަރު، ކުޑަމުރައިދޫ އަދި ނާވައިދޫ މިއީ ދަތުރު ދާ އާންމު މަންޒިލުތަކެވެ.
ނަމަވެސް އަތޮޅުތެރޭގައި ރަށު ފަތުރުވެރިކަން ތަރައްގީވެ ގެސްޓް ހައުސްތައް ތަރައްގީ ކުރަން ފެށުމާއެކު ހއ ކެލާ، އުލިގަން އަދި ށ ކަނޑިތީމަކީ މިހާރު ކުޅުދުއްފުށީގެ ރައްޔިތުންނަށް ދަތުރުދާން އެންމެ މަގުބޫލް ރަށްރަށަށް މިވަނީ ވެގެންގޮސްފައެވެ. އެ ރަށްތަކުގެ ތެރެއިން ހާއްސަކޮށް މިހާރު އެންމެ ބާރު ބޮޑީ ށ ކަނޑިތީމަށެވެ. ސަބަބުތައް ވެސް ބައިވަރެވެ.
"ރަށަކީ ވަރަށް ސާފުތާހިރު ރަށެއް" ކައުންސިލްގެ ރައީސް އަހުސަން ކަނޑިތީމު ސިފަކުރެއްވީ މިހެންނެވެ.
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ށ ކަނޑިތީމާއި ކުޅުދުއްފުއްޓާއި ދެމެދު ލޯންޗު ފެރީގެ ހިދުމަތް އޮވެއެވެ. އެރަށާއި ދެމެދު ދަތުރުފަތުރުގެ ނިޒާމް ފަސޭހަވުން މިއީ ކުޅުދުއްފުށިން އެރަށަށް މީހުން ދަތުރުކުރާ އެއް ސަބަބެވެ. ކަނޑިތީމް ކައުންސިލްގެ ރައީސް އަހުސަން ވިދާޅުވިހެން އެރަށަކީ ސާފުތާހިރު، މެހެމާންދާރީ އަދާކުރުމުގައި ލާމަސީލު ބައެއް ދިރިއުޅެމުން އަންނަ ރަށެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން އަހުސަން ވިދާޅުވީ އެރަށުގެ ގެސްޓްހައުސްތައް އާންމުކޮށް ހުޅުވާލާފައިވާއިރު މިހާރު އެންމެ ގިނައިން އެރަށް ޒިޔާރަތް ކުރަނީ ކުޅުދުއްފުށީގެ ރައްޔިތުންކަމަށެވެ.
އަހުސަން ވިދާޅުވީ ރަށަށް އަންނަ ފަރާތްތަކަށް އިތުރު ކޮޓަރި ބޭނުންވެއްޖެނަމަ އެކަންވެސް ހަމަޖައްސައިދެމުން ގެންދާނެ ކަމަށާއި ގެސްޓްހައުސްގެ އިތުރުންވެސް ކުއްޔަށް ދޭ ރޫމްތައް ރަށުގައި ހުންނަކަމަށެވެ. ހަފްތާ ބަންދުގައި އާންމުކޮށް 2 ނުވަތަ 3 އާއިލާ ރަށަށް ޒިޔާރަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަށުގެ އެއްވެސް ސަރަހައްދަކަށް ދިއުމަކީ މަނާކަމެއް ނޫންކަމަށާއި ރަށުގެ ރައްޔިތުންނަށް ހުއްދަ ހުރިހާކަމެއް މެހެމާނުންނަށްވެސް ހުއްދަވާނެކަން އަހުސަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ރަށަށް އަންނަ ފަރާތްތައް އެންމެ ގިނައިން ޒިޔާރަތް ކުރަނީ ކުޑަދޫއާއި ބުންބަރު ސަރަހައްދަށް ކަމަށް އަހުސަން ވިދާޅުވި އެވެ.
ކުޑަދޫއަކީ ކަނޑިތީމާއި ގުޅިފައި އިންނަ ކުޑަކުޑަ ރީތި ރަށެކެވެ. އަދި ބުންބަރަކީ ކުޑަދޫ ކައިރީގައި، މުޅި އެ ސަރަހައްދު ރީތިކޮށް ފެންނާނެހެން ޓްރީ ހައުސްއެއްގެ ސިފައިގައި ހަދާފައި އިންނަ ތަނެކެވެ.
"ބުންބަރަކީ ޒުވާނުން އިސްނަގައިގެން ކޮށްފައިވާ ވަރަށް ރަނގަޅު މަސައްކަތެއް. ރަށުގެ އަނެއްކޮޅުގައި އެބައޮތް ފެންގަނޑެއް ހެދިފަ، އެތަންވެސް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުވެސް އެބަ ކުރިއަށް ދޭ. އެއީ ކުރިން ޗަކަ ބިމެއް. ދެން ވަށައިގެން މަގު ހެދިއިރު އެތަން މިއޮތީ ފެން ގަނޑެއްހެން ހަދާފަ" އަހުސަން ވިދާޅުވި އެވެ.
މީގެ އިތުރުން އަހުސަން ވިދާޅުވި ވޯޓާ ޕާކު މިވަގުތު ބޭނުން ނުކުރެވުނު ނަމަވެސް އެތަނަށް ބޭނުންވާ ސާމާނު ވަރަށް އަވަހަށް ގެންނާނެ ކަމަށާއި ރަށްވަށައިގެން މިހާރު މަގެއްވެސް ހެދިފައިވާކަމަށެވެ.
އެރަށުގެ ޒުވާނެއް ކަމަށްވާ އަރީޝް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ހަފްތާ ބަންދުގެ އިތުރުން ޗުއްޓީތަކަށްވެސް ކުޅުދުއްފުށިން އެރަށް ގިނަބަޔަކު ޒިޔާރަތް ކުރާކަމަށާއި މިހާރު ނޮވެމްބަރުގެ ހަފްތާ ބަންދުތަކަށް ގެސްޓަހައުސްތަކުންވެސް ހާއްސަ ޕެކޭޖްތަކެއް ހަދާފައިވާކަމަށެވެ. ގެސްޓްހައުސްގެ ގޮތުގައި ދެ ތަނެއް އެރަށުގައި އޮޕަރޭޓްކުރަމުން ދާކަމަށާއި އެއީ 3 ކޮޓަރީގެ ގެސްޓްހައުސްއަކާއި 5 ކޮޓަރީގެ ގެސްޓްހައުސްއެއް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރަށުގައި ހުންނަ ގެސްޓްހައުސްތަކަކީ ރީތި ގެސްޓްހައުސްތަކެއް ކަމަށާއި އެތަނުން ދޭ ހިދުމަތްތަކުގެ ފެންވަރުވެސް ރަނގަޅުވާނެކަމަށް ވެސް އަރީސް ވިދާޅުވި އެވެ. އަދި ރަށުގެ ރެސްޓޯރެންޓްތަކުން ވެސް ކެއުން ހަމަޖެހޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އަލަށް ހަދަމުންދާ ފެންގަނޑާ ބެހޭގޮތުން އަރީޝް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެތަނުގައި ފެންސު ޖެހުމުގެ މަސައްކަތް ކަމަށާއި އެތަން ތަރައްގީ ކުރަނީ އެންމެނަށްވެސް ވަދެ މަސްތަކަށް ކާންދީ ހިތްފަސޭހަ ވަގުތުތަކެއް ހޭދަކުރެވޭނެ ގޮތަކަށް ކަމަށެވެ. އެގޮތުން އެ ސަރަހައްދަން ދޫނިވެސް ޒިޔާރަތް ކުރާކަން އަރީޝް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ރަށުތެރެއަށް ނަޒަރު ހިންގާލިނަމަވެސް ރަށަކީ ހިތްފަސޭހަ ރަށެކެވެ. މުޅި ރަށަކީ ބޯގަންވިލާގެ ބަގީޗާއެކެވެ. އެކި ކުލަކުލައިގެން ބޯގަންވިލާ ބަލާލަންވެސް މިއީ ވަރަށް ހިތްގައިމު މަންޒަރެކެވެ.