twitterviber whatsapp telegramfacebookyoutube instagram
9th May 2024

ހަނިމާދޫގައި ކަރަންޓީނުގައި ތިބި ބަޔަކު ޓާސްކްފޯސްއަށް ނޭގި ކައުންސިލުން ދޫކޮށްލައިފި

- އެކަމަކު ކައުންސިލުން މިކަން ދޮގުކުރޭ

ނަބީލާ އިސްމާޢީލް
Dec 12, 2021
2

ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ހދ. ހަނިމާދޫގައި ޑައިރެކްޓް ކޮންޓެކްޓް އަދި ޕޮޒިޓިވްވެގެން ކަރަންޓީނުކޮށްފައިވާ ބައެއް ފަރާތަކުން އެ ރަށު ކޮވިޑް ޓާސްކްފޯސްއަށް ނާންގާ ކައުންސިލުން ދޫކޮށްލިކަމުގެ ޝަކުވާތަކެއް ލިބިއްޖެ އެވެ.

އިތުބާރުހުރި މަސްދަރަކުން މިނޫހަށް މައުލޫމާތު ދިންގޮތުގައި ކައުންސިލުން އެ މީހުން ދޫކޮށްލާފައިވަނީ ރައްޔިތުންނަށް 14 ދުވަހު ގޭގައި ބަންދުވެގެން ތިބުމަކީ ދަތިކަމަކަށްވާނެ ކަމަށް ބުނެ ކަމަށެވެ.

އެގޮތުން މިނޫހުން ކަރަންޓީން ނޯޓިސް ނެއްޓިކަމުގެ ޝަކުވާލިބިފައިވާ ބައެއް ގޭތަކަށް ގޫޅާލުމުން އެތަނުން ބައެއް ފަރާތްތަކުން ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

"އަޅުގަނޑު މިތާ ދޮރުމަތީ ހުއްޓާ ކައުންސިލްގެ ބޭފުޅަކު އައިސް ބުނީ ކަރަންޓީނުގައިހޭ ތި ހުރީ. ދެން އަޅުގަނޑު އާއެކޭ! ބުނީމަ ބުނީ ޓެސްޓް ހަދައިފިންހޭ. ދެން އަޅުގަނޑު ބުނިން ޓެސްޓް ހަދައިފިއޭ ނެގެޓިވްއޭ، އެކަމަކު ޑައިރެކްޓް ކޮންޓެކްވީމަ ކަރަންޓީނުގަ އޭ މި ހުރީ، ދެން އެ ކައުންސިލްގެ ބޭފުޅާ ބުނީ ޕޮޒިޓިވްއެއް ނޫނޭނުން ހޭ، އެހެންވީމަ ދެން ނިކުތަސް އެންމެ ރަނގަޅުވާނެ، ދެން އަޅުގަނޑު ބުނިން ނޯޓިސްވެސް އެބަ އިނޭ އެހެންވީމަ ނުކެރޭނޭ ނިކުންނާކަށް. އެހެންބުނީމަ ނޯޓިސް ނައްޓާލާފަ އެ ބޭފުޅާ ދިޔައީ." ކޭއޯއަށް މައުލޫމާތު ދެމުން އެރަށު މީހަކު ބުންޏެވެ.

އެމީހާ އިތުރަށް ބުނީ ނޯޓިސް ނައްޓާލިމާވެސް ނުކުންނަން ނުކެރިގެން ހެލްތް ސެންޓަރަށް ގުޅިކަމަށެވެ. ނަމަވެސް ހެލްތް ސެންޓަރުން ނުކުތުމުގެ ހުއްދަ ނުދޭކަމަށާއި ހެލްތް ސެންޓަރުން ބޭރުގައި ނޫޅުމަށާއި އެޗްޕީއޭގެ ގަވައިދުތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވި ކަމަށެވެ.

އަދިވެސް އިތުރު 2 ފަރާތަކުން ވަނީ ނޯޓިސް ނެއްޓިކަމުގެ ޝަކުވާ ލިބިފަ އެވެ. ނަމަވެސް އެފަރާތްތަކުން ނޫހަށް މައުލޫމާތު ދިނުމަށް ދެކޮޅު ހެދި އެވެ.

މި ކަމާ ބެހޭ ގޮތުން ކައުންސިލްގެ ބަހެއް ހޯދާލުމަށް ހަނިމާދޫ ކައުންސިލް އިދާރާގެ ޒިމާދާރު ވެރިޔާ މުހައްމަދު އާސިފަށް ގުޅާލުމުން ވިދާޅުވީ ކައުންސިލުން އެއްވެސް ގެއެއްގެ ކަރަންޓީން ނޯޓިސް ނުނައްޓާކަމަށާއި ނަމަވެސް ކަރަންޓީންކޮށްފައިވާ ގެއަކަށް ވިޔަފާރިކޮށްދިނުމަށް ކައުންސިލުން އެހީފޯރުވައިދިން ކަމަށެވެ.

ނަމަވެސް އާސިފް ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމުގެ ހުއްދަ ދިންކަމަށެވެ. "ސިއްހީ ފަރުވާއަށް ކުޅުދުއްފުއްޓަށް ނުވަތަ އެހެން ޒަރޫރީ ބޭނުމެއްގައިވެސް ރަށުން ފުރައިގެންދާން ބޭނުންވާ ފަރާތެއް ހުރިނަމަ ސިއްހީ މަރުކަޒާ ވާހަކަ ދައްކާލާފަ ކައުންސިލުން ހުއްދަ ދޭނެ". އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ ކަރަންޓީންގައި ހުރި ފަރާތެއް ނުކުތް ވާހަކަ ތި ބުނާ ފަރާތަކީ އަބަދުވެސް ތަކުރާރުކޮށް ހެދިފަހުންނަ ގަވައިދުތަކާ ހިލާފުވާ ފަރާތެއް ކަމަށެވެ.

އާސިފް ވިދާޅުވީ އެ މީހާ އަމިއްލައަށް މީހުން ކައިރިން ކައުންސިލުން ހުއްދަ ހޯދައިގެން ނުކުމެގެން އުޅޭކަމަށް އަޑު ފެތުރީ ކަމަށެވެ. އެ މީހާއަކީ މަސްތުވާ އެއްޗެހި ބޭނުންކޮށް ކުށުގެ ރެކޯޑް ވަރަށް ބޮޑަށް އޮންނަ ފަރާތެއް ކަމަށާއި ތިން ހަތަރު ފަހަރަކު އެ މީހާ ވާނީ ޖޫރިމަނާވެސް ކޮށްފައި ކަމަށެވެ.

އާސިފް ވިދާޅުވީ ކައުންސިލުން އެއްވެސް ފަރާތަކަށް ދެރަގޮތެއްވާކަށް ނޭދޭ ކަމަށާއި ކޮވިޑުން ރައްކާތެރިވުމަށް ހުރިހާ މުއައްސަސާތަކަށްވެސް އެއްބާރުލުންދޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355