twitterviber whatsapp telegramfacebookyoutube instagram
24th April 2024

ވިމެން އިން ޓެކުން އަވަރ އޮފް ކޯޑް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަނީ

މުޙައްމަދު އަހުމަދު
Dec 2, 2021

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް، އަވަރ އޮފް ކޯޑް ޕްރޮގްރާމް ވިމެން އިން ޓެކުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.

މިއަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 18 ޑިސެމްބަރ 2021 ވާ ހޮނިހިރު ދުވަހުއެވެ. މި އިވެންޓަކީ ވިމެން އިން ޓެކް މޯލްޑިވްސްއިން ގްލޯބަލް އަވަރ އޮފް ކޯޑް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ބާއްވާ ލޯކަލް އިވެންޓެކެވެ.

އަވަރ އޮފް ކޯޑަކީ ކޮންމެ އަހަރަކު ޑިސެމްބަރ 6 އިން 12 އަށް ފާހަގަކުރާ ބައިނަލްއަގްވާމީ ކޮމްޕިއުޓަރ ސައިންސް ހަފްތާގެ ބައެއްގެ ގޮތުގައި މުޅި ދުނިޔޭގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އަވަރ އޮފް ކޯޑް އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ހުރިހާ އުމުރު ފުރަޔަކަށް ހުޅުވާލައިގެން 180 އަށް ވުރެ ގިނަ ގައުމުގައި އެތައް މިލިއަން ދަރިވަރުން އެއް ގަޑި އިރަށް ކޮމްޕިއުޓަރ ޕްރަގްރާމިންގއަށް އަހުލުވެރި ކުރުވާ ޕްރޮގްރާމް އެކެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ އަވަރ އޮފް ކޯޑް އެމްވީ އިވެންޓް ރާވާ ކުރިއަށް ގެންދަނީ ވިމެން އިން ޓެކް މޯލްޑިވްސް އިން އިސްނަގައިގެންނެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި އިވެންޓްގެ މެއިން ޕާޓްނަރަކީ ދިރާގެވެ.

މީގެ އިތުރުން ސަޕޯޓިންގ ޕާރޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، އުރީދޫ މޯލްޑިވްސް، އެލައިންޑް އިންޝުއަރަންސް ކޮމްޕެނީ އަދި ތިންކް ލަރން އިންސްޓިޓިއުޓްއިން ބައިވެރިވެ އެވެ.

އަވަރ އޮފް ކޯޑްގެ މި އިވެންޓް ކުރިއަށް ގެންދާނީ ވާޗުއަލް އަދި ފިޒިކަލްކޮށެވެ. މައި އިވެންޓް ކުރިއަށް ގެންދާނީ ގޫގުލް މީޓް ގައެވެ. ރާއްޖޭގެ އެކި ތަންތަނުގައި އެއްފަހަރާ ފިޒިކަލް ސެޝަންތައް ކުރިއަށް ގެންދިޔުމަށްވެސް ރާވާފައިވެ އެވެ. ސްކޫލްތަކާއި ޖަމްޢިއްޔާ ނުވަތަ އިންސްޓިޓިއުޓްތަކުން ބޭނުންނަމަ ވަކިން ފިޒިކަލް ސެޝަން ކުރިއަށް ގެންދިޔުމަށް ރަޖިސްޓަރީ ކުރެވިދާނެ އެވެ.

ފިޒިކަލް އަދި ވާޗުއަލްކޮށް ކުރިއަށް ގެންދެވޭ ދެބައިވެސް ކުރިއަށް ގެންދާނީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ މެންޓަރުންގެ ޓީމަކުންނެވެ. ފިޒިކަލް ސެޝަން ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން މިސެޝަން ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ ތަމްރީނާ އިރުޝާދު ފޯރުކޮށްދޭނެ އެވެ. އަދި ސެޝަންގައި ބޭނުން ކުރާނޭ މެޓީރިއަލް ވެސް ހިއްސާކުރާނެ އެވެ.

މިއީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުނަށް ކޯޑިންގ ތައާރަފްކޮށް ކޮމްޕިއުޓަރ ސައިންސް އަށް ޝައުގުވެރިކުރުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. ކޮމްޕިއުޓަރ ސައިންސް ދަސްކުރުމަކީ އުފެއްދުންތެރިކަމާއި މައްސަލަތަކަށް ހައްލު ހޯދުމުގެ ގާބިލްކަމާއި ހުނަރު އިތުރުވެގެން ދާނެ ކަމެކެވެ. ޅަފަތުގައި މިހުނަރު ދަސްކުރަން ފެށުމަކީ 21 ވަނަ ގަރުނުގައި ކޮންމެ ރޮގަކުންވެސް ކުރިޔަށް ދިޔުމާއި ކާމިޔާބީ ހާސިލް ކުރުމަށް އެޅޭ ބިންގަލަކެވެ.

ވިމެން އިން ޓެކަކީ ސައިންސްއާއި ޓެކްނޮލޮޖީ ގެ ދާއިރާއަށް އަންހެނުން ހޭލުންތެރިކުރުވާ، ހިތްވަރުދީ ކުރިއެރުވުމަށް ހުރި ފުރުސަތުތައް ހޯދައިދީ މުޖުތަމައު ބިނާކުރުމަށް އާ އުފެދުންތައް ފަހި ކޮށްދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލާފަ އެވެ. ރަޖިސްޓަރ ވުމަށް https://www.womenintechmv.org/hourofcodemv ވެބްސައިޓްގައިވާ ރަޖިސްޓްރޭޝަން ލިންކު ބޭނުންކުރައްވާށެވެ.
ރެޖިސްޓްރޭޝަންގެ ސުންގަޑި އަކީ 9 ޑިސެމްބަރ 2021 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355