twitterviber whatsapp telegramfacebookyoutube instagram
1st May 2024

ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު އެކުލަވާލައިފި

ޚަދީޖާ އާދަމް
Nov 13, 2021

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ފަސޭހައިން ކިޔެވޭނެގޮތަށް ސްކޫލްތައް ބަދަލުކުރުމަށް، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ ސިޔާސަތު އެކުލަވާލައިފިއެވެ.

ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ބަދަލު ކުރަންޖެހޭގޮތަށް އެކުލަވާލި މިސިޔާސަތުގައި ވަނީ މިހާރު ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ވަކިން ކިޔަވައިދެމުން އައިނަމަވެސް މި ސިޔާސަތާއެކު ރާއްޖޭގެ މުޅި ސްކޫލް މާހައުލު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ފަސޭހައިން ބޭނުން ކުރެވޭގޮތަށް ބަދަލު ގެންނަން ކަނޑައަޅާފައެވެ.

މި ސިޔާސަތަކީ މިދިޔަ އޯގަސްޓު 10ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން އާއްމު ކުރަންޖެހޭ ސިޔާސަތެކެވެ. މިސިޔާސަތު ތަންފިޒުކުރަނީ އެޑިއުކޭޝަން މިނިސްޓްރީން އުފެއްދި "އިމަޖެންސީ ރެސްޕޮންސް ޕްލޭނު"ގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންތައްތަކަށް ސަމާލުކަންދީގެންނެވެ.

ދަރިވަރުންގެ ތަފާތު ގިންތިތަކަށް އަމާޒުކޮށް މެއިންސްޓްރީމް ސްކޫލުތަކުގައި ހިންގަން ޑިޒައިންކޮށްފައިވާ ސްޕެޝަލައިޒްޑް ސެންޓަރުތައް "އިންކްލޫޝަން ރިސޯސް ސެންޓަރު"ތަކަށް ބަދަލުކުރަންޖެހެއެވެ. މި އުސޫލްގައި ވަނީ އެފަދަ ކުދިންނަށް ކިޔަވައިދޭއިރު 9 އަސާސެއް ހިފަހައްޓަންޖެހޭނެ ކަމަށް ކަނޑައަޅާފައެވެ. އެއީ:

  • ފަރުދީ ތަފާތުތަކަށް އިޙްތިރާމްކުރުމާއެކު އަގުކުރާ މާހައުލެއް އުފެއްދުން
  • ޒިންމާދާރު ވެރިން އުފެއްދުން
  • ޝާމިލުކުރުމުގައި މުޅި ސްކޫލު ބައިވެރިކުރުން
  • މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން
  • ގުޅިގެން މަސައްކަތްކުރުމުގެ ނިޒާމު ގާއިމްކުރުން
  • ހުނަރުވެރި ގާބިލް ޓީޗަރުންނާއި ފަންނީ މީހުން ބިނާކުރުން
  • އުނގެނުމަށް ފަހި މާހައުލެއް ގާއިމްކުރުން
  • އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ވާސިލްވުން
  • ގާތުން ބެލުމާއި ވަޒަންކުރުމާއި ޒިންމާދާރުކުރުން

ސަރުކާރުގެ ޕްލޭން "ޝާމިލްވެށި"ގެދަށުން ދަރިވަރުން ކުޅޭ ދަނޑުތަކާއި ފާހާނާއާއި އެހެނިހެން ތަންތަންވެސް އެފަދަ ކުދިންނަށް ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކުރަންޖެހޭގޮތަށް ވަނީ ކަނޑައަޅާފައެވެ. މި ސިޔާސަތުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ގިންތިކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމާއި ބެލެހެއްޓުން އަސްލަކަށް ބަލައިގެންނެވެ.

ކިޔެވުމުގައި ހާއްސަ އެހީ ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ވަކިވަކި ދަރިވަރުންގެ ހާލަތު ބަލައި އެކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ ޕްލޭނާ އެއްގޮތަށެވެ. އަދި އެ ކުދިންނަށް ކިޔަވައިދިނުމަށް ހަތަރު ޕްރޮގްރާމެއް ހަމަޖައްސާފައިވެއެވެ. އެއީ ހޯމް ބޭސްޑް ލަރނިންނާއި ސްކޫލު ރެޑިނެސްއާއި އަރލީ އިންޓަވެންޝަން އަދި މެއިންސްޓްރީމް އެޑިއުކޭޝަނެވެ.

ލޯފަން ދަރިވަރުންނަށް ބްރެއިލް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ނުވަތަ އެސިސްޓިވް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދެވޭނެ ގޮތަށްވެސް ހަމަޖައްސަން ޖެހެއެވެ. އަދި އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް "ސައިން ލެންގުއޭޖު" ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ނުވަތަ އެސިސްޓިވް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ އިންތިޒާމުވެސް ހަމަޖައްސަން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355