ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ހަރަދުގައި 20 ސްކޮލާޝިޕް ދޭން އެ މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އެ މިނިސްޓްރީގެ ހަރަދުގައި 20 ސްކޮލަރޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ. މި ސްކޮލަރޝިޕްގެ ދަށުން އިނާޔަތެއްގެ ގޮތުގައި ކިޔެވުމުގެ ޚަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސަކާއި ދެކޮޅު ޓިކެޓް ދޭން ވަނީ ނިންމާފައެވެ. މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ހިދުމަތްކުރުމަށް ބޮންޑުކުރެވޭނެ ކަމަށެވެ. ބޮންޑު ކުރެވޭނެ މުއްދަތެއް ބުނެފައެއް ނުވެއެވެ.
ސްކޮލާޝިޕް ލިބޭ ފަރާތްތަކުން އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާ އިން މެލޭޝިއާގައި ކިޔެވުމަށް ހަމަޖެހިފައިވަނީ މާސްޓާސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން އެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
ސްކޮލާޝިޕަށް މީހުން ހޮވަން މާސްކު ދޭ އިރު މަސައްކަތުގެ ތަޖުރިބާއަށް 30 ޕަސެންޓް، ޕްރެޒެންޓޭޝަނަށް 30 ޕަސެންޓް އަދި އިންޓަވިއުއަށް 40 ޕަސެންޓް މާކްސް ދޭނެ އެވެ. އަދި މީގެ ކުރިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައި ނުވާ މީހަކަށް އިސްކަން ދޭނެ އެވެ.