twitterviber whatsapp telegramfacebookyoutube instagram
11th November 2026

ސަރުކާރުގެ ސްކޫލްތަކުގެ ހުރިހާ ޓީޗަރުންނަށް އަންނަ އަހަރު ކޮމްޕިއުޓަރު ދެނީ

Nov 10, 2026

ސަރުކާރުގެ ސްކޫލްތަކުގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުންނަށް އަންނަ އަހަރު ކޮމްޕިއުޓަރު ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި ޓީޗަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ކަމަށް މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގަތުމުން، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައި ކަމަށެވެ. މިއަހަރު ނިމުމާއެކު މި މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗަރުންގެ ގިނަ ބަޔަކީ އާއިލީ ޒިންމާތައް އުފުލަންޖެހޭ އަންހެނުން ކަމަށްވާތީ، ސްކޫލުގައި ހޭދަކުރަންޖެހޭ ވަގުތާއި ހުކުރު ދުވަސްތަކުގައި މަސައްކަތަށް ނުކުންނަންޖެހޭ މިންވަރު ކުޑަކުރުމަށް ވުޒާރާއިން މަސައްކަތްކުރަމުންދާ ކަމަށްވެސް ޑރ. ޝަފީއު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ދައުރުގައި 100 އަށްވުރެ ގިނަ ޓީޗަރުންނަށް އިންޒާރުދިނުމާއި ސަސްޕެންޑްކުރުން ފަދަ ފިޔަވަޅު އެޅި ނަމަވެސް، މިދިޔަ ތިން އަހަރުގެ ތެރޭގައި އެއްވެސް މުދައްރިސަކަށް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު ނޯންނާނެ އެއްވެސް ޓީޗަރަކަށް ބިރުވެރިކަމެއް. ހުދު ސަރުކާރަށް ފާޑުކީ ނަމަވެސް،" ވަޒީރު ވިދާޅުވިއެވެ.

ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ސްކޫލުތަކުގެ އެޑްމިން އޮފިސަރުންނަށް މާލޭގައި ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހއ، ހދ އަދި ށ. އަތޮޅުގެ ލީޑިން ޓީޗަރުންނަށް ހިންގި ތަމްރީނު ޕްރޮގްރާމް ވަނީ ކުޅުދުއްފުށީގައި ނިންމާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293