twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބިދޭސީ މަސައްކަތްތެރިން ރެގިއުލޭޓު ކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރުން އެދިއްޖެ

ނަބީލާ އިސްމާޢީލް
Nov 23, 2021

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓަރީކޮށް، ރެގިއުލޭޓް ކުރުމުގައި އެހީތެރިކަން ދިނުމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެން ދިވެހި ސަރުކާރުގައި އެދިވަޑައިގެންފި އެވެ.

ބަންގްލަދޭޝްގެ ސަރުކާރުން މި ގޮތަށް އެދުނީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ގައުމަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ ފޮރިން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ ވިދާޅުވީ، ރާއްޖޭގައި ރަޖިސްޓަރީ ވެގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް މަސައްކަތްތެރިން އުޅުނުނަމަވެސް އެ ކަން ނުކޮށް ވެސް ގިނަބަޔަކު އުޅޭ ކަަމަށެވެ. އެހެންކަމުން، އެ މަސައްކަތްތެރިން ރަޖިސްޓަރީކޮށް، ރެގިއުލޭޓު ކުރުމަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ހާއްސަ ގޮތެއްގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު އެމަނިކުފާނުވަނީ ، އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލުމުން އެކަމަށް ބަންގްލަދޭޝް ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

ލާމަރުކަޒީ އުސޫލުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަކަށް ވާތީ އެ އަމާޒަށް ވާސިލްވުމަށް ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް އެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އެއާއެކު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އޭގެ ތެރޭގައި މެރިޓައިމް ދާއިރާ އާއި ޝިޕިން އަދި ޓެކްނިކަލް ޓްރެއިނިން ދިނުން ހިމެނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެބޭފުޅުން ވަނީ އެބޭފުޅުންނާއި ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355