twitterviber whatsapp telegramfacebookyoutube instagram
4th May 2024

ބޭންކް އޮފް މޯލްޑިވްސް ގެ އަހަރީ "ސްޓާފް ޗެރިޓީ ރަން" ބާއްވައިފި

ނަބީލާ އިސްމާޢީލް
Nov 11, 2021

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ބާއްވާ "ސްޓާފް ޗެރިޓީ ރަން" މިއަދު ބާއްވައިފިއެވެ.

ބީއެމްއެލްގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި މި ދުވުމުގައި ބޭންކުގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުން ބައިވެރިވިއެވެ.

ހަމައެއާއެކު އެ ދުވުމުގެ ބައިވެރިން ވަނީ ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ޕްރޮގްރާމްތައް ހިންގުމަށް 80،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ކޮންމެ އަހަރަކުވެސް ބާއްވާ "ސްޓާފް ޗެރިޓީ ރަން"ގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭކަމީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއަދަކީ ބޭންކުގެ އަހަރީ ދުވަސްކަމުން، މި ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ވަފާތެރިކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި އެހެން މުއައްސަސާތަކަށް ނަމޫނާ ދައްކަމުންދާ އަޅުގަނޑުމެންގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން،" ޓިމް ސޯޔާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

ބީއެމްއެލް އަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި "ބީއެމްއެލް ސްކޮލާޝިޕް ފަންޑް" އިއްޔެ ތައާރަފް ކޮށްފައިވެއެވެ. މި ސްކޮލާޝިޕް ފަންޑް މެދުވެރިކޮށް ހުރިހާ ހަރަދަކާއެކު ރާއްޖެއިން ބޭރުން ބޭކިން އަދި ފައިނޭންސްގެ ދާއިރާއިން ކިޔެވުމުގެ ފުރުސަަތު ބީއެމްއެލްއިން ފަހި ކޮށްދޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެއީ ހުނަރުވެރި ދިވެހި ޒުވާނުން މި ދާއިރާއަށް ޝައުގުވެރި ކުރުވައި، ގިނަ ޒުވާނުންތަކެއް މި ދާއިރާއިން ބިނާ ކުރުމުގެ މަގުސަދުގައި ބީއެމްއެލްއިން ހުޅުވާލި ފުރުސަތުތަކެއް ކަމަށް އެ ބޭންކުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355