twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދުނިޔޭގެ އެންމެ ބިން ބޮޑު ރަށްތަކަކީ ކޮބައިކަން އެނގޭތަ؟

މުޙައްމަދު އަހުމަދު
Nov 9, 2021

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބިމުގެ ގޮތުން ބަލާއިރު ވަރަށް ބޮޑެތި ރަށްތައް ފެންނަން އެބަހުއްޓެވެ. އަދި އޭގެތެރެއިން ގިނަ ރަށްތަކަކީ ގައުމުތަކެވެ.

އެގޮތުން ބަލައިފިނަމަ އޮސްޓްރޭލިއާ އަކީވެސް ރަށެކެވެ. އެހެން ބުނެވެނީ އެހެން އެއްވެސް ތަނަކާ ގުޅިފައި ނޯންނާތީ އެވެ. ކަން މިހެން އޮތްނަމަވެސް އާންމުކޮށް އޮސްޓްރޭލިއާ ބަލައިގަންނަނީ ބައްރެއްގެ ގޮތުގަ އެވެ.

ދުނިޔޭގެ 7 ބައްރުގެ ތެރެއިން އޮސްޓްރޭލިއާއަކީ އެންމެ ކުޑަ ބައްރެވެ. އޮސްޓްރޭލިއާގެ ބިމުގެ ބޮޑުމިނަކީ 2969976 ސްކޮޔާރ މޭލެވެ.

އެހެންކަމުން އެކަންކަން އެއްކިބާކުރުމަށްފަހު ރަށެއްގެ ގޮތުގައި ބަލައިގަންނަ އޮސްޓްރޭލިއާ ނޫން ބިމުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު 5 ރަށް ތިރީގައި މިވަނީ އެވެ.

1. ގްރީން ލޭންޑް:

އެމެރިކާގެ ޓެކްސަސް އަށްވުރެ 3 ގުނަ ބޮޑު ގްރީން ލޭންޑަކީ ޑެންމާކްގެ ބައެކެވެ. މިއީ ބިމުގެ ގޮތުން ބަލާނަމަ އެންމެ ބޮޑު ރަށެވެ. 836330 ސްކޮޔަރ މޭލު ނުވަތަ 2166086 ސްކޮޔަރ ކިލޯމީޓަރު ގްރީން ލޭންޑްގެ ބިމުގެ ބޮޑު މިނުގައި ހުރެ އެވެ.

2. ނިއު ގިނިއާ:

ވާރެވެހި ކޮންމެ އަހަރަކު 300 އިންޗި ބޮޑޫވާ ނިއު ގިނިއާގެ ފްލައި ޑިގުލް ޝެލްފާއި ހައިލޭންޑްސް އަކީ ދުނިޔޭގެ އެންމެ ތެތް ބިންތަކުގެ ތެރެއިން އެއް ބިމެވެ. ނިއު ގިނިއާގެ ބިމުގެ ބޮޑުމިނުގައި 317150 ސްކޮޔަރ މޭލު ނުވަތަ 821400 ސްކޮޔަރ ކިލޯމީޓަރު ހުރެ އެވެ.

3. ބޯނިއޯ:

ބޯ ޖަންގައްޔެއް އޮންނަ ބޯނިއޯއަކީ އެތައް ދިރުންތަކެއްގެ ގެ އެވެ. ބޯނިއޯގެ ބިމުގެ ބޮޑުމިނުގައި 288869 ސްކޮޔަރ މޭލު ނުވަތަ 748168 ސްކޮޔަރ ކިލޯމީޓަރު ހުރެ އެވެ.

4. މަޑަގަސްކަރަ:

އެފްރިކާގެ 250 މޭލު ބޭރަށް އޮންނަ މަޑަގަސްކަރަ އަކީ ވަރަށް ތަފާތު އެތައް ޖަނަވާރުންނަކާއި ތަފާތު ދިރުންތައް އެކުލެވޭ ރަށެކެވެ. އެރަށުގެ ބިމުގެ ބޮޑުމިނުގައި 226756 ސްކޮޔަރ މޭލު ނުވަތަ 587295 ސްކޮޔަރ ކިލޯމީޓަރު ހުރެ އެވެ.

5. ބަފިން:

ކެނެޑާގެ އެންމެ ބޮޑު ރަށް ބަފިން އަކީ 17 ވަނަ ގަރުނުގައި އުޅުނު އިނގިރޭސި ނެވިގޭޓަރެއްކަމަށްވާ ވިލިއަމް ބަފިންގެ ނަމުން ނަންދެވިފައިވާ ރަށެކެވެ. މިރަށުގެ ބޮޑުމިނުގައި 195928 ސްކޮޔަރ މޭލު ނުވަތަ 507451 ސްކޮޔަރ ކިލޯމީޓަރު ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355