ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ގާއިމުކުރި ކޮމިއުނިޓީ ޖިމް ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ. މިކަމަށްޓަކާ މިއަދު ކޮމިއުނިޓީ ސެންޓަރުގައި ބޭއްވި ހަފުލާއެއްގައި މި ޖިމް ހުޅުވައިދެއްވީ ކުޅިވަރަށާއި އިޖުތިމާއީ ގޮތުން ރަށަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބޫބަކުރު ހުސެއިން (ޕެލޭ) އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވީ، ކަސްރަތުކުރާނެ އެކަށީގެންވާ ޖިމެއްގެ އިންތިޒާރުގައި ޒުވާނުން ތިބޭތާގައި އެތަކެއް ދުވަހެއް ވެއްޖެ ކަމަށެވެ. އަދި ޖިމާއެކު މުޖުތަމައުއަށް އިތުރު ތަރައްގީއެއް ލިބިގެންގޮސްފައިވާކަމަށެވެ.
ސްޓޭޑިއަމް ފިޔަވާ ޔޫތު މިނިސްޓްރީގެ އެހެން ފެސިލިޓީތަކަށްވެސް މިނިސްޓްރީން އަޅާލާ މަންޒަރު ޒަމާންތަކަކަށްފަހު މިހާރު ފެންނަށް ފަށާފައިވާކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ކުޅުދުއްފުށީގައި ކުޅިވަރު ތަރައްގީކުރުމާ ބެހޭގޮތުން މިނިސްޓަރު މަހުލޫފްވެސް އުފާވެރި ހަބަރުތަކެއް ދެއްވާފައިވާ ކަމަށެވެ.
އަދި ޒުވާނުންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި މިނިސްޓަރު މަހުލޫފް ކުޅުދުއްފުށީގައި ކުޅިވަރު ތަރައްގީކުރުމަށް ސަރުކާރުން ރާވާފައިވާ ބައެއް ޕްރޮޖެކްޓްތައްވެސް އިއުލާނުކުރެއްވިއިރު އެކަންތައްތައް މޭޔަރު ތަކުރާރުކުރެއްވި އެވެ.
އެގޮތުން ސަރުކާރުން ޓާރފް އަޅައިގެން ތަރައްގީކުރަމުންދާ ޒިގްޒެގް ދަނޑުގައި ރެސްޓްރޮމް އިމާރާތަކާއި ލައިޓިންގ އަދި ކޮރަލް ދަނޑުގެ ފެންސު މިނިސްޓްރީން ގާއިމުކުރަން ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ.
މޭޔަރު ވިދާޅުވީ މީގެ އިތުރުންވެސް ކުޅުދުއްފުށީގެ ކުޅިވަރު ތަރައްގީކުރުމަށް މިނިސްޓްރީން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަން މިނިސްޓަރު މަހުލޫފް ވިދާޅުވެފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ. އަންނަ އަހަރު ސިންތަޓިކް ޓްރެކަކާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރަން ބަޖެޓްގައި ހިމަނާފައިވާކަންވެސް މޭޔަރު ފާހަގަކުރެއްވި އެވެ.
ކައުންސިލާއި ޔޫތު މިނިސްޓްރީއާއެކު ވޮލީކޯޓެއް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ އެކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާއިރު އެ މަަސައްކަތުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މޭޔަރު ވިދާޅުވި އެވެ.
ޖިމް ބޭނުންކުރެވޭނީ ރެޖިސްޓްރީކޮށް މެމްބަރޝިޕް ފޯމު ފުރައިގެންނެވެ. އެގޮތުން 16 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މެމްބަރަކަށް ވެވިދާނެ އެވެ. ރެޖިސްޓަރ ފީ އެއްގެ ގޮތުގައި 50 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު މެމްބަރޝިޕް ފޯމު އޮންލައިންކޮށް ފުރިހަމަކުރެވޭނެ ގޮތް ކައުންސިލުން ވަނީ ހަމަޖައްސައިދީފަ އެވެ.
ޖިމްގެ މެމްބަރޝިޕް ފީ ދެ ގޮތަކަށް ދެއްކިދާނެ ކަމަށް ކައުންސިލުން ބުނެ އެވެ. އެއީ މަހުން މަހަށް ދައްކާނަމަ މެމްބަރޝިޕް ފީ އަކީ މަހަކު 200 ރުފިޔާ އެވެ. އަދި އަހަރަކަށް ގަނޑުކޮށް ފީ ދައްކާނަމަ ފީ އަކީ އަހަރަކަށް 2000 ރުފިޔާ ކަމަށް ކަނޑައަޅާފައިވާއިރު އަހަރަކަށް ގަނޑުކޮށް ފީ ދައްކާނަމަ 400 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ އެވެ.