ކުޅިވަރާއި ކަސްރަތުން ދުޅަހެޔޮ، އަމާން މުޖުތަމައު ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރާކަމަށާއި އެހެންވުމުން ދިވެހިންގެ ވައްޓަފާޅި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުވުން މުހިންމުކަމުގައި ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހޭންޑްބޯލް ކޯޗިން ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވީ، ގައިންގަޔަށް ނާރާ ބަލިތައް ހާއްސަކޮށް އެންމެ ގިނަ އަދަދަކަށް ފެތުރެނީ ކަސްރަތު ނުކުރުމުންކަމަށް ސިއްހީ މާހިރުންގެ ދިރާސާތަކުން އެނގޭ ކަމަށާއި އެގޮތުން ހަކުރު ބަލި ލޭމައްޗަށް ދިއުން ހިތުގެ ބަލިތައް ރާއްޖޭގައި މިހާރު ނިސްބަތުން ވަރަށް ގިނަކަން ފާހަގަކުރެއްވި އެވެ.
ހަގީގަތުގައި އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކުވެސް ހިތާމަވެރި ޙަބަރެއް އެބަލިބޭ. ސްޓްރޯކެއް ޖެހިގެން ނުވަތަ ހާޓް އެޓޭކެއް ޖެހިގެން. މިބަލިތަކާ އަޅުގަނޑުމެން އެބަޖެހޭ ދުރުވާން. ކުޅިވަރާއި ކަސްރަތު ވަރަށް މުހިންމު އެއްޗެއް." މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ދެން ފާހަގަކުރެއްވީ ކުޅިވަރުގެ ސަބަބުން އަމާން މުޖުތަމައުއެއް ގާއިމުކުރުމަށް އެހީވެދޭތީ އެވެ. އޭނާ ވިދާޅުވީ ގަބޫލުނުކުރިއަސް ކުޅިވަރުގެ ސަބަބުން އަމާންވެއްޓެއް ގާއިމުކުރުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރާ ކަމަށެވެ.
"މިތާވެސް އެބަތިއްބެވި ޕޮލިހުން، ހަމަ ޔަގީނުންވެސް މިކަން އެނގޭނެ. ކުޅުދުއްފުށި މިހާ ކްރައިމް ދަށް ރަށެއްގެ ގޮތުގައި އޮންނަ އެއް ސަބަބު ހަމަ ޔަގީނުންވެސް އެއީ. އެ ވަރަށް ގިނަ މުބާރާތްތަކެއް އެބަ ކުޅެވޭ ކުޅުދުއްފުށީގަ." މޭޔަރު އާތިފު ވިދާޅުވި އެވެ.
ކުޅިވަރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވީ މުޖުތަމައުއެއްގައި ކުޅިވަރު މުހިންމުވާ މިންވަރު ހަގީގަތުގައި ވިސްނާވެސް ނުލެވޭ ކަމަށެވެ. އަދި މިހާރު ދުނިޔޭގެ އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ ސިޓީތަކާއި ގައުމުތަކަށް ބަލާލިއަސް އެންމެ އިސްކަމެއް ދީގެން ތަރައްގީގެ ޕްލޭންގައިވެސް ހިމަނައިގެން ކުރާ އެއްކަމެއް އެއީ ކުޅިވަރު ތަރައްގީކުރުން ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެހެންކަމުން ކުޅިވަރާއި ކަސްރަތަށް މިއަދު ބައިވެރިންނަށް ލިބުނު އެހީތެރިކަމާއެކު ޒިންމާދާރުގޮތުގައި ހޭންޑްބޯލް ތަރައްގީކުރުމަށް ކުޅިވަރު ކުޅޭ ފަރާތްތަކަށް ހިފަހައްޓަން ޖެހޭ އަހްލާގީ މިންގަނޑު ހިފަހައްޓައިދީ ބުނެދިނުމަކީވެސް ކޯޗުންގެ ވަރަށް ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، ރަނގަޅު ކުޅިވަރުގެ ޖީލެއް ބިނާކުރުމަށް އެންމެ ބޮޑު ރޯލެއް އަދާކުރާ ބަޔަކީ ކޯޗުންކަމަށާއި އެހެންކަމުން މިއަދު ހުރިހާ ކޯޗުންނަށް ވެސް ލިބުނު ތަމްރީންގެ ބޭނުން ހިފާ ކުރިއަށްއޮތްތާގައި ކުޅުދުއްފުއްޓާއި މިސަރަހައްދުގައި ކުޅިވަރު އާލާކޮށް ދިރުވުމަށް އެދިލެއްވި އެވެ.
އަދި ވަކިން ހާއްސަކޮށް ބީޗް ހޭންޑްބޯލްއަށް ފޯކަސްކޮށްގެން އެކަޑަމީތައް ވެސް ހިންގާދިނުމަށް މޭޔަރު ވަނީ ބައިވެރިންގެ ކިބައިން އެދިލެއްވި އެވެ.
"ހަމަ ޔަގީންވެސް ކުރިއަށްއޮތްތާ ބީޗު ހޭންޑްބޯލް ގައުމީ ސްކޮޑްވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރާނެ. އެ ވާދަކުރާއިރު އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވާނީ އަޅުގަނޑުމެންގެ ދަރިން. ކުޅުދުއްފުށި ސިޓީގެ ޒުވާނުން ބޮޑު ތިލަދުންމަތީގެ ޒުވާނުން މި ޓީމުތަކުން ފެނުން." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.