twitterviber whatsapp telegramfacebookyoutube instagram
18th April 2024

ގާނޫނީ ކޮލަމް: ތިމާއަށް ވިއްކި މުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއްތޯއެވެ؟

މުޙައްމަދު އަހުމަދު
Nov 4, 2021

ތިމާއަށް ވިއްކި މުދަލަކީ ތިމާ ގަތުމަށްޓަކައި ބެލި ނަމޫނާއާ އެއްގޮތް މުދަލެއްތޯއެވެ؟ ނުވަތަ އެމުދަލުގައި އުނިކަމެއް ނެތް މުދަލެއްތޯއެވެ؟ އެގޮތުން، ވަކި މުދަލެއް ވިއްކާއިރު ނުވަތަ ލިބިގަންނަ ޚިދުމަތަކާ ގުޅިގެން މުދަލެއް ވިއްކާ ޙާލަތުގައިވެސް، ވިއްކާ މުދަލުގައި ފުރިހަމަވާންޖެހޭނެ ކަމަށް ޤާނޫނުން ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވެފައި ހުންނަންވާނެއެވެ. އެ ޝަރުތުތައް ފުރިހަމަވީ ކަމުގައި ބެލެވޭނީ، އޭގެން ކޮންމެ ޝަރުތެއްވެސް ފުރިހަމަވާންޖެހޭ ވަކި ކަންތައްތަކެއް ފުރިހަމަވުމުންނެވެ. އެގޮތުން ބައެއް ޝަރުތުތަކަށް ވަކިވަކިން ބަލާލަމާތޯއެވެ.

މުދަލުގެ މިލްކުވެރިކަން

މުދަލެއް ވިއްކާއިރު، އެ މުދަލުގެ މިލްކުވެރިކަމާމެދު އެއްވެސް ސުވާލެއް އުފެދިގެންނުވާނެއެވެ. އެގޮތުން، މުދަލުގެ މިލްކުވެރިކަމުގެ ޝަރުތު ފުރިހަމަވުމަށްޓަކައި 3 ކަމެއް ފުރިހަމަވާންވާނެއެވެ. އެގޮތުން، މުދަލުގެ މިލްކުވެރިކަމާއި މުދާ ވިއްކުމުގެ ޙައްޤު ވިއްކާ ފަރާތަކަށް ލިބިގެންވާންވާނެއެވެ. އަދި ވިއްކާ މުދަލުގެ މައްޗަށް އެއްވެސް އިތުރު ފަރާތެއްގެ ޙައްޤެއް އޮވެގެންނުވާނެއެވެ. ހަމައެހެންމެ، ގަންނަ ފަރާތަކަށް އެމުދަލެއް ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައިވާ މުދަލެއްކަމުގައި ވާންވާނެއެވެ.

މުދަލުގެ ފެންވަރު

ކޮންމެ މުދަލެއްވެސް ވިއްކާއިރު، އެމުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއްކަމުގައިވާންވާނެއެވެ. މުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއް ކަމަށް ބަޔާންކޮށްފައި އެވަނީ، އެމުދަލުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވެފައިވުމަށެވެ. އެގޮތުން، މުދާ އާންމުކޮށް ބޭނުންކުރާނެ ކަންކަމަށް އެކަށީގެންވާ މުދަލެއް ކަމުގައިވުމާއި، ފެންނަފެނުމުގައި ބަލައިގަނެވޭނެ މުދަލެއް ކަމުގައިވުމާއި، އުނިކަމެއް ނެތް މުދަލެއް ކަމުގައިވުމާއި، އެމުދަލެއް ބޭނުންކުރުމަށް އޮންނަ ބޭނުންމަށްޓަކައި ރައްކާތެރި މުދަލެއްކަމުގައިވުމާއި، އެ މުދަލެއްގެ ބޭނުމަށާއި ބާވަތަށް ބަލާއިރު އެކަށީގެންވާ މުއްދަތަކަށް ބޭނުންކުރެވޭ މުދަލެއް ކަމުގައިވުމާއި، އެމުދަލަކީ ވަކިކަމެއް ކުރުމަށް ޚާއްޞަ މުދަލެއްނަމަ އެކަމަކަށް އެކަށީގެންވާ މުދަލެއް ކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން، އެމުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއް ކަމަށް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ. އާންމުކޮށް އެފަދަ މުދަލެއްގައި ހުންނަ ސިފަތަކަށާއި، މުދަލުގެ އަގަށާއި، މުދަލުގެ ބޭނުމަށާއި، އޭގެ ޚާއްޞަ ސިފަތަކާ ގުޅޭގޮތުން މުދާ ވިއްކަ ފަރާތުން ނުވަތަ މުދާ އުފެއްދި ފަރާތުން އާންމުކޮށްފައިވާ އިސްތިހާރުތަކާއި، މަޢުލޫމާތުތަކާއި، މުދަލުގެ ލޭބަލްތަކުން އަންގައިދޭ ކަންކަމަށާއި އަދި މުދާ ގަތުމާގުޅޭ މުޢާމަލާތާ ގުޅުންހުރި އެހެންވެސް މުހިއްމު ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.

ހަމައެހެންމެ، މުދާ ފޯރުކޮށްދިން އިރު މުދަލުގައި އެއްވެސް މައްސަލައެއް ޖެހިފައިނެތުމުގެ އިތުރުން، މުދަލެއް ވިއްކާއިރު އެމުދަލުގައި ހުރިއެއްވެސް މައްސަލައެއް ނުވަތަ އުނިކަމެއް މުދާ ގަންނަ ފަރާތުގެ ސަމާލުކަމަށް ގެނެސްފައިވާނަމަ، އެމުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއްކަމުގައި ބެލެވޭނެއެވެ. ނުވަތަ މުދާ ވިއްކާ ތަނެއްގައި، އެ މުދަލަކީ މައްސަލައެއް ނުވަތަ އުނިކަމެއް ހުރި މުދަލެއްކަން އެނގޭނެހެން ނުވަތަ މުދާ ގަންނަ ފަރާތްތަކަށް ފެންނާނެހެން ނޯޓިހަކާއެކު މުދާ ބަހައްޓާފައިވާނަމަ، އެ މުދަލެއްގައިވާ މައްސަލައެއް ނުވަތަ އުނިކަމެއް މުދާ ގަންނަ ފަރާތުގެ ސަމާލުކަމަށް ކުރިން ގެނެވިފައިވާކަމަށް ބެލެވޭނެއެވެ.

ނަމޫނާއާ އެއްގޮތް މުދަލެއްކަމުގައިވުން

ވިއްކާ މުދަލަކީ، ވަކި ނަމޫނާއަކާ އެއްގޮތް މުދަލެއްކަމަށް ބަޔާންކުރާނަމަ، އެ މުދަލަކީ އެ ނަމޫނާއަކާ އެއްގޮތް މުދަލެއްކަމުގައި ވާންވާނެއެވެ. އަދި ވިއްކާ މުދަލަކީ ވަކި ނަމޫނާއަކާ އެއްގޮތް މުދަލެއްކަމަށް ބަޔާންކުރާނަމަ، އެ މުދަލެއް އޭގެ ނަމޫނާއާ އެއްގޮތްކަން ބެލުމުގެ ފުރުސަތު ގަންނަ ފަރާތަށް ލިބިދޭންވާނެއެވެ. އަދި އެ މުދަލުގައި އެއްވެސް ތަފާތެއްވާނަމަ، އެކަން ގަންނަ ފަރާތުން އެ މުދަލެއް ގަތުމުގެކުރިން އެ ފަރާތުގެ ސަމާލުކަމަށް ގެންނަންވާނެއެވެ. މީގެ އިތުރުން، ފެންނަ ފެނުމުގައި އެ މުދަލެއްގައި އުނިކަމެއް ހުރެގެން ނުވާނެއެވެ.

މުދަލުގެ އަގު

ވިއްކާ ކޮންމެ މުދަލެއްގެ އަގު، ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް ފެންނަން ހުއްނަންވާނެއެވެ. އެގޮތުން، މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެފައި، ޕްރިންޓްކޮށްފައި ނުވަތަ ހަރުކޮށްފައިވާނަމަ ނުވަތަ އެނޫންވެސް ގޮތަކަށް އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރިނަމަ ނުވަތަ އެ މުދަލަކާ ގުޅޭ ލީފްލެޓް، މަޖައްލާ ނުވަތަ ކެޓަލޮގެއްގައި އެއީ އެ މުދަލުގެ އޭރުގެ އަގުކަން އެނގޭގޮތަށް ނުވަތަ އެއަގަކީ ވަކި މުއްދަތެއްވަންދެން ހިނގާނެ އަގެއްކަމަށް ބަޔާންކޮށްފައިހުރިނަމަ، މުދަލުގެ އަގު ސާފުކޮށް އެނގޭގޮތަށް ހުރިކަމަށް ބެލެވޭނެއެވެ.

ވިއްކާ ކޮންމެ މުދަލަކީ އޭގައި ހިމަނަންޖެހޭ ހުރިހާ ޝަރުތުތަކަކަށް ފެތޭ މުދަލެއްތޯ ކަށަވަރުކުރުމަކީ، ވިއްކާ ފަރާތުގެވެސް އަދި ގަންނަ ފަރާތުގެވެސް ޒިންމާއެކެވެ. އަދި އެކަން ކަށަވަރުކުރެވިގެންދާނަމަ، ފަހުން ދިމާވެދާނެ ދަތި އުނދަގޫތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355