twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުނި ނައްތާލުމުގެ އެންމެ ބޮޑު މަޝްރޫއު އިފްތިތާހުކޮށްފި

ނަބީލާ އިސްމާޢީލް
Dec 15, 2021

ކުނި ނައްތައިލުމާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ފަށާ އެންމެ އަގު ބޮޑު އެއް މަޝްރޫއު "ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ" މަޝްރޫއު އިފްތިތާހުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި ކުނި މެނޭޖްކޮށްގެން، ތިމާވެށި ރައްކާތެރިކުރުން ނޫންކަމަށާއި، ތިމާވެށްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީ ވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގަ އެވެ.


އަދި "ވޭސްޓް ޓު އެނާޖީ" މަޝްރޫއަކީ، މާލެއަތޮޅާއި، އަރިއަތޮޅާއި، ވާވުއަތޮޅުގެ ހުރިހާ ރަށްރަށާއި ރިސޯޓްތަކުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ ވަރަށް މުހިންމު މަޝްރޫއެއްކަމުގައި ވިދާޅުވެ، މިއީ ކުނި ނައްތައިލުމާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ފަށާ އެންމެ އަގު ބޮޑު އެއް މަޝްރޫއުކަން ހާމަކުރައްވާފައެވެ.


ދިވެހި ސަރުކާރާއި ބޭރުގެ އެހީ ދޭ ހަ ފަރާތެއްގެ މާލީ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫއުގެ ޖުމްލަ އަގަކީ، 304 މިލިއަން ޑޮލަރެވެ.

ރައީސް ވިދާޅުވީ ރަށްރަށުން ތިލަފުށްޓަށް ކުނި ގެންނަމުން އައީ ތިމާވެށްޓަށް މާބޮޑު ސަމާލުކަމެއް ދީގެން ނޫންކަމުގައާއި އެއް ތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭ ގޮތް މެދުވެރިވާކަމުގައި ވިދާޅުވެފައެވެ. އަދި، މިއީ ރަނގަޅަށް ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ދިމާވި ކަމެއްކަމަށާއި، ޤައުމު ތަރައްޤީ ކުރަންވާނީ ވެސް، އަދި އިޤްތިސާދީ ހަރަކާތްތައް ހިންގަންވާނީވެސް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހުޅަނގު މޫސުމުގައި ތިލަފުށިން ކުނި އެންދުމުގައި ވިލިމާލެއާއި މާލެ ރައްޔިތުންނަށް މީގެ ކުރިން ލިބުނު ދުމުގެ އުނދަގޫތައް މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުން މިހާރު ނުލިބޭނެ ގޮތަށް އިންތިޒާމުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

މި މަޝްރޫއުގެ އެންމެ މުހިންމު ކަމަކީ، މިއީ ކުނި ނައްތައިލާ މަޝްރޫއަކަށް ވުންކަމަށާއި، މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ގާއިމުކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތައިލާއިރު، ކުނީގެ މާނައިގައި ހިމެނިގެން، އެއްލާލަންޖެހޭ މާބޮޑު އެއްޗެއް ނޯންނާނެކަމުގައި ވިދާޅުވެފައެވެ.

ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ މެޝިނުން ދުމެއް ވިހައެއް އަދި ވަހެއް ވެސް ބޭރު ނުވާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ކުނިތައް ނެތިގެންދާއިރު އޭގެ ބަދަލުގައި އުފެދޭނީ ޙަކަތަ ކަމުގައި ވިދާޅުވެފައެވެ. އަދި، ކުނި އަންދައިގެން ކަރަންޓު އުފެއްދުމަކީ، އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުނި މެނޭޖްކޮށް ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަޙައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއް ނޫންކަމށާއި، މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރި ގޮތުގައި ނައްތާލައިގެން ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެއްކަމުގައި ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކީ ޢުމްރާނީ މަސައްކަތްތައް ވެސް އިތުރުވަމުން އަންނަކަމަށާއި، ފަތުރުވެރިކަން ފުޅާވެ އިޤްތިޞާދީ ޙަރަކާތްތައް ވެސް އިތުރުވަމުންދާއިރު މިފަދަ ކޮންމެ ބަދަލަކާއެކު، ކުނި އުފެދޭ މިންވަރު ވެސް އިތުރުވާނެކަމުގައެވެ.

އަދި، ކުނި މެނޭޖްކުރާނެ މަރުކަޒުތައް ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ގާއިމުކުރުމުގެ ހަގީގީ ބޭނުމަކީ މިއީކަން ހާމަކުރައްވަމުން ރައީސް ވަނީ އެ މަރުކަޒުތަކުގެ މަސައްކަތް ފަށައިގަތުމުން، ރަށްރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތައިލެވޭނެކަމުގައި ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355