ދިވެހި ރާއްޖެއަކީ މައިގަނޑު ގޮތެއްގައި މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އިންޑިއާ ކަނޑުގައި އޮންނަ ކުޑަ ޖަޒީރާ ގައުމެކެވެ. މަސްވެރިކަމުން ނަފާ ހޯދަމުން އަންނަ މިގައުމުގެ ކަނޑަކީ މަސް ތިޔާގި ކަނޑެކެވެ.
ރާއްޖޭގެ ކަނޑުތަކުގައި ތަފާތު ވައްތަރުގެ އެކިކަހަލަ ރީތި އެތައް ހާސް މަހެއް އުޅެ އެވެ. މަސްވެރިން ބާނައިގެން މިމަސްތައް ވިއްކާ ނަފާ ހޯދާއިރު ރާއްޖޭގެ ކަނޑުތަކުގައި ބާނާ އަހަރެމެން ކައި ހަދާ މަސްތަކާ ބެހޭގޮތުން އެނގުމަކީ ދިވެހިންނަށް ވަރަށް މުހިންމުކަމަކަށް ވާނެކަން ޔަގީނެވެ.
އެގޮތުން މިއަދު މިބަލާލަނީ ރާއްޖޭގެ ކަނޑުތަކުގައި ވަރަށް މަޝްހޫރު އަދި ދިވެހިން ވަރަށް ގިނައިން ބާނާ ކައި އުޅޭ މަހެއްގެ އާއިލާއަށެވެ. އެއީ ހިބަރެވެ. ހިބަރު އާއިލާއެވެ. ހިބަރު އާއިލާގެ ތެރޭގައި ހަތަރު ވައްތަރެއްގެ ހިބަރު ހިމެނެ އެވެ. އެއީ ފަންގަނޑު ހިބަރާއި ކަޅުމަސް ހިބަރުގެ އިތުރުން ނޫމަސް ހިބަރު އަދި ތުންގަނޑު ހިބަރެވެ.
ފަންގަނޑު ހިބަރު ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ އިންޑޯ-ޕެސިފިކް ސެއިލް ފިޝްއަކީ ދިވެހި މަސްވެރިން ދަންނަ ވަރަށް މަޝްހޫރު ހިބަރު ވައްތަރެކެވެ. އެތެރެވަރީގެ ކަނޑުތަކުގައްޔާއި އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މި ހިބަރަކީ ހިބަރުގެ އެހެނިހެން ބާވަތްތަކާއި ހިލާފަށް ފަރުފަރުގެ ވަރަށް ކައިރިއަށް އައިސްއުޅޭ ހިބަރެކެވެ.
ކެއުމަށް ބޭނުންކޮށްއުޅޭ މި މީރު މަހުގެ ބުރަކަށިމަތީ ގައްޔާއި، ބަނޑުދަށް ފަރާތުގައި ދެކޮތަރިބައި ހުންނައިރު ބުރަކަށިމަތީ ކޮތަރިބައިގައި 42 އާއި 49 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެ އެވެ. މިކޮތަރިބައި ހުޅުވާލާފާ ހުންނައިރު ހީވާނީ ފަންއަރިއެއް ހެންނެވެ. ދެވަނަ ކޮތަރިބައިގައި 6 ނުވަތަ 7 މަޑުކަށި ހުންނައިރު މަހުގެ ނިގޫފަތުގެ ބުޑުދަށުގެ ދެއަރިމަތީގައި ދެކުރަގަނޑު ހުރެ އެވެ.
ފަންގަނޑު ހިބަރަކީ ކަނޑުގެ ތެރެއިން ގެނބުރަށްދުވެ ދަތުރުކުރާ ހިބަރެކެވެ. މިމަސް ގިނައިން އުޅެނީ އެއް އިސްކޮޅަކުން މަދުއަދަދަކުން އައިން ހަދައިގެންނާއި އެކަހެރިކޮށެވެ.
3.2 މީޓަރަށް ބޮޑުވާ މިމަހުގެ ކާނާއަކީ ބޯވަ، ބޯވަ ދިލަމަހާއި، ޑިނގާ ފާނޑުގެ ސޫތްޕާއި މަސްމަހާ މެއްސެވެ.
މަހުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުނޫކުލަ އެވެ. ބަނޑުދަށް ފަރާތް ހުންނަނީ ހުދު ކުލައެއްގައެވެ. މަހުގެ ދެއަރިމަތީގައި ފަނޑުނޫކުލައިގެ ލައްތަކެއް ރޮނގަކަށް ވާގޮތަށް، މަހުގެ ހުރަހަށް ހުންނައިރު މަހުގެ ކޮތަރިތައް ހުންނަނީ ނޫކުލައެއްގައެވެ. މިއީ ލޭނު އަޅައިގެންނާއި، ވަދު އަޅައިގެން، އަދި މަޑަޖަހައިގެން ހިފައިއުޅޭ ވައްތަރުގެ ހިބަރެކެވެ.
ކަޅުމަސް ހިބަރު ނުވަތަ އިނގިރޭސިން ބުނާނަމަ ބްލެކް މާރލިންއަކީ އާންމުކޮށް މާކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ދިވެހި މަސްވެރިން ވަދުގައި މަދުމަދުން ބާނާ އުޅޭ މަހެކެވެ. މަހުގެ މަތީ ތުނބުގެ ކޮޅު ވަކިން ދިގުވެފައި ހިމައިރު މަހުގެ ބުރަކަށިމަތީގައި ދެކޮތަރިބައި ހުރެއެވެ.
ފުރަތަމަ ކޮތަރިބައިގައި 38 އާއި 45 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެ އެވެ. މިކޮތަރިބައި ހުންނަނީ ކުރީކޮޅު އުސްކޮށް ފަހަތުބައި ވަރަށް ތިރިކޮށެވެ. ބުރަކަށިމަތީ ދެވަނަ ކޮތަރިބައިގައި 6 ނުވަތަ 7 މަޑުކަށި ހުރެ އެވެ. މަހުގެ ނިގޫކޮޅުގެ ދެފަރާތުގައި ދެކުރަގަނޑު ހުރެ އެވެ. މިއީ ދެފެން ދޭތެރޭގައި އުޅޭ ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ.
ކަޅުމަސް ހިބަރު އެންމެ ބޮޑުވަނީ 4.6 މީޓަރަށް ކަމުގައިވާއިރު މަހުގެ ކާނާއަކީ ކަނޑުމަހުގެ ބާވަތްތަކާއި، ހަނދީގެ ވައްތަރު ތަކާއި، ބޯވަދިލަ މަހާއި، ކަކުނި ފާނޑުގެ ސޫތްޕެވެ. މިހިބަރުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދު ރިހިކުލަ އެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ދެކަށިދޭތެރޭގައި ހުންނަ ހަންފައްތަކުގެ ކުލައަކީ ކަޅުނޫކުލަ އެވެ. މަހުގެ އަރިމަތީގައި ފާހަގައެއް ނުވަތަ ލަފެއް ނުހުރެ އެވެ.
ނޫމަސް ހިބަރު ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ އިންޑޯ-ޕެސިފިކް ބްލޫ މާރލިންއަކީ ހިބަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް ބާނައި އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 4.3 މީޓަރަށެވެ. މަހުގެ މަތީ ތުނބުގެ ކޮަޅަށް ފަލަވެފައި ދިގެވެ.
މަހުގެ ބުރަކަށިމަތީގައި ދެކޮތަރިބައި ހުރެއެވެ. ފުރަތަމަ ކޮތަރިބައިގައި 40 އާއި 45 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެ އެވެ. މިކޮތަރިބައިގެ ކުރީކޮޅު ހުންނަ ކަށިތައް ފަހަތު ބައިގައި ހުންނަ ކަށިތަކަށްވުރެ ދިގުވާނެ އެވެ. ބުރަކަށިމަތީ ދެވަނަ ކޮތަރިބައިގައި 6 ނުވަތަ 7 މަޑުކަށި ހުރެ އެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ވެސް ދެކޮތަރިބައި ހުރެ އެވެ.
މާކަނޑުތަކުގައި އުޅޭ ތުންގަނޑު ހިބަރު އަދި ކަޅުމަސް ހިބަރު އާއި ހިލާފަށް މިހިބަރު ވަރަށް މަދުން ނޫނީ އެތެރެވަރީގެ ކަނޑުތަކަށް އައިސްއެއް ނޫޅެ އެވެ. މިއީ ދެފެން ދޭތެރޭގައި އުޅޭ މަހެކެވެ.
މިބާވަތުގެ ޅަމަސް ކުދި އައިން ހަދައިގެން އުޅޭއިރު ބޮޑެތި މަސް އުޅެނީ އެކަހެރިކޮށެވެ. މިބާވަތުގެ ހިބަރުގެ ކާނާއަކީ މަހާއި، ކަކުނި ފާނޑުގެ ސޫތްޕާއި، ބޯވަ ދިލަމަހެވެ. ބުރަކަށިމަތީގެ ކުލައަކީ ކަޅުނޫކުލައެވެ. ބަނޑުދަށްފަރާތުގައި ހުންނަނީ ރިހި ހުދުކުލަ އެވެ. މަހުގެ ދެއަރިމަތީގައި ވަރަށް ރީތި ނޫކުލައެއްގެ 15 ވަރަކަށް ހުރަސް ރޮނގު ހުރެ އެވެ.
ތުންގަނޑު ހިބަރު ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ ސްވޯޑް ފިޝްއަކީ ދިވެހި މަސްވެރިން ވަދާއި ލޭނުގައި ބާނާއުޅޭ މަހެކެވެ. މަހުގެ މަތީ ތުން އެހެނިހެން ހިބަރުގެ ބާވަތްތަކާއި ހިލާފަށް މާބޮޑަށް ކަނޑިއެއްހެން ދިގުކޮށް ހުރެ އެވެ.
ހިބަރުގެ ބުރަކަށިމައްޗާއި ބަނޑުދަށް ފަރާތުގެ ދެވަނަ ކޮތަރިބައި ފުރަތަމަ ކޮތަރިބަޔަށްވުރެ މާކުޑައެވެ. ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 34 އާއި 49 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެ އެވެ. އަދި ދެވަނަ ކޮތަރިބައިގައި 4 އާއި 6 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެ އެވެ. މިހިބަރުގެ ކަރުތާފަތްގަނޑާ ދިމާލުން ބަނޑުދަށުގައި ހުންނަ ކޮތަރިއެއް ނުހުރެ އެވެ.
މަހުގެ ނިގޫފަތުގެ ބުޑުގެ ދެފަރާތުގައި ވަރަށް ބޮޑު ދެކުރަގަނޑު ހުންނައިރު މިބާވަތުގެ ބޮޑެތި ހިބަރުގައި ހުނބުޅެއް ނުހުރެ އެވެ. މަހުގެ ބުރަކަށި މައްޗާއި ދެއަރިމަތީގެ ކުލައަކީ ކަޅުމުށި ކުލަ އެވެ. ބަނޑުދަށް ފަރާތުގައި ހުންނަނީ ވަރަށް ފަނޑު މުށިކުލައެކެވެ.
ތުންގަނޑު ހިބަރު އަދި ވޮށިމަސް މިޔަރު އަކީ އަދާވަތްތެރީންގެ ގޮތުގައި މަޝްހޫރުވެފައިވާ ދެމަހެވެ. މިހިބަރަށް ކަންނެމި ހިބަރޭ ވެސް ކިޔައެވެ.
ތުންގަނޑު ހިބަރު އަކީ ހޫނު ކަނޑުތަކާއި ފިނި ކަނޑުތަކުގައި ވެސް އުޅޭ މަހެކެވެ. މިއީ އާންމު ގޮތެއްގައި ދެފެން ދޭތެރޭ އުޅޭ މަހެއް ކަމަށް ވިޔަސް ކަނޑުގެ އަޑިން 650 މީޓަރުގެ ފުނުގައި ވެސް މިބާވަތުގެ ހިބަރު އުޅެ އެވެ.
މި ހިބަރުގެ ކާނާއަކީ ކަނޑުގެ މަތީބައިގައި އުޅޭ ތަފާތު ބާވަތް ބާވަތުގެ މަހާއި، ކަކުނި ފާނޑުގެ ސޫތްޕާއި ބޯވަ ދިލަ މަހެވެ. މިމަސް އެންމެ ބޮޑުވަނީ 4.5 މީޓަރަށެވެ.