twitterviber whatsapp telegramfacebookyoutube instagram
21st November 2024

މި ލޯބި ދެމަފިރިން ކޭކުގެ ދުނިޔޭގައި އުހުގައި !

ޚަދީޖާ އާދަމް
Nov 18, 2021
1

ކޮންމެ މީހަކުވެސް އެންމެ ކުޑައިރުން ފެށިގެންވެސް ކުރާ ހިތްވާ ނުވަތަ ހާސިލް ކުރަން ބޭނުންވާ ވަކި ކަމެއް އޮވެއެވެ. ބޮޑުވި ވަރަކަށް އެ ކަންކަން ބަދަލު ވަމުންވެސް އާދެއެވެ. އެކަމަކު އެންމެ ކުޑައިރުން ފެށިގެންވެސް ކުރާ ހިތްވާ ކަމެއްގައި ހިފަހައްޓައިގެން އެކަން ހާސިލްވަނީ ވަރަށް މަދު ބަޔަކަށެވެ. ހިތްވަރުލައިގެން ކުޑައިރުގެ އުންމީދު ހާސިލް ކުރަން މަސައްކަތް ކުރެވެނީ ވެސް ވަރަށް މަދުބަޔަކަށެވެ. އެފަދަ އެއް ފަރާތަކީ ކުޅުދުއްފުށީ އަލަކަ،ހަމްދާ ހަސަނެވެ.

"އަ ޕީސް އޮފް ކޭކް ބައި ހަމްދާ" ގެ ނަމުގައި 2015 ވަނަ އަހަރު ޕޭޖެއް ހަދައިގެން މި މަސައްކަތް ކުރަމުން އަންނަ ހަމްދާއަކީ ހުނަރުން ފުރިފައިވާ ފަރާތެކެވެ. މި މަސައްކަތް ހަމްދާ ސިފަކުރަނީ މިއީ ދެމަފިރިއެއްގެ ނަމޫނާ މަސައްކަތެއްގެ ގޮތުގައެވެ. އުމުރުން ގާތްގަނޑަކަށް 10 ވަރަކަށް އަހަރުން ފެށިގެން ކޭކު އެޅުމަށް އުފެދުނު ވަރަށް ހާއްސަ ޝައުގަކާއެކު މިހާރު ހަމްދާއަކީ ރަށުގައި މި މަސައްކަތްކުރާ އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާއެއް ފަރާތެވެ.

މި މަސައްކަތަށް ކުރަން ޝައުގު އުފެދުން ގޮތް ކިޔައިދެމުން ހަމްދާ ބުނީ ގްރޭޑް 4،5 ގައި އުޅުނުއިރު ކުދިންގެ އުފަން ދުވަހުގެ ޕާޓީތަކަށް ގޮސް އުޅޭއިރު ކޭކު ފެނުމުން އެކޭކު ހަދާފައި ހުންނަ ގޮތް ބަލަން ބޭނުންވެ އެކި ގޮތްގޮތަށް ކޭކު ހަދަން މަސައްކަތް ވެސް ކުރިންކަމަށެވެ.

"މާމަމެންގޭ ކުދިންގެ ބާރތްޑޭ ކޭކުއައީމަ ހަނދާން ވޭ އަދިވެސް ކޭކެއް، ގްރޭޕްސް ޖަހާފަ ވަށައިގެން ޕައިޕް ކޮށްފަހުރީ. ދެން ހިތަށް އެރީ މީ ކިހިނެތް ބާއޭ ކޯޗަކުން ބާއޭ މި ހުންނަނީ ހަދާފަ. ދެން ވަކި ހިސާބަކުން އެއަށް ހިތްޖެހެން ފެށީ" ހަމްދާ ކިޔައިދިނެވެ.

އެއަށްފަހު ގޭގައި އެކަނި އެކި އެއްޗެހި އެއްކޮށްގެން ކޭކު ހެދޭތޯ މަސައްކަތްވެސް ކުރިކަމަށާއި އަމިއްލައަށް ފޮއިލް ބޭނުންކޮށްގެން އެކި ގޮތްގޮތަށް ކަފައިގެން ޓިޕްވެސް ހެދި އެވެ. މިއީ އެހާ ކުޑައިރުންސުރެވެސް ކޭކު އެޅުމަށް ހަމްދާގެ ޝައުގުވެރިކަން ހުރި މިންވަރެވެ.

"ގްރޭޑް 5،6 ގަ އުޅުންއިރު އެއްދުވަހު ބެލީ ހެދޭތޯ. އެއްވެސް އެއްޗަކަށް ނުބަލަ. މި ހިތަށްއަރަނީ ކޯއްޗެއްބާއޭ އަޅާފަ ހުންނަނީ، ބިސް ބާއޭ. ބިސްއަޅާފަ ހަކުރު އަޅާފަ އެކި އެއްޗެހި އަޅާ ގިރާފަ ޖޫސް ޕެޓީ ކޮތަޅަކަށް އަޅާއިގެން ޕައިޕް ކުރެވޭތޯ ބެލީ. އެކަމަކު މިއަށް މިއެޅުނީ ހުސް ނުބައި އެއްޗެއްސެއްނު" ހިނިގަނޑެއް ޖަހާލުމަށްފަހު ކުޑައިރުގެ ހަނދާނެއް ހިއްސާކޮށްލި އެވެ.

އެންމެ ފުރަތަމަ ކޭކު ހަދަން ފެށީ ގްރޭޑް 10 ނިންމާ އޭލެވެލްއަށް ދިއުމާ ދޭތެރޭގައި ލިބުނު ޗުއްޓީގައި ކޭކުގެ ބޭސިކް ކޯހެއް ހެދުމަށްފަހު ކަމަށާއި އެއީ 2007 ހިސާބުކަމަށް ހަމްދާ ބުންޏެވެ.

"ކޮންމެވެސް ކުއްޖަކު ބުނެލި ހަނދާންވަނީ ބޭސިކް ކޭކު ކޯހެއް އެބައޮތޭ. ދެން އެނގޭނެ ކަންނޭނގެ އެކުދިންނަށް ކުޑަކޮށް އެއިރުވެސް އެކަމާ އުޅޭހިތްވާކަން ދެން އެކޭކު ކޯހުގައި ބައިވެރިވެގެން ގާތްގަނޑަކަށް ހަފްތާއެއް ވަރޭ ހަނދާން ހުރީ، އެއީ ދެން ފެށުން" ހަމްދާ ކިޔާދިނެވެ.

އެއިރުގެ ކޭކު އަޅަން ގެންގުޅޭ އުކުޅުތަކާއި މިހާރު ކޭކު އަޅަން ގެންގުޅޭ އުކުޅުތަށް ވަރަށް ތަފާތު ކަމަށާއި ކޭކުތަކުގެ ޑިޒައިންތަކަކީވެސް ބަދަލުވަމުން އަންނަ އެއްޗެހިކަން ފާހަގަކޮށް ހަމްދާ ބުނީ މި މަސައްކަތަކީ އަބަދުވެސް އާ ކަންކަން ދަސްކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ.

ކޭކު އެޅުމުގެ އެންމެ ބޭސިކް އެއްޗެހިވެސް ދަސްވީ ކޯހުގެ ތެރެއިން ކަމަށާއި، އައިސިން ހަދާނެ ގޮތާ ބޭނުންކުރާ އެއްޗެއްހި ދަސްވީ އެހިސާބުންކަމަށް ހަމްދާ ބުންޏެވެ. ކޯހަށްފަހު އޭލެވެލްގައި އުޅުނުއިރުވެސް ކުދިން އެދުމުން ކޭކު އަޅައިދިން ކަމަށާއި ކޭކު އަޅަން ފެށުނު ހިސާބަކީ އެއީކަމަށް ހަމްދާ ބުންޏެވެ. ފުރަތަމަ މަސައްކަތް ފެށީ އާމްދަނީއެއް ހޯދުމަކަށް ނޫނެވެ. އެކަމަކު ކުރާހިތްވާ ކަމެއްވާތީ މަސައްކަތް ފެށީ އެވެ.

އޭގެ ފަހުން ހަމްދާ ވަނީ ކޭކުގެ އެޑްވާންސް ކޯހެއްވެސް ހަދާފަ އެވެ. އެ ކޯހުންވެސް ގިނަ އެއްޗެހި ދަސްވިކަން ހަމްދާ ފާހަގަކުރި އެވެ. އެގޮތުން ފޮންޑެންޓް (ހަރު އައިސިން) މޮޑެން ދަސްވިކަމަށާއި، އެއިން ކަޓާސް ބޭނުންކޮށްގެން އެއްޗެހި ހަދަންވެސް ދަސްވިކަމަށެވެ.

ސްކޫލް ނިންމާލުމަށްފަހު އިތުރަށް ކިޔެވުމަށް ހަމްދާ ހިޔާރުކުރީ ވަރަށް ތަފާތު ދާއިރާއެކެވެ. އެއީ ކައުންސިލިންނެވެ. މާލެއިން ކައުންސިލިންގެ އެޑްވާންސް ސެޓްފިކެޓް ހެދުމަށްފަހު ކޯހުން ވަރަށް ފުރިހަމަ އެއްވަނައަކާއެކު ރަށަށް އައީ ވަޒީފާއެއްގެ އުންމީދުގައެވެ. ނަމަވެސް ވަޒީފާއެއް ލިބުމާ މެދު ދުވަސްކޮޅެއް ހޭދަވުމުން އެވަގުތު އާއިލާގެ ހާލަތުވެސް ހުރިގޮތުން ހަމްދާ ފެށީ ޓިއުޝަން ދޭށެވެ. ފަހުން ކިޔެވުމުގެ އުންމީދު އެއިރުވެސް ހިތުގައި އޮތެވެ.

"އެންމެ ބޮޑު ކުއްޖާވީމަ، ދެން ގޭތެރޭގެ ހާލަތު އެއިރު އޮތީ އެހާ ރަނގަޅަކަށް ނޫން. ހުރިހާ ޒިންމާއެއް އުފުލަން ވެގެން މަޑުކުރީ އިހަށް ކިޔަވަން ނުގޮސް. އެއިރު ކޮއްކޮމެން ވަރަށް ކުޑަ. މަންމަ، ބައްޕަ އެކަނި ހުންނަނީ ކުދިންނަށް ޕްރޮވައިޑްކޮށް ދޭން. އެހެންވެ ކިޔެވުން އިހަށް އެއްކައިރިކޮށްލާފަ ޓިއުޝަން ހަދަމުން ގެއަށް ޕްރޮވައިޑްކޮށްދެމުން އެމަސަކަތް ކުރަމުން ދިޔައީ. މެރީ ކުރިފަހުން ދެން ހިތަށް އެރީ ދެން އެންމެ ލޯބިވާ ކަންތަކަށޭ ދެން ދާނީ. އެ ހިސާބުން ހަމަ އެއް ރޭ ނިދަން އޮވެފަ ފޭސްބުކް ޕޭޖެއް "އަ ފީސް އޮފް ކޭކް ބައި ހަމްދާ" ޖަހާލާފަ ހެދީ" ހަމްދާ ކިޔައިދިނެވެ.

އެއަށްފަހު އަލުން ކޭކު އެޅުމުގެ މަސައްކަތް ފެށިއިރު ކޯހުގައި ކިޔެވި އެއްވެސް އެއްޗެއް ހަނދާނެތުމުން އަލުން ހުރިހާ އެއްޗެއްވެސް ދަސްކުރިކަމަށާއި އެއިރު ޔޫޓިއުބް ވަރަށް ބޮޑު އެހީއަކަށް ވިކަން ހަމްދާ ފާހަގަ ކުރި އެވެ. އެގޮތަށް ވީޑިއޯ ބަލައިގެން އަލުން ފޮންޑެންޑްގެ ރެސިޕީ ހޯދައިގެން ބަލައިގެން ހެދޭތޯ މަސައްކަތް ކުރިކަަމަށް ހަމްދާ ބުންޏެވެ.

ފަހުން މަސައްކަތް ފެށިއިރު ހަމްދާގެ އަމާޒަކީ މަސައްކަތް ރަށުން ބޭރަށްވެސް ގެންދިއުމެވެ. އެގޮތުން ކައިރި ރަށްރަށުގައި އޮންނަ ޕާޓީތަކަށްވެސް ކޭކު އަޅާއިދީ ހަދާކަމަށާއި، އެގޮތުން ތިބެވޭނެ ގޮތް ހަމަޖައްސައި ދިނުމުން އެކި މީހުން ބޭނުންވެގެން އެ ރަށަކަށް ގޮސްގެންވެސް މަސައްކަތް ކޮށްދީފައި ހުންނާނެ ކަމަށްވެސް ހަމްދާ ބުންޏެވެ.

"މެރީކޮށްފަ އަލުން މަސައްކަތަށް ފެށިއިރު އެއްވެސް އެއްޗެއް ހަނދާނެއް ނެތް. އެއިރުއެ ދަސްވި ކުދި ކުދި ޓިޕްސް ވެސް އެއީ އަނެއްހެން ބުނާނަމަ މި ޒަމާނަކަށް ފެތޭ ކަހަލަ ޓެކްނިކްސްއެއް ނޫން. އެކަމަކު އޭތިކޮޅުވެސް ހަނދާނެއް ނެތް. ދެން އަލުން ދަސްކުރަން ފެށީ. އެއިރު ދެން ޔޫޓިއުބުވެސް ހުރީ ފެންނަށް ފަށާފަ. އަލުން ފޮންޑެންޓްގެ ރެސިޕީތައް ބަލައިގެން ހަދަން ފެށީ، އެކްސްޕްރެމެންޓް ކުރަން ފެށީ. ހިތަށް އަރާފާނެ ޔޫޓިއުބް ބަލާލައިގެން ހެދޭނޭ. އެކަމަކު ނުހެދޭނެ. ފުރަތަމަ އެތި ހަދާއިރު ދިޔާވާނެ އެހެންކަމެއް ވާނެ. ދެން އާޓިކަލްތައް ކިޔައިގެން ކީއްވެތޯ މިހެން ވަނީ ބަލައިގެން ވަރަށް ބައިވަރު އެކްސްޕީރިއެންސްއިން ކޮންމެ އެއްޗެއްވެސް ޕާފެކްޓްވަނީ"

ހަމްދާ ހަމައެކަނީ މޮޅީ ކޭކު އަޅަން އެކަނި ނޫންކަން އޭނާގެ ފޭސްބުކް ޕޭޖް ބަލާލިއަސް އެނގެއެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ގޮތުގައި މި މަސައްކަތް 2015 ވަނަ އަހަރު ފެށިފަހުން މިހާތަނަށް ގާތްގަނޑަކަށް 80 އަށް ވުރެ ގިނަ ވެޑިން ކޭކު ހަމްދާ ވަނީ އަޅާފައެވެ. ކޭކާއެކު ކޭކު ޓޭބަލްގައި ހިމެނޭ ކުކީސް، މެކަރޯންސް، ޑޯނަޓުން ފެށިގެން އެހެން ހުރިހާ އައިޓަމެއްވެސް އަމިއްލައަށް ދަސްކޮށްގެން ހަދަނީ ހަމަ ހަމްދާއެވެ.

މި މަސައްކަތުގައި ހަމްދާއަށް އެންމެ ބޮޑު އެހީއަކަށް ވަނީ ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމެވެ. މަސައްކަތުގައި އުޅޭއިރު އެންމެ ކުދިކުދި ކަންތައްތަކުން ފެށިގެންވެސް ކިތަންމެ ބޮޑު ކަމެއްގައިވިއަސް ފިރިމީހާ ފަރާތުން ލިބެމުންދާ އެހީތެރިކަން ހަމްދާ ތަކުރާރުކޮށް ފާހަގަ ކުރިއެވެ.

އެގޮތުން ބޭނުންވާ ތަކެތި ރަށުން ލިބުން ދަތިކަން ފާހަގަކޮށް ހަމްދާ ބުނީ ފިރިމީހާ މާލޭގައި އުޅުނުއިރުވެސް އަދި ރަށަށް ބަދަލުވުމަށް ފަހުވެސް ހުރިހާ އެއްޗެއް މާލެއިން ހޯދައިދީ ގެނެސްދީ ހަދަނީ ފިރިމީހާކަމަށެވެ. އަދި މަސައްކަތުގައި އުޅޭއިރު އަބަދުވެސް އެކީގައި އަތްގާތްކޮށްދީ ހަދައި، މަސައްކަތް ގަޑިއަށް ނިންމުމަށް ރޭގަނޑު ހޭލައި ހުންނައިރުވެސް ފިރިމީހާ ކައިރީ ހުންނަކަން ފާހަގަކުރި އެވެ.

"ވެޑިން ކޭކް ވެސް އައީ ވަކި ދުވަސްކޮޅޭއްގަ ދޯ، އެއިރު ބެކްޑްރޮޕް ހަދާފަ ވެޑިން ޑްރެސް ލާފަ މޭކަޕްކޮށްފަ ވަރަށް ފަހުން ފެށުނީ. އެދުވަސް ކޮޅު މާލެ ބޭކާސް ފޮލޯކުރާނެ ކުދިން ދޯ. އޭގެން ފެނޭ ދެން މެކަރޫންސް ކުކީސް އެ އެއްޗެހި ހުންނަތަން. ދެން އިންތިޒާރެއްގައި އިނީ އެއްވެސް ކުއްޖަކު އެކަލަ އޮފާއެއް ދޭތޯ. އެހެން ހުއްޓަ އޮފަރ އެއް އައީ. ދެން ވަރަށް އުނދަގޫ ވޭ ރަށުން އެއްޗެހި ލިބެން ނުހުންނާތީ. ރަށުން ތަކެތި ލިބޭނެ ކަމުގެ 100 ޕަސެންޓް ނޯންނާތީ ކުއްލިޔަކަށް އޯޑަރެއް ލިބިއްޖެ ނަމަ ނަގާކަށް ނުކެރޭ، އެކަމަކު މިހާރު މި ކުރިއަށް ދަނީ ކުޑަ ސްޓޮކެއް އަބަދުވެސް އަތުގައި ބައިންދައިގެން. އެވެލަބަލް ސްޓޮކް ބަލައިގެން އޯޑަރު ނަގަނީ" މިހާރު މަސައްކަތް ކުރިއަށް ދާގޮތް ހަމްދާ ކިޔައިދިނެވެ.

"އަ ޕީސް އޮފް ކޭކް ބައި ހަމްދާ" ފެށުނީވެސް ފިރިމީހާއާ އެކުގައި ކަމަށާއި އަދި މި މަސައްކަތް މި ހިސާބަށް އައީ ވެސް ފިރިމީހާގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައި ކަމަށްވެސް ހަމްދާ ބުންޏެވެ. އިންސްޓަގްރާމްގައި ޕޭޖުގެ ނަމަކަށް އިންނަނީ "ކޭކްސް ބައި ހަމްދާއެވެ. ޕޭޖުގެ ނަމުގައި ހަމްދާ އިންކަމުގައި ވިއަސް މިއީ ދެމަފިރިންގެ މަސައްކަތް ކަން ހަމްދާ ފާހަގަކުރި އެވެ. ހުރިހާ މަސައްކަތެއްގައިވެސް ޑިޝިޒަން ނަގަނީ ދެމީހުން އެއްކޮށްކަމަށާއި، އަދި މަސައްކަތް ޕްރޮމޯޓްކޮށް ސްޓޯރީ ހަދައި، ކޭކާއި ސެޓަޕްގެ ވީޑިއޯ ހެދުމުގައި ފިރިމީހާގެ ދައުރު ވަރަށް ބޮޑުކަމަށާއި ބޭނުންވާ އެއްޗެހި މާލެއިން އޯޑަރުކޮށް ގެެންދިނުމާއި، ކޭކެއް ހަދާއިރު ކޭކު ފިހުމާއި އައިސިން ޖެހުމުން ފެށިގެން ޕެކް ކުރުމާއި ހަމައަށްވެސް އެހީތެރިކަން ފޯރުކޮށްދޭކަމަށް ހަމްދާ ބުންޏެވެ.

އަދި ޓިއުޝަން ދޭ ވަގުތުވެސް ކޭކު ހެދުމުގެ ކަންކަންވެސް ފިރިމީހާ ބަލަހައްޓައި ދޭކަން ހަމްދާ އުފަލާއެކު ފާހަގަކުރި އެވެ. އަދި އެހެންވުމުން ދަރިފުޅު ކަންކަން ދެމީހުން ބަހާލައިގެން ކުރިއަށް ގެންދަން ފަސޭހަކަންވެސް ހަމްދާ ފާހަގަކުރި އެވެ.

މީގެ އިތުރުން އެންމެ ކުރިންސުރެ ވެސް މަންމައާއި ބައްޕަ އަދި އާއިލާގެ އެހެން ކުދިންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ޝުކުރުވެރިކަމާއެކު ހަމްދާ ފާހަގަކުރި އެވެ. އެގޮތުން އެހީތެރިކަމަކަށް އެދިއްޖެ ކޮންމެ ކަމެއްގައިވެސް އެމީހުންގެ އެހީތެރިކަން ލިބޭކަމަށާއި އެއީ ކޭކު ޑެލިވަރީކޮށްދޭން ކަމަށްވިއަސް ހިޔާލަކަށް އެދުނުކަމަށްވިއަސް އެހީވާކަމަށް ހަމްދާ ބުންޏެވެ.

"ޕޭޖު ހަދައިގެން ކޭކު ފޮޓޯ ނަގައިދޭނީ ކޮއްކޮ މުހައްމަދު، އޭނަ ހުންނާތީ އަސްލު ފުރަތަމަ ވެސް އޭތި މީހުންނަށް ފެންނަން ފެށީ. ފުރަތަމަ އޭނާ ފޯނުން ފޮޓޯ ނެގީ، މިހާރު އޭނަ ކެމެރާއިން. އެންމެނަށް އޭތި އެ ފެންނަނީ އޭނަގެ ވަރަށް ބޮޑު އިމްޕުޓެއް އިނދެގެން. ދެން މަންމަ، ބައްޕަ ހަމަވަރަށް ސަޕޯޓިވް. އެންމެ ކުރިންސުރެ ކުރަން ބޭނުންވާ ކަމެއްވީމަ ފުލީ ހަމަ ޓްރަސްޓް ކުރާނެ. ކުރާށޭ ހަމަ ބުނާނެ. ހަނދާންވޭ މިހާރުވެސް އެއީ އޭލެވެލްގައި އުޅުންއިރު ކޭކުގައި އައިސިން ޖަހަން ބޯތައްޓެއް މަތީގައި ބައިންދައިގެން އަނބުރަމުން ޖަހަނިކޮށް ބައްޕައަށް ފެންނަނީ. ބައްޕަ އަކީ ވަޑިއެއް. ދެން އެތަން ފެނިގެން ބައްޕަ ހަދައިދިނީ ކުޑަކުޑަ ޓާން ޓޭބަލްއެއް. ބައްޕައަކަށް ނުވެސް އެނގޭނެ ޓާން ޓޭބަލް ކިޔާއެއްޗެއް ހުންނަ ކަމެއްވެސް. ދެން ކޭކު ކަފަންވެސް ބައްޕަ ވަރަށް ސީދަލަށް ކަފާނެ. ދެން ބައްޕައަށް ގޮވާފަ ގެންނަން އަންނާށޭ ކޭކު ކަފައިދޭން ކިޔާފަ" ހަމްދާ ކިޔައި ދިނެވެ. މީގެ އިތުރުން ފިރިމީހާގެ އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ހަމްދާ ފާހަގަ ކުރިއެވެ. ދުރުގައި ތިބި ނަމަވެސް އިމޯޝަނަލީ އެމީހުން ގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭކަމަށް ހަމްދާ ބުންޏެވެ.

ކޮންމެ މީހަކުވެސް މަސައްކަތެއް ކުރާއިރު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއެއް އިންނާނެއެވެ. އެފަދައިން ހަމްދާވެސް މި ދާއިރާއިން އަދިވެސް އިތުރަށް ކުރިއަށް ދާން ބޭނުންވެއެވެ. މިހާރު އޮންލައިން ޝޮޕެއް ގޮތުގައި އިންނަމަވެސް ރަނގަޅު ވިޔަފާރީއެއްގެ ގޮތުގައި މަސައްކަތް އެސްޓާބްލިޝް ވާން ބޭނުންވާކަމަށާއި އެގޮތުން މީހުންނަށް އައިސް ބަލާލެވޭނެ ކަހަލަ ޝޯ ރޫމެއް ހަދަން ބޭނުން ވާކަމަށް ހަމްދާ ބުންޏެވެ.

މީގެ އިތުރުން ހަމްދާ ބުނީ މިހާރު އެންމެ އުފާވަނީ އަދި އެންމެ އަޅާހިތްވެސް ވަނީ ރަނގަޅު ބަޖެޓަކާއިއެކު ހަމްދާ ބޭނުންވާ ގޮތަށް ކޭކު ޑިޒައިން ކުރަން ލިބުމުންކަމަށެވެ. ސަބަބަކީ އެކުއްޖެއްގެ ހަޔާތުގައި އަންނަ އެންމެ ހާއްސަ ދުވަހުގެ ކޭކު ހަމްދާ ބޭނުންވާ ގޮތަކަށް ޑިޒައިން ކުރަން ހަވާލު ކުރާނީ އޭނާ ކުރާ މަސައްކަތަށް މީހުން އިތުބާރު ކުރާތީކަމަށް ގަބޫލް ކުރެވޭތީ ކަމަށް ހަމްދާ ބުންޏެވެ.

"އެންމެ އަޅާހިތްވަނީ ރަނގަޅު ބަޖެޓަކާއެކު ކުޑަކޮށް އެ ކުއްޖާ ބޭނުންވާ ގޮތް ބުނެލާފަ، މިސާލަކަށް ތީމްއެއް ބުނެލާފަ ޑިޒައިނިންނަށް ދޫކޮށްލާ ކޭކު. އެއީ އަދިވެސް އެގޮތަށް އެއްކޮށް ދޫކޮށްލައިފިއްޔާ ހަދަން ވަރަށް އެކްސައިޓްވާ ކޭކަކަށް އެ ކޭކު ވާނީ" ހަމްދާ ކިޔައިދިނެވެ.

މި މަސައްކަތަކީ ބުރަ މަސައްކަތެއްކަން ފާހަގަކޮށް މި މަސައްކަތް ކުރާ ކުދިން ކައިރީ ހަމްދާ ބުނެލީ ބޭނުންވާ ވަރަށް އެ އެއްޗެއް ގެނެވެންދެން މަސައްކަތް ކުރުމަށެވެ. އަމިއްލަ މީހާގެ މަސައްކަތާއި އެހެން ކުދިންގެ މަސައްކަތް އަޅާ ކިޔާ އެކަން ނުވާނެ ކަމެއްކަމަށް ބުނެ ދޫނުކޮށް ބޭނުންވާ ފެންވަރަށް މަސައްކަތް ގެނެވެންދެން ގަދައަޅާ މަސައްކަތް ކުރަން ހަމްދާ ނަސޭހަތް ދިނެވެ.

އަދި މި މަސައްކަތް ކުރާ އެހެން ކުދިން ކައިރީ އެއްޗެހީގެ ރެސިޕީ އެހުމުގެ ބަދަލުގައި އާޓިކަލްއާއި ވީޑިއޯފަދަ ތަކެތި ބަލައި ކިޔަވައިގެން އަމިއްލަ އެއްޗެއް އުފެއްދޭތޯ މަސައްކަތް ކުރުމަށް ހަމްދާ އިރުޝާދު ދިނެވެ. ސަބަބަކީ މި މަސައްކަތް ކުރާ ކުދިން މިހާރު އިތުރު ވަމުން އަންނަ އިރު ކޮންމެ ކުއްޖެއްގެ ވެސް ތަފާތު ކަމަކަށް އިންނާނީ އެކުއްޖަކު އެ ހަދާ އެއްޗެއްގެ ރެސިޕީން އެ އަންނަ ތަފާތެއްކަމަށް ހަމްދާ ބުންޏެވެ.

މީގެ އިތުރުން މި މަސައްކަތުގައި ރަށުގައި މަސައްކަތްކުރާ ވެޑިން ޕްލޭނަރުންނަށާއި، ޕޮޓޯގްރާފަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އޭނާގެ މި މަސައްކަތް ބަލައިގަންނަ ހުރިހާ ފަރާތްތަކަށާއި އެކިގޮތްގޮތުން އެހީވާ އެންމެނަށް ވެސް ހަމްދާ ޝުކުރު އަދާކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355