twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސައުތް އޭޝިއާގެ މުބާރާތަކަށް ކުޅުދުއްފުށީގެ ޒުވާން އެތްލީޓެއް!

މުޙައްމަދު އަހުމަދު
Dec 6, 2021

އިންޑިއާގެ ކޮހީމާ އަދި ނަގަލޭންޑްގައި އަންނަ އަހަރު ޖެނުއަރީ 15 ގައި ފަށާ ސައުތް އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ދާ ގައުމީ ޓީމުގައި ކުޅުދުއްފުށީގެ ޒުވާން އެތުލީޓް އިބްރާހިމް އާދަމް (17އ) ހިމެނިއްޖެ އެވެ.

ކުޅުދުއްފުށީގައި އެތްލީޓުން ތަމްރީނުކުރާ ޝަރީފް ސްޕޯޓްސްއިން 2013 ވަނަ އަހަރުން ފެށިގެން ތަމްރީނުވަމުން އަންނަ ކުޅުދުއްފުށީ ރިހިތަރި، އިބްރާހިމް އާދަމް (މާރިއޯ) އަކީ ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގައި ވެސް ކުރިއަރަމުން އަންނަ ދިގު ދުވުންތެރިޔެކެވެ.

ލޯންގް ޑިސްޓޭންސްގެ ރޭސްތައް ޖަހާ މާރިއޯ، ކޭއޯއަށް ބުނީ، މިއީ އޭނާގެ ފުރަތަމަ ބޮޑު މުބާރާތް ކަމަށާއި ގައުމީ ޓީމު ތަމްސީލުކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ ގައުމީ ރެކޯޑްތައް މުގުރާލުން ކަމަށް މާރިއޯ ބުނެ އެވެ. އަދި މިފަދަ މުބާރާތަކުން ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށާއި ރަނގަޅު ނަތީޖާއެއް ނެރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުނެ އެވެ.

މާރިއޯ ހިމެނިފައިވަނީ ގައުމީ ޖޫނިއާ ޓީމުގައި އެވެ. އޭނާ މިމުބާރާތުގައި ވާދަކުރަނީ 8 ކިލޯމީޓަރު ކެޓަގަރީގަ އެވެ.

އޭނާގެ އިތުރުން އަދި 2 އެތްލީޓުން ހިމެނޭއިރު ޓީމަށް އެތްލީޓުން ނަގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބޭއްވި ޓައިމް ޓްރަޔަލުން އެންމެ ރަނގަޅު ނަތީޖާ ހޯދި އެތްލީޓުންނަށް ބަލާފަ އެވެ. އެގޮތުން މާރިއޯ ވަނީ ޓައިމް ޓްރަޔަލުން 2 ވަނަ ހާސިލްކޮށްފަ އެވެ. އޭނާ ރޭސް ނިންމީ 33:06:08 ންނެވެ.

އެއްވަނަ ހާސިލްކުރި އާބިދް އަހްމަދު ސިރާޖް ރޭސް ނިންމީ 31:58:07 ންނެވެ. އަދި ތިންވަނައަށް ދިޔަ ޝައިހާން މުހައްމަދު ރޭސް ނިންމާފައިވަނީ 34:30:05 ންނެވެ.

މިފަހަރުގެ ކްރޮސް ކަންޓްރީ މުބާރާތަށް ދާނީ ގައުމީ ފިރިހެން ޓީމު އެކަންޏެވެ. އަންހެން އެތްލީޓުން މަދުވުމުގެ ސަބަބުން މިފަހަރު ޓައިމް ޓްރަޔަލް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.

މިލިބުނު ފުރުސަތާމެދު ވަރަށް އުފާވާކަން ފާހަގަކުރަމުން މާރިއޯ ބުނީ ކުޑައިރުންސުރެ ވެސް އެންމެ ބޮޑު ސަޕޯޓެއް ދެމުން އަންނަނީ އޭނާގެ ކޯޗު އަލީ ޝަރީފް ކަމަށާއި އަދި އާއިލާގެ ފަރާތުން ލިބޭ ސަޕޯޓް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އަދި މާތްﷲ އަށާއި އާއިލާގެ އިތުރުން އެތްލެޓިކްސް އެސޯސިއޭޝަނާއި ކޯޗަށް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355