ކޮންމެ ދުވަހަކުމެ އާއިލީ ކޮންމެވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީގެ އަތެއް ދިއްކޮށްލުމަށް އެދި މީހުން ކޮށްފައި ހުންނަ ޕޯސްޓްތައް ފެނެއެވެ. ބޮޑެތި ބަލީގެ ޝިކާރައަށްވެ، އަހަރަކު ދެތިން ފަހަރު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި، މާލީ ތަނަވަސްކަން ހުންނަ މީހަކު މަދުވާނެއެވެ. ރައްޓެހިންނާއި އާއިލީ މީހުންގެ ފަރާތުން އެހީތެރިކަމެއް ލިބުނަސް އެއިން ވެސް ތިބެން ޖެހެނީ ދެކޮޅު ނުޖެހިއެވެ.
އެގޮތުން ހދ. ކުޅުދުއްފުއްޓަށް އުފަން އެރަށު ބަރަބޯމާގެ އުމުރުން 28 އަހަރުގެ ޒުހައިރާ މުހައްމަދު (ޒުހޭ)އަކީވެސް އެނާގެ އުމުރުން އެންމެ 20 އަހަރުން ފެށިގެން ކިޑްނީ ބަލީގެ ހިތްދަތި ވޭންތަކެއް ތަހައްމަލު ކުރަމުންދާ ޒުވާނެކެވެ. ކިޑްނީ ބަދަލު ކުރަން ޖެހިފައި ވާއިރު، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ގުރުބާން ވާން ތައްޔާރަށް އޭނާގެ އާއިލާއިން މީހަކުވަނީ އިސްނަގާފަ އެވެ. ނަމަވެސް މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން މި އާއިލާއަށް ވެސް ދިމާވެފައި މިވަނީ މަޖުބޫރީ ހާލަތެކެވެ.
ކޭއޯއަށް ޒުހައިރާ ކިޔާދިން ގޮތުގައި ކިޑްނީގެ މައްސަލައެއް ހުންނަކަން އެންމެ ފުރަތަމަ އެނގުނީ 2013 ވަނަ އަހަރު އެވެ. އެއީ ފައި ދުޅަވާތީ އޭޑީކޭއަށް ދެއްކީމަ ހެދި ޓެސްޓުތަކުން ސީދާ ކޮންބައްޔެއް ނޭގޭކަމަށާއި ޑައިގުނޯސްވީ "ނެޕްރޯޓިކް ސިންޑްރޮމް" ކިޔާ ބައްޔަކަށް ކަމަށެވެ. އޭގެ ފަހުން އޭޑީކޭން ލަފާދިނީ ރާއްޖޭން ބޭރަށްދާން ކަމަށެވެ.
2014 ފެބްރުއަރީގައި ރާއްޖޭން ބޭރަށްގޮސް ރެނަލް ބައޮޕްސީ ހެދުމުން ސީދާ ބަލި އެނގުން ކަމަށާއި އެ އިރު ޑައިގުނޯސްވީ "އައިޖީއޭ ނެޕްރޮޕަތީ" ކިޔާ ބައްޔަކަށް ކަމަށެވެ. އެއިރު ބޭސްދީފަ 6 މަސް ފަހުން ދައްކަން ބުނެފަ ފޮނުވާލީ އެވެ. " އެގޮތުން ކޮންމެ ހަ މަހަކުން ދައްކަން ގޮސްގޮސް ފަހުން ދެން ރުފިޔާގެ ދަތިކަމާއިހުރެ ނުދެވުނީ" ޒުހޭ ބުންޏެވެ.
އޭގެ ފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދެއްކި ކަމަށާއި އެ އިރުވެސް މާބޮޑު މައްސަލައެއް އިތުރަށް ނެތްކަމަށް އޭނާ ކިޔާދިނެވެ. ދެން 2019 ވަނަ އަހަރުގެ މާރޗް މަހު ވަރަށް ބަލިވެގެން ހޮޑުލެވޭތީ ކޭއާރުއެޗަށްދެކި ކަމަށާއި ނަމަވެސް އިންޖެކްޝަންއެއް ޖެހުމަށް ފަހު ބީޕީވެސް ބަލާނުލާ ފޮނުވާލަނީ ކަމަށެވެ.
އެ އަހަރު ފެމެލީއާ އެކު ޗުއްޓީއަށް ސްރީލަންކާއަށް ގޮސް ޑޮކްޓަރަށް ދައްކާލިއިރު ޓެސްޓްތައް ގޯސްވެފައި ހުރުމުން އަލުން ބައޮޕްސީއެއް ހެދިކަމަށާއި އެޓެސްޓްތަކުން ކުރިއޭޓިނިން ލެވެލް ވަރަށްބޮޑަށް ހުރީ މަތިވެފަ ކަމަށް ޒުހޭ ކިޔައިދިނެވެ.
ކުރިއޭޓިއެން ލެވެލް ވަރަށްބޮޑަށް މަތިވެފަ ހުރުމުން، ބަލައިގެން ގަވައިދުން ބޭސްކައިގެން އުޅެފިނަމަ ގާތްގަނޑަކަށް ދެ އަހަރުވަރު ޑައެލަސިސްއާއި ހަމައަށްނުގޮސް ހިފަހައްޓާލަދާނެ ކަމަށް ލަންކާ ހޮސްޕިޓަލުން ބުނިކަމަށް ޒުހޭ ބުންޏެވެ.
"ދެން ގާތްގަނޑަކަށް ދެ އަހަރު މިވީ" ޒުހޭ ބުންޏެވެ. މިހާރު ކިޑްނީ އިނީ އެންޑް ސްޓޭޖްގަ އެވެ. ނަމަވެސް ޑޯނާއެއް ލިބުނީމަ ޑަޔަލަސިސް ނުހަދާ މަޑުޖައްސާލާފައި ޓްރާންސްޕްލާންޓް ހެދޭގޮތްވޭތޯ ޒުހޭއާއި އޭނާގެ އާއިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރަށުގައި ހުރިނަމަވެސް ރަށުން ޓެސްޓުތަށް ހެދުމަށްފަހު މާލޭގައި ހުންނަ ކިޑްނީގެ ހާއްސަ ޑޮކްޓަރަކަށް ރިޕޯޓުތައް ފޮނުވައިގެން ފޮލޯއަޕްގެ ކަންކަން ކުރިއަށް ގެންދާކަމަށާއި އެ ގޮތުން މިހާރުވެސް ހަފްތާއެއް ފަހުން ޓެސްޓްތައް ހަދަން ޖެހޭކަމަށް ބުންޏެވެ.
ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންއަށް އާސަންދަވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ބޮޑު އޮޕަރޭޝަންއެއް ކަމުން ރާއްޖޭން ބޭރުގައި ގިނަ ދުވަހު މަޑުކުރަންޖެހޭތީ އެކޮޅުގައި ތިބުމަށާއި އެހެނިހެން ޒަރުރީ ބޭނުންތަކަށް މާލީ އެހީ އެއާއިލާއިން ބޭނުންވެ އެވެ.
ޒުހޭ ބުނީ ޑޯނަރު ހަމަޖެހިފައިވާކަމަށާއި މާލީ ދަތިކަމާއި ހުރެ ޓްރާންސްޕްލާންޓް ހަދަން ނުދެވިފައިވާ ކަމަށެވެ. އެހެން ކަމުން ރުފިޔާގެ ކަންކަން ހަމަޖެހުނުހާ އަވަހަކަށް ފުރަންވެފައިވާ ކަމަށް ޒުހޭ ބުންޏެވެ.
ކިޑްނީ ފަންގްޝަން ދައްވަމުން އަންނާތީ ބޮލުގައި ރިއްސާ ހޮޑުލެވި ކަންކަންވާކަމަށާއި އާސަންދަ ހަމަޖެހިފައިވީ ނަމަވެސް ޓްރާންސްޕްލާންޓް ހަދަން ފޮނުވަނީ ސީދާ ހޮސްޕިޓަލް އަދި ޔަގީންވެފައިނުވާކަމަށް އޭނާ ބުންޏެވެ.
ޒުހައިރާ މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވާން ޒުހޭގެ ދެމަފިރިންނާއި އާއިލާއިން އެދެނީ ތިއަ އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމާއި، ހެޔޮ ދުޢާއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 7638083 އިބްރާހިމް ރަޝިދު (ޒުހައިރާގެ ފިރިމީހާ)، 9749080 އަލީ މުހައްމަދު ( ޒުހައިރާގެ ބޭބޭ)