އެއްގަމު އުޅަނދުފަހަރުތަކަށް ރޯޑްވާދިނަސް ހައްދައިދިނުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި އާ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެގޮތުން އެ އުސޫލުގެ ދަށުން ރޯޑްވާދިނަސް ހެއްދުމުގެ ހުއްދަ ލިބޭނީ ވެހިކަލްތައް މޮނިޓަރުކޮށް، ބެލެހެއްޓޭނެ ފުރިހަމަ ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ފަދަ ގަރާޖުތަކަށް އެކަނި ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
އިއްޔެ އޮތް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝިމާޒް ވިދާޅުވީ ރޯޑްވާދިނަސްއާ ގުޅޭ ގޮތުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ރޯޑްވާދިނަސްއާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށްޓަކައި އާ އުސޫލެއް އެކުލަވާލައި އިއުލާން ކުރަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުސޫލު ބަދަލު ކުރުމުގެ ކުރިން އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ޝަރުތުތައް ފުރިހަމަ ކުރުމަށް މުއްދަތެއް ދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި އެވެ. އަދި އެ މުއްދަތުގައި ޝަރުތުތައް ހަމަ ނުކުރާ ގަރާޖުތަކަށް ރޯޑްވާދިނަސް ދޫ ކުރުމުގެ ހުއްދަ ބާތިލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.