twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޝާހިދުގެ ފޭނުން އޭނާގެ ފިލްމް "ޖާޒީ" ސިފަކުރަނީ ކަބީރް ސިންގް 2.0 ގެ ގޮތުގައި

މުޙައްމަދު އަހުމަދު
Nov 24, 2021

ޝާހިދު ކަޕޫރުގެ ކުރިއަށް އަންނަން އޮތް ފިލްމް ޖާޒީގެ ޓްރެއިލާ ރިލީޒްކުރުމާއެކު އޭނާގެ ފޭނުން މި ފިލްމް އޭނާގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ ކަބީރް ސިންގްގެ ދެވަނަ ވާޝަންގެ ގޮތުގައި ސިފަކޮށްފި އެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމަކީ ޓެލޫގޫ ނޭޝަނަލް އެވޯޑް ހޯދި ފިލްމެއްގެ ރީމޭކެކެވެ.

ފިލްމުގައި ޝާހިދު ކުޅެނީ ދަރިފުޅު އިންސްޕަޔާކުރުމަށް އަލުން ކުރިކެޓްގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ކުރީގެ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލެވެ. އަދި މި ފިލްމްގައި ޝާހިދުގެ އަންހެނުންގެ ރޯލު ކުޅޭނީ މްރޫނަލް ތާކޫރެވެ.

ފިލްމް ޑައިރެކްޓްކުރާނީ މީގެ އޮރިޖިނަލް ފިލްމްވެސް ޑައިރެކްޓްކުރި ޑައިރެކްޓަރު ގޯތަމް ޓިންނަނޫރީ އެވެ.

މިފިލްމްގެ ޓްރެއިލާއިން އެންމެ ފުރަތަމަ ފެށިގެންދަނީ ވަޒީފާއެއް ނެތް ކުރިކެޓް ކުޅުންތެރިއަކު އޭނާގެ ދަރިފުޅަށް ޖާޒީއެއް ގަނެދިނުމުގެ ހުވަފެން ހާސިލްކުރަން މަސައްކަތްތަކެއް ކުރަމުންދާ މަންޒަރެވެ. އޭނާގެ އަންހެނުންގެ އަތުން ރުފިޔާއަކަށް އެދުމުން އޭނާ އިންކާރުކުރުމުން އެއްގެއިން އަނެއް ގެއަށް ރުފިޔާގެ އިންތިޒާމު ހަމަޖެއްސުމަށް ޒިޔާރަތް ކުރަމުން އޭނާދެ އެވެ. ނަމަވެސް އެންމެފަހުން އޭނާގެ އަންހެނުންގެ ވޮލެޓުން ރުފިޔާ ވަގަށް ނަގާ ހިސާބަށް ކަންތައްތައްދެ އެވެ.

މިހުރިހާ ކަމެއްގެ ތެރެއިން އޭނާއަށް ކުރިކެޓް ޓީމެއްގެ އެސިސްޓެންޓް ކޯޗެއްގެ މަގާމު ހުށަހެޅިގެންދެ އެވެ. ނަމަވެސް މިކަމަށް އޭނާ ކޮންމެވެސް ވަރަކަށް ފަސްޖެހެ އެވެ. މިޓްރެެއިލާއިން ދެން ދައްކާދެނީ ކުރިކެޓް ކުޅުންތެރިއެއްގެ ދިރިއުޅުމާއި އެކުޅިވަރުން އޭނާ ދުރުވެގެން ދިޔައިރު ކަންތައް ހިނގަމުންދިޔަ ގޮތެވެ.

މިއީ ޝާހިދު ކަޕޫރުގެ ކުރިކެޓް ތީމަކަށް ކުޅޭ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2009 ވަނަ އަހަރު ނިކުތް ފިލްމް ދިލް ބޯލޭ ހަޑިއްޕާ! އެވެ. ކުރީގެ ފިލްމްގައި ރާނީ މުކަރްޖީވެސް ފެނިގެންދިޔަ އެވެ.

އޮރިޖިނަލް ފިލްމްގައި ލީޑް ރޯލް ކުޅުނީ ނާނީ އެވެ. އެފިލްމް ވަނީ ގައުމީ އެވޯޑެއް ވެސް ހާސިލްކޮށްފަ އެވެ. ނާނީ ވަނީ ރީމޭކްގެ ލީޑް ރޯލު ކުޅޭ ޝާހިދު ކަޕޫރަށް ތައުރީފުކޮށް ފުރިހަމަ ހުށަހެޅުމެއް ދައްކާނެ ކަމުގެ ޔަގީންކަށް އެބައޮތްކަން ހާމަކޮށްފަ އެވެ.

ޖާޒީ ރިލީޒްކުރަން އޮތީ 31 ޑިސެމްބަރުގައި އެވެ. އެއީ ރަންވީރު ސިންގްގެ ކުރިކެޓް ފިލްމް 83 ރިލީޒްކުރާތާ ހަފްތާއެއް ފަހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355